ޚަބަރު

މީހަކު މަރުވި އެކްސިޑެންޓަކާ ގުޅިގެން ކުޑަކުއްޖަކު ގޭބަންދު ކުރީ ރަނގަޅަށް: ހައިކޯޓު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ފޮޓޯ: މިހާރު

ހުޅުމާލޭގައި ކުޑަ ކުއްޖަކު ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި މީހަކު މަރުވުމުގެ މައްސަލައިގައި އެކުއްޖާ އެއް އަހަރަށް ގޭ ބަންދު ކުރަން ޖުވެނައިލް ކޯޓުން ހުކުމް ކުރީ ރަނގަޅަށް ކަމަށް ހައިކޯޓުން ނިންމައިފިއެވެ.

Ads by STELCO

އުމުރުން 16 އަހަރުގެ ކުއްޖަކު 2017 ވަނަ އަހަރުގެ އޯގަސްޓު މަހު، ބާރު ސްޕީޑެއްގައި ސައިކަލު ދުއްވާފައި ދަނިކޮށް، ދުއްވާފަދިޔަ އެހެން ސައިކަލެއްގައި ޖެހި އެ ސައިކަލު ދުއްވަން އިން އުމުރުން 64 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާވެ އެމީހާ ވަނީ މަރުވެފައެވެ.

އޭނާ މަރުވީ އެއަހަރުގެ ސެޕްޓެމްބަރު މަހުގައެވެ.

މިމައްސަލާގައި އެ ކުއްޖާ އެއް އަހަރާއި 24 ދުވަހަށް ގޭ ބަންދު ކުރަން ޖުވެނައިލް ކޯޓުން މިދިޔަ އަހަރު ހުކުމްކުރީ މީހަކު މަރުވެ ދިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ކުށުގައެވެ.

އެ ކުއްޖާގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމުން، އިސްތިއުނާފު ޝަރީޢަތުގައި އިއްޔެ ކުރި ހުކުމުގައިވަނީ ޤާނޫނުލް އުގޫބާތުގެ 53 ވަނަ މާއްދާ ދަށުން ކުޑަކުދިން ކުރާ ކުށްތަކަށް މައާފް ލިބެނިވި ދިފާއު ލިބިގެން ވިޔަސް، އިސްލާމްދީނުގައި ހައްދު ކަނޑައެޅޭ ކުށްތަކާއި އަނިޔާވެރި ކުށްތަކުގެ ޒިންމާ އެ ކުދިން ނަގަން ޖެހޭ ކަމަށާއި، އެ ކުއްޖާ ކުރި އަމަލަކީ ލައިސަންސް ނެތި ބާރު ސްޕީޑުގައި ސައިކަލު ދުއްވުމުން ކަމަށް ވާއިރު، އޭގެ ނަތީޖާއެއްގެ ގޮތުން އެކްސިޑެންޓުވެ މީހަކަށް އަނިޔާވެ، މަރުވުމަކީ އެ ކުށުގެ ޒިންމާ އޭނާ އުފުލަން ޖެހޭ ފަދަ އަނިޔާވެރި ކުށެއް ކަމަށެވެ.

އެހެންކަމުން އެ ހާލަތުގައި މައާފް ލިބެނިވި ދިފާއު އެ ކުއްޖާއަށް ނޯންނާނެ ކަމަށް ވެސް ހައިކޯޓުގެ އެހުކުމުގައި ވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!