ދުނިޔެ

އިންތިހާބުން ބަލިވެއްޖެނަމަ ޓްވިޓާއިން ޓްރަމްޕްގެ އެކައުންޓް ޑިލީޓު ކޮށްލަފާނެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވިއްޖެނަމަ، އޭނާ މިހާރު ރަސްމީކޮށް ގެންގުޅޭ ޓްވިޓާ އެކައުންޓު ވެސް ގެއްލިދާނެ ކަމަށް ޚަބަރު ފެތުރެން ފަށައިފިއެވެ.

Ads by Sosun Fihaara

މިވަގުތު އޭނާއަށް ލިބިދީފައިވާ ބާރުގެ ދަށުން، ޓްވިޓާއިން ބޭން ނުވެ، ބޭނުން ކޮންމެ އެއްޗެއް ވެސް އެ އެކައުންޓުން ޕޯސްޓު ކުރެވިދާނެއެވެ. ނަމަވެސް ރައީސް ކަމަށް އިންތިހާބު ނުވެއްޖެނަމަ، އެޙައްޤުތަކާއި ބާރު ވެސް ޓްރަމްޕަށް ގެއްލޭނެއެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން ކުރިއަށްދާއިރު، ރިޔާސީ ކެންޑިޑޭޓު ޖޯ ބައިޑަން މޮޅުވެ، އެމެރިކާގެ ރައީސް ކަމާއި ޖަނަވަރީ މަހު ހަވާލުވެ ވަޑައިގަތުމުން، ޓްރަމްޕް މިހާރު ގެންގުޅޭ ޓްވިޓާ އެކައުންޓު ޑިލީޓު ވާނެއެވެ. ނޫންނަމަ އޭނާ ކޮށްފައިހުރި ހުރިހާ ޕޯސްޓެއް ޑިލީޓު ވާނެއެވެ.

އިންތިހާބުގެ ނަތީޖާތައް އަންނަމުން ދިޔަ ގޮތާއިމެދު ކަންބޮޑުވުން ފާޅުކޮށް ޓްރަމްޕް ވަނީ ޓްވިޓާ މެދުވެރިކޮށް އެކި ތުހުމަތުތައް ކޮށްފައެވެ. އެގޮތުން އިންތިހާބުގައި އޮޅުވާލުން ހިންގާ ކަމަށް ވެސް ބުނެފައިވެއެވެ.

ރިޕޯޓުތަކުން ބުނާ ގޮތުގައި އެތުހުމަތުތަކާއި ގުޅިގެން ޓްވިޓާއިން ވަނީ ޓްރަމްޕަށް އިންޒާރުދީ، އޭނާގެ ބައެއް ޕޯސްޓުތައް އެހެން މީހުންނަށް ނުފެންނަ ގޮތް ހަދާފައެވެ.

ރައީސް ކަމުގައި ހޭދަކުރި ހަތަރު އަހަރު ، ޓްރަމްޕް ވަނީ އެތައް ބަޔަަކަށް އޭނަގެ ބަސްތަކުން ފުރައްސާރަކޮށް، ބައެއް މީޑިއާތަކަކީ ވެސް ފޭކު މީޑިއާތަކެއް ކަމަށް ވެސް ބުނެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!