އިންތިޚާބަށްފަހު ބައިޑަން، ޓްރަންޕްގެ ސަޕޯޓަރުންނަށް ދެއްވީ ހިތްވަރު
އެމެރިކާގެ ރައީސް ކަމަށް އިންތިޚާބުވި ފަހުން ފުރަތަމަ ފަހަރަށް އެމެރިކާގެ އިންތިޚާބީ ރައީސް ޖޯ ބައިޑަން ޤައުމާ މުޚާތަބު ކުރައްވައިފިއެވެ.
އެމަނިކުފާނުގެ ހޯމް ސްޓޭޓްގައި ހުންނަވާ ޤައުމާ މުޚާތަބު ކުރައްވާފައިވާއިރު، ޖޯ ބައިޑަންގެ ވާހަކަފުޅު ފެއްޓެވީ އެމަނިކުފާނަށް އިންތިޚާބުގައި ވޯޓް ދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވަމުންނެވެ. މިގޮތުން، ވިދާޅުވީ، މިއީ އިންތިޚާބެއްގައި އެއް ކެނޑިޑޭޓަކަށް އެންމެ ގިނަ ފަރާތްތަކުން ވޯޓް ލީ ފުރަތަމަ ފަހަރު ކަމަށާއި އޭނާއަށް ވޯޓް ދިން ހުރިހާ މީހުން އޭނާއަށް ކުރެއްވި އިތުބާރުގައި ކޮޅުފައިން ނުޖަހާނެ ކަމަށެވެ. އަދި ޓްރަންޕަށް ވޯޓް ދެއްވި ފަރާތްތަކަށް ނިސްބަތްކޮށް ބައިޑަން ވިދާޅުވީ، ނާކާމިޔާބީގެ ދެރަ އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށާއި، ނަމަވެސް މިވަގުތަކީ ގުޅިގެން އެކުގައި މަސައްކަތް ކުރަންވީ ވަގުތު ކަމަށެވެ.
"އެމެރިކާއަކީ އެއް ޤައުމެއް. މިއީ ނުލާ ރަތުގެ ސްޓޭޓެއް ނޫން. މިއީ ޔުނައިޑެޓް ސްޓޭޓްސް އޮފް އެމެރިކާ. މިތާންގައި އެންމެންނަކީ އެމެރިކާގެ ރައްޔިތުން، އިދިކޮޅު ފަރާތްތަކަކީ ދުޝްމަނުންނެއް ނޫން. އެއީ ހަމަ އަހަރެމެންގެ މީހުން" ރައީސްކަން ކުރައްވާނީ އެންމެންގެ ރައީސެއްގެ ގޮތުގައި ކަމަށް ވިދާޅަވުން ބައިޑަން ވިދާޅުވިއެވެ.
ބައިޑަންގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، އޭނާ އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވާނެ މަސައްކަތަކީ ކޮވިޑް-19 އިން ސަލާމަތްވުމަށް ކުރައްވަން ޖެހޭ މަސައްކަތްޕުޅު ކަމަށެވެ.
"މާދަމާ އަޅުގަނޑު މަސައްކަތް ފަށާނަން. ކޮވިޑް-19 އިން އަރައިގަންނަން ކުރަންޖެހޭ ކަންތައް ކުރުމަށް މާދަމާ ޚާއްސަ ކޮމިޓީއެއް އުފައްދަވާނަން. އަދި އަޅުގަނޑު ހުވާ ކުރާ ދުވަހު އެކޮމިޓީގެ ރަސްމީ މަސައްކަތް ފެށޭނެ" ބައިޑަން ވިދާޅުވިއެވެ.
ބައިޑަންގެ ވާހަކަފުޅުގައި ރައީސް ކަމަށް ވަޑައިގެން ފުރަތަމަ ކުރައްވާނެ ބައެއް ކަންތަކާ ގުޅޭ ގޮތުން ވާޙަކަފުޅު ދެއްކެވިއެވެ. މިގޮތުން ވިދާޅުވީ. ޑަބްލިއު.އެޗް.އޯ ވަކިވުމަށް ޓްރަންޕް ހުށައަޅުއްވާފައިވާ ހުށަހެޅުން ނަންގަވާނެ ކަމަށާއި އަދި މުސްލިމް ޤައުމުތަކުން އެމެރިކާއަށް އެތެރެނުވެވޭ ގޮތުން އޮތް އޮތުން ނިމުމަކަށް ގެންނަވާނެ ކަމަށާއި އަދި ޓްރަންޕްގެ ވެރިކަމުގައި ބޯޑަރު ކައިރިން މައިންބަފައިންނާ ވަކި ކުރި 500 އެއްހާ ކުދިން، އެމެރިކާގެ ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ކުރައްވާނެ ކަމަށާއި ޕެރިސް ކްލައިމެޓް ޗޭންޖުގައި އަލުން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ.