ބައިޑަންގެ ވާހަކަ: އަނބިމީހާއާއި ދަރިފުޅު މަރުވީ ފުރަތަމަ އިންތިޚާބު ކާމިޔާބު ކުރި ދުވަސްވަރު، ނަފްސަށް ގެއްލުން ދިނުމުގެ ޚިޔާލުތައް ވެސް ހުރި
ވަރުގަދަ ޝަޚުސިއްޔަތެކެވެ. ސަކަ މިޒާޖެއްގެ ބޭފުޅެކެވެ. އެންމެންގެ ވެސް އެކުވެރިއެކެވެ. އަބަދުވެސް ކަންކަން ކުރެއްވުމަށް ހިތްވަރު ދެއްވާ ބޭފުޅެކެވެ. އެތަކެއް ގޮންޖެހުންތަކާ ކުރިމަތި ލައްވަން ޖެހުނު ކަމުގައި ވީނަމަވެސް، ހުރިހާ ހުރަސްތައް ގިރާ ކުރެއްވި ބޭފުޅެކެވެ. މިދައްކަނީ އެމެރިކާގެ އިންތިޚާބުގައި މިހާރު ކުރީގައި އޮތް، ޑިމަކްރެޓިކް ޕާޓީގެ ކެނޑިޑޭޓް ޖޯސެޕް އާރ. ބައިޑަން ނުވަތަ އާއްމު ނަމުންނަމަ ޖޯ ބައިޑަންގެ ވާހަކައެވެ.
ސިޔާސީ މައިދާނުގައި ގިނަ ކާމިޔާބީ ތަކެއް ޙާސިލް ކުރައްވާފައިވީ ނަމަވެސް ބައިޑަންގެ އަމިއްލަ ދިރިއުޅުމުގައި ގިނަ ހިތާމަތަކަކާ ކުރިމަތިލާން ވަނީ ޖެހިފައެވެ.
އަނބިމީހާ އާއި 13 މަހުގެ ތުއްތު ދަރިކަނބަލުން މަރުވި ހާދިސާ
ސިޔާސީ މަސައްކަތަށް ޖޯ ފުރަތަމަ ނިކުމެ ވަޑައިގަތީ 1972 ވަނަ އަހަރުއެވެ. 3،000 ވަރަކަށް ވޯޓްގެ ތަފާތުން ޑެލެވެޔަރގެ ސެނެޓަރގެ މަޤާމު ޖޯ ބައިޑަން ހޯއްދެވިއިރު، އެއަހަރުގެ އިންތިޚާބުގައި ލިބުނު ކާމިޔާބީ ވެގެންދިޔައީ ޖޯގެ ވާހަކަތައް އެކި މީޑިޔާތަކާ ހަމައަށް ފޯރި އަހަރަކަށެވެ. ހަ ވަނައަށް އެންމެ ހަގު ސެނެޓަރކަމުގެ ޝަރަފު ހޯއްދަވާފައިވާ ޖޯ، އޭރު ވެގެން ދިޔައީ މީޑިޔާތަކައް އައު މޫނަށެވެ.
ނަމަވެސް އުފާވެރި ޚަބަރުތަކާއެކު ދެން އައި ޚަބަރު މާ ހިތް ދައްޗެވެ.
ސެނެޓަރ ކަމަށް އިންތިޚާބު ވެވަޑައިގެންނެވިތާ 1 މަސް ފުރިހަމަ ނުވަނީސް ޖޯ ބައިޑަންގެ އޭރުގެ އަނބިމީހާ ނީލިޔަރ ހަންޓަރ އަދި 3 ކުދިންގެ އެކްސިޑެންޓެއްވިއެވެ.
ޖޯ ބައިޑަން މިހާދިސާގައި ކަން ހިނގި ގޮތް 2012 ވަނަ އަހަރު އަސްކަރިއްޔާގެ ކޭންޕެއްގައި ކިޔައި ދިނީ މިހެންނެވެ.
"ލޯބިވާ މީހުން ދޫކޮށްފައި ދިޔައިމަ ވާ ދެރަ އަހަރެންނަށް އެނގޭ. ވަރަށް ރަނގަޅަށް އެނގޭ. އަހަންނަށް އެދުވަހު ލިބުނީ ކުއްލި ފޯނު ކޯލެއް. އެކޮޅުން ވާހަކަ ދެއްކި މީހާ ދިން ޚަބަރަކީ އަހަރެންގެ މުޅި ދިރިއުޅުން ބަދަލުކޮށްލި ޚަބަރެއް. އަހަރެންގެ އަނބިމީހާއާއި ތިން ދަރިން އެކްސިޑެންޓްވި ވާހަކަ. އަނބިމީހާއާއި ކުޑަ އަންހެން ދަރިފުޅު ހޮސްޕިޓަލަށް ނުގެންދެވެނީސް މަރުވި ވާހަކަ. އަދި ދެން ތިބި ދެކުދިންގެ ހާލު ސީރިޔަސް ވާހަކަ" އެތަކެއް ފަހަރަކު ގިސްލަމުން ވާހަކަ ނުދެއްކޭ ވަރުވުމުން ވާހަކަ ދެއްކުން މެދުކަނޑަމުން ޖޯ ކިޔައިދިނެވެ.
"މިއީ މިފަދަ ޕޯޑިއަމްއެއްގައި ދައްކަން ހެޔޮވާވަރުގެ ވާހަކައެއް ނޫން. އެކަމަކު އެވަގުތު އަހަރެންނަށް މީހަކު އަމިއްލަ ނަފްސަށް ގެއްލުންދޭން ބޭނުން ވަނީ ހަމައެކަނި ބުއްދި ފިލާ ދިއުމުން ނޫންކަން އިޙްސާސްވި. ނަފްސާނީ މައްސަލަތަކަށް ފަރުވާ ކުޑަ ނުކުރުމަށް އަހަރެން އަބަދުވެސް ގޮވާލަނީ މިހެންވެ. އަހަންނަށް އެކަންތަކާ ކުރިމަތިލާން ޖެހިފައި ހުރީމަ."
އެދުވަހު ޖޯ ދެއްކި ވާހަކަތަކުން މުޅި އޯޑިއަންސް ރޮއްވާލިއެވެ. އެދުވަހުގެ ހާދިސާގައި ޖޯ ބައިޑަންގެ 13 މަހުގެ ދަރިފުޅު ނަޔޯމީ އާއި އަނބިކަބަލުން މިދުނިޔެއާ ވަކިވެގެން ގޮސްފައިވާއިރު، މި ކާރު އެކްސިޑެންޓްގައި އޭނާގެ ދެ ފިރިހެން ދަރިންނަށް ވަނީ ސީރިޔަސް އަނިޔާތަކެއް ވެފައެވެ.
ޖޯގެ ހަޔާތް އެފުށް މިފުށަށް ޖަހާލި މި ހާދިސާއާއެކު ފުރަތަމަ ފަހަރަށް ޖޯގެ ވިސްނުމަށް، އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ ޚިޔާލުތައް ވެސް އައެވެ.
"އަހަންނަށް އެނގޭ، އިޙްސާސްވޭ، އެއީ ކޮންކަހަލަ ބޮޑު ކަމެއްކަން. ކޮންމެ މީހަކަށްވެސް އެހީތެރިކަން ބޭނުންވޭ. އަހަރެން ބޭނުންވޭ އެ އެހީތެރިކަން ކޮންމެ މީހަކަަށްވެސް ލިބޭނެ ގޮތެއް ހަދައިދެން. އެފަދަ ޚިޔާލު އަންނަ ކޮންމެ މީހަކަށް އަހަރެން ބުނެލަން ބޭނުންވަނީ، އަދި ރަނގަޅުވާނޭ. ގިވް އަޕް ނުކުރާށޭ. މިނޫން ދުވަހެއް އަންނާނޭ." ޖޯ ގެ ސްޕީޗްގައި އޭނާ ވިދާޅުވިއެވެ.
އެއަހަރު ސެނެޓުން އިސްތިޢުފާ ދެއްވުމުގެ ޚިޔާލުފުޅު އޭރު އެމަނިކުފާނުގެ ހުންނެވިއެވެ. ހޮސްޕިޓަލުގައި ހުރެ އޭރު ޓީވީއަށް ދިން އިންޓަރވިއުއެއްގައި ޖޯ ބުނެފައި ވަނީ މިހެންނެވެ.
"ޑެލަވެޔަރ އަށް އާ ސެނެޓަރއެއް ލިބިދާނެ. އެކަމަކު މިކުދިންނަށް އާ ބައްޕައެއް ނުލިބޭނެ"
ޖޯ ބައިޑަން ސެނެޓަށް ހުވާ ކުރެއްވީ ދަރިންގެ ގާތުގައިހުރެ ހޮސްޕިޓަލުގެ ތެރޭގައެވެ. އަދި އޭގެ ފަހުން 6 އަހަރު ވަންދެން ކޮންމެ ދުވަހަކު 90 މިނެޓްގެ ރާސްތާއެއް މަސައްކަތް ނިންމުމަށްފަހު ޓްރެއިންގައި އޭނާ ކުރެއެވެ. ވޮޝިންގްޓަންގައި ހުންނަ އޮފީހުގައި މަސައްކަތް ކުރުމަށް ފަހު ކޮންމެ ދުވަހަކު ޑެލެވެޔަރއަށް އޭނާގެ ދަރީންގެ ގާތަށް ދެއެވެ.