ރަޝިޔާގެ ރައީސް އިސްތިއުފާ ދޭން އުޅޭ ވާހަކަ ދޮގުކޮށްފި

ރަޝިޔާގެ ރައީސް ވްލެޑެމިއާ ޕުޓިން އެމަޤާމުން އިސްތިއުފާދޭން އުޅޭ ވާހަކަ ދޮގުކޮށްފިއެވެ.
ތަރުޖަމާނު ދްމިތުރީ ޕެސްކޯވް "އަލް ޖަޒީރާ" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށާއި ރައީސް ކަމުން އިސްތިއުފާ ދެއްވަން ޕުޓިން ނުވިސްނަވާ ކަމަށެވެ.
ޕުޓިން އިސްތިއުވާ ދެއްވަން އުޅުންވަނީ ބަލިހާލު ދެރަވެ ތުރުތުރު އަޅާތީ ކަމަށް ވެސް ބުނެ ދެކެވެމުން އަންނަ ވާހަކަތައް ޕެސްކޯވް ވަނީ ދޮގު ކުރައްވާފައެވެ. އޭނާ ވިދާޅުވެފައި ވަނީ ޕުޓިންގެ ހާލުކޮޅު ވަރަށް ރަނގަޅު ކަމަށެވެ.
ޕެސްކޯވް މިހެން ވިދާޅުވިއިރު "ދަ ސަން" އިން ކުރިން ބުނެފައިވަނީ އަންނަ އަހަރުގެ ތެރޭގައި ރައީސްކަމުގެ މަގާމުން ޕުޓިން އިސްތިއުފާ ދެއްވުމަށް ވިސްނަވަމުން ގެންދަވާ ކަމަށެވެ. އެ ނިންމެވުން ނިންމެވީ އޭނާއަށް ދިމާވެފައިވާ ނާރުގެ ބޮޑު މައްސަލައަކާ ގުޅިގެން ކަމަށް ވެސް ބުނެ އެވެ. އަދި އެކަމުގެ ސަބަބުން އޭނާގެ ހަށިގަނޑުން މިހާރު ބަލީގެ އަސަރުތައް ވެސް ފެންނަން ފަށާފައިވާ ކަމަށް ބުނެފައިވެއެވެ.