ޚަބަރު

އިބްތިހާލުގެ މަންމައަށްވެސް އިންސާފު ލިބެން ޖެހޭ: ޕީޖީ ޝަމީމް

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ވ.ރަކީދޫގައި 2015 ވަނަ އަހަރު ވަރަށް އިހާނެތިކޮށް މަރާލި އުމުރުން އެންމެ 3 އަހަރުގެ އިބްތިހާލުގެ މަރުގެ ތުހުމަތު ކުރެވިފައިވާ އެކުއްޖާގެ މަންމަ އާފިޔާ މުޙައްމަދަށް އިންސާފު ލިބެން ޖެހޭ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ރޭ ދިވެހި ރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ޝަމީމް ވިދާޅުވީ، އިބްތިހާލުގެ މަރުގެ މައްސަލައިގައި، އިބްތިހާލަށް ވެސް އަދި އާފިޔާއަށް ވެސް އިންސާފު ލިބެން ޖެހޭ ކަމަށެވެ. ޝަމީމް ވިދާޅުވީ، އާފިޔާގެ ވަކީލެއްގެ ގޮތުގައި އޭނާ މަސައްކަތް ކޮށްފައިވާތީ، އެމައްސަލައިން އޭނާ ތަނާޒުލް ވެފައިވާ ކަމަށެވެ.

އާފިޔާގެ މައްޗަށް އޭރު އިބްތިހާލް މަރާލިކަމުގެ ތުހުމަތުގައި ގަސްދުގައި ކުއްޖެއް މަރާލިކަމުގެ ދަޢުވާއާއި އަމުރަށް ނުކިޔަމަންތެރިވިކަމުގެ ކުށުގެ ދަޢުވާ ކުރިއެވެ. މިހާތަނަށް މިމައްސަލައަށް 5 އަހަރު ވެފައިވާއިރު، މައްސަލަ އަދިވެސް ދަނީ ކުރިޔަށެވެ.

އޭރު އެމައްސަލައިގައި އާފިޔާގެ ދިފާޢީ ވަކީލުކަން ހިލޭ ސާބަހަށް ކޮށްދިނީ މިހާރު ޕީޖީގެ މަޤާމުގައި ހުންނެވި ޝަމީމެވެ. އޭރު ޝަމީމް ބުނެފައި ވަނީ، އެ ޝަރީއަތާ އޭނާ ހަވާލުވެވަޑައިގަތީ، ތުހުމަތު ކުރެވޭ މީހާއަށް އިންސާފުވެރި ޝަރީއަތެއް ހިންގުމަށް ދީނުގައި އޮންނަ ފުރުސަތު އާފިޔާއަށް ފަހިކޮށްދިނުމަށް ކަމަށެވެ.

ޝަރީއަތުގެ މަޖިލީހުގައި އާފިޔާ ވަނީ އިބްތިޙާލަށް އަނިޔާކޮށްފައިވާ ކަމަށް އެތަކެއް ފަހަރަކު ބުނެފައެެވެ. އަދި އެކަން ކުރަނީ އެކުއްޖާއަކީ، "ބައްޕައެއް ނެތް" ކުއްޖެއް ކަމަށްވާތީ ކަމަށްވެސް އާފިޔާ ޝަރީއަތުގެ މަޖިލީހުގައި ބުނެފައިވެއެވެ. ނަމަވެސް ފަހުން އޭނާ އިބްތިހާލަށް އަނިޔާކޮށްފައިނުވާ ކަމަށާއި އެއީ ބަޔަކު ބިރު ދައްކައިގެން ދެއްކުވި ވާހަކަތަކެއް ކަމަށް އޭނާ ފަހުން ބުނެފައިވެެވެ.

ޕީޖީ ޝަމީމް ވިދާޅުވީ، މިމައްސަލައިގައި އިންސާފު ލިބުން ލަސްވާތީ ކަންބޮޑު ވާކަމަށާއި އާފިޔާއަށް އިންސާފު ލިބޭނީ، ކުށް ސާބިތުވާނަމަ އެކަންވެސް އަވަހަށް ނިންމައިގެން ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!