ދީން

ނަމާދު ކުރަން ޖެހޭކަން އެނގޭއިރު، ނަމާދު ކުރަންވީ ކީއްވެކަން އެނގޭތަ؟

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިސްލާމްދީނުގައި ނަމާދު ކުރުމުގެ މުހިންމުކަން ކޮންމެ މުސްލިމަަކަށް ވެސް އެނގެއެވެ. ނަމާދު ކުރުމަކީ އިސްލާމް ދީނުގެ ދެވަނަ ރުކުން ކަމުގައި ވެފައި، އެއީ ފަރުޟީ އަޅުކަމެއްކަން ވެސް ހުރިހާ މުސްލިމުންނަށް ވެސް އެނގެއެވެ. ނަމާދު ކުުރުމުން ފައިދާ ލިބޭނީ ހަމައެކަނި މިދުނިޔޭގައި އެކަންޏެއް ނޫނެވެ. އާޚިރަތުގައިވެސް ގިނަގުނަ ފައިދާތަކެއް ކުރާނެއެވެ.

Ads by Sosun Fihaara

ނަމާދުގެ މުހިންމުކަން ކީރިތި ޤުރްޢާނުންނާއި ރަސޫލާ (ޞޢޥ) ގެ ޙަދީޘްފުޅުތަކުން ވެސް ހާމަ ވެގެންދެއެވެ.

ނަމަވެސް ބައެއް މީހުންނަށް، ނަމާދު ކުރުމުން ލިބެނީ ކޮންކޮން ފައިދާތަކެއްކަން ފުރިހަމައަށް ނޭނގޭކަމާއި ނަމާދު ކުރަން ފަށަންވީ ކީއްވެކަން ނޭނގޭކަން ފާހަގަ ކުރެވެއެވެ. ނަމާދު ކުރުމުން މިދުނިޔެއާއި އާޚިރަތުގައި ވެސް ލިބޭ ސަވާބާއި ދަރުމަ އެހާމެ ގިނައެވެ.

• އެއަޅަކާއިމެދު މާތް ﷲ ރުއްސުންލެއްވުން

ކީރިތި ޤުރްޢާނުގައި އެކަލާނގެ ވަޙީ ކުރައްވާފައިވަނީ، އެކަލާނގެ ހުރިހާ އަޅުތަކުންނާއި ވެސް އެކަލާނގެ ކައިރީގައިވާ ކަމަށެވެ. ނަމާދު ކުރުމަކީ އެކަލާނގެ ނުހަނު ރުއްސުންލައްވާ ކަމެކެވެ. އެކަލާނގެ އަޅުތަކުން، އެކަލާނގެއަށް އަޅުކަން ކުރާތަން ފެނުމުން، އެއަޅަކާއިމެދު އެކަލާނގެ ގިނަގުނަ ރުއްސުންލައްވައެވެ.

• ސިކުނޑިއަށް ލުއިކަމެއް ލިބި، ހަމަޖެހުން

ނަމާދު ކުރުމުން ސިކުނޑިއަށް ލުއިކަމެއް ލިބި، ސިކުނޑި ހަމަޖެހޭނެ ކަމަށް އިބްނު އުމަރް (ރަޟިއަﷲ އަންޙު) ވިދާޅުވެފައިވެއެވެ. އެކަލޭގެފާނު ރިވާކުރި ޙަދީޘެއްގެ މާނައިގައި ވަނީ ނަމާދުން ތެދުވާ މީހާ ގެ ސިކުނޑިއަށް ލުޔެއް ލިބިފައިވާކަން އެމީހަކަށް އިޙުސާސް ކުރެވޭނެ ކަމަށެވެ. އެހެންކަމުން ބަލި އެނދުގައި އޮންނަ މީހާ ވެސް ނަމާދެއް ވައްޓާނުލާ، ކުރެވެން އޮތް ގޮތަކަށް ނަމާދު ގާއިމް ކުރުމަށް ރަސޫލާ (ޞޢޥ) ޙަދީޘް ކުރައްވާފައިވެއެވެ.

• ރަސޫލާ (ޞޢޥ) ގެ ސުންނަތެއް

ނަމާދު ކުރުމަކީ އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދު (ޞޢޥ) ގެ ސުންނަތުގެ ތެރެއިން ވެސް ހިމެނިގެންވާ މަތިވެރި އަޅުކަމެކެވެ. އަދި ރިވާއަތްތަކުން ހާމަވެފައިވާ ގޮތުގައި މާތް ރަސޫލާ (ޞޢޥ) އާލާސްކަންފުޅާ އުޅުއްވި ދުވަސްތަކުގައި ވެސް ބަރާބަރަށް މިސްކިތަށް ވަޑައިގެން ނަމާދު ގާއިމް ކުރެއްވިއެވެ. އެހެންކަމުން އެކަލޭގެފާނުގެ ސުންނަތަށް އުޅުމަކީ، އެކަލޭގެފާނުގެ އުންމަތުން ކުރައްވަން ވާނެ ކަމެކެވެ.

• ފަހު ދުނިޔޭގައި މަންފާ ލިބުން

ހިސާބު ބައްލަވާ ދުވަހު އެންމެ ފުރަތަމަ ސުވާލު ކުރެވޭނީ ނަމާދާ ބެހޭ ގޮތުންނެވެ. މިއީ ވެސް ނަމާދުގެ މުހިންމުކަން އަންގައިދޭ އެއް ކަމެވެ. ހިސާބު ބައްލަވާ ދުވަހު އެކަލާނގެ ހުރިހާ އަޅުތަކުންނާ އެންމެ ފުރަތަމަ ކުރެވޭ ސުވާލަކީ އަދާ ކުރި ނަމާދުތަކާއި އަދާނުކޮށް ދޫކޮށްލި ނަމާދުތަކާއި ބެހޭ ގޮތުންނެވެ.

• ހުރިހާ މައްސަލަތަކަށް ޙައްލު ލިބުން

ފިކުރު ބޮޑުވެ ކަންކަމާއި މާޔޫސްވެ ނަފްސާނީ ގޮތުން ބަލިކަށި ވުމަކީ، ފާފަތައް ކުރުމަށް އެންމެ ބޮޑަށް މަގުފަހިވާ ކަންކަމެވެ. ނަމަވެސް ނަމާދު ގާއިމު ކުރުމުން މިފަދަ ކަންކަމުން އިންސާނާ ސަލާމަތްވެ، ރައްކާތެރިވެ ވެއެވެ. ގަވައިދުން ނަމާދު އަދާ ކުރުމުން، ހިތް ނުތަނަވަސް ކަމުން ސަލާމަތްވެ ސިކުނޑިއަށް ހަމަޖެހުން ލިބެއެވެ. އަދި ދިމާވެފައިވާ މުސީބާތަކުން ޙައްލެއް ހޯދަން ބޭނުން ކަމުގައިވާ ނަމަވެސް ނަމާދު ގާއިމްކޮށް، އެކަލާނގެ ޙަޟްރަތަށް ދެންނެވުމުން، ހުރިހާ ކަމަކަށް ވެސް އެކަލާނގެ ޙައްލެއް ދެއްވައެވެ.

މިލިޔުމަކީ ވަރަށް ގިނަ ގިނަ ރިޕޯޓު ތަކެއް ލިޔުއްވާފައިވާ ބްލޮގަރ ފަޙާދް އުއްރަޙްމާން ޚާން، ލިޔެފައިވާ ލިޔުމެއްގެ ތަރުޖަމާއެކެވެ.

﴿45﴾ اتْلُ مَا أُوحِيَ إِلَيْكَ مِنَ الْكِتَابِ وَأَقِمِ الصَّلَاةَ ۖ إِنَّ الصَّلَاةَ تَنْهَىٰ عَنِ الْفَحْشَاءِ وَالْمُنكَرِ ۗ وَلَذِكْرُ اللَّهِ أَكْبَرُ ۗ وَاللَّهُ يَعْلَمُ مَا تَصْنَعُونَ
ފޮތުގެ ތެރެއިން ކަލޭގެފާނަށް وحى ކުރެއްވި ތަކެތި ކިޔަވައި ވިދާޅުވާށެވެ! އަދި ކަލޭގެފާނު ނަމާދު قائم ކުރައްވާށެވެ! ހަމަކަށަވަރުން، ނަމާދަކީ ހުތުރުކަންބޮޑު ފާފަތަކާއި، منكرات ތައް ނަހީކުރާ ކަމެކެވެ. އަދި ހަމަކަށަވަރުން، اللَّه ހަނދުމަ ކުޅައުމަކީ، އެންމެ ބޮޑު ކަންތަކެވެ. އަދި ތިޔަބައިމީހުން ކުރާ ކަންތައް اللَّه ދެނެވޮޑިގެންވެތެވެ.
[ އަލް ޢަންކަބޫތު 45 ވަނަ އާޔަތް ]

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!