ސިޔާސީ މީހުންގެ ވާހަކައަށް ކްރެޑިޓް ރޭޓް ނުކުރާނެ: އާޒިމް
 
                                                        ބައިނަލްއަގްވާމީ ކްރެޑިޓް ރޭޓިން އިންޑިކޭޓަރ ކުންފުނި، ފިޗް އިން ރާއްޖެއަށް ދީފައިވާ ކްރެޑިޓް ރޭޓިން ދަށްކުރި ސަބަބަކީ، ރައްޔިތުންގެ މަޖިލީހުގެ ގަރާރެއް ކަމަށް މަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހިމް ޝަރީފް ދެއްކެވި ވާހަކައަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ރައްދު ދެއްވައިފިއެވެ.
އާޒިމް ވިދާޅުވީ ސިޔާސީ މީހުންގެ ވާހަކައަށް ކްރެޑިޓް ރޭޓް ނުކުރާނެ ކަމަށެވެ.
މަޖިލީހުގެ ކޮމިޓީގެ ރިޕޯޓުގައި ވާގޮތުން، ދަރަނި މެނޭޖް ކުރުމުގެ މައްސަލަ ދިރާސާކޮށް ފިނޭންސް މިނިސްޓްރީއާއި އެމްއެމްއޭއިން ދިން ހިސާބުތަކުގެ މައްޗަށް ރާއްޖޭގެ ޖުމުލަ ދަރަނި 172 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ.
މިރިޕޯޓުގެ ސަބަބުން ސަރުކާރަށް ދަރަނި މެނޭޖު ނުކުރެވޭނެ ކަމަށް ދުނިޔޭގެ މާލީ އިދާރާތަކަށް ފެނުމުން އޭގެ ނުރަނގަޅު އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ޝަރީފު ވިދާޅުވެފައިވާއިރު، ފިޗްގެ ރޭޓިންގް ވެސް ދަށްކުރީ އެސަބަބަށްޓަކައި ކަމަށް ވިދާޅުވެ ޝަރީފު ވަނީ ޓުވީޓް ކުރައްވާފައެވެ.
ޝަރީފު ކުރެއްވި މިޓުވީޓު ރިޓުވީޓު ކުރައްވަމުން މެދު ހެންވޭރު ދާއިރާ ތަމްސީލް ކުރައްވާ މެންބަރު އަލީ އާޒިމް ވިދާޅުވެފައިވަނީ، ފިޗް ފަދަ އިދާރާތަކުން ކްރެޑިޓް ރޭޓް ކުރަނީ ސިޔާސީ މީހުން ބުނާ އެއްޗަކަށް ނޫން ކަމަށެވެ.
 
 
  
  
            
                     
            
                     
            
                     
            
                    
 
		
 
		
 
		
 
		
