މާމެންދޫގައި ދުއްވާ މަސްދޯންޏެއް ކަރަންޓީނުކޮށްފި

ލ. މާމެންދޫގައި ދުއްވާ މަސް ދޯންޏެއް ކަރަންޓީނު ކޮށްފިއެވެ.
މާމެންދޫ ކައުންސިލުން ވިދާޅުވި ގޮތުގައި މާމެންދޫގައި ދުއްވާ "ފަހި މަސްދޯނި" ކަރަންޓީނު ކޮށްފައި ވަނީ، އެދޯނީގައި މާލެ ސަރަހައްދުގައި ދިރިއުޅޭ މީހަކު ރަށަށް ދަތުރު ކުރަމުންދާ ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ކަމަށެވެ.
އަދި ދޯނި ކަރަންޓީނު ކުރުމަށް ނިންމާފައި ވަނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އާ މަޝްވަރާ ކުރުމަށް ފަހުގައި ކަމަށް ވެސް ކައުންސިލުން ވިދާޅުވިއެވެ.
ދޯނި ކަރަންޓީނު ކުރެވުމާއެކު އެޗްޕީއޭއިން ވަކި ގޮތެއް އަންގަންދެން ދޯންޏަށް މީހުން އަރާ ފޭބުމަކީ މަނާ ކަމެކެވެ. އަދި ދޯނީގައި ތިބި މީހުން ރާއްޖޭގެ މީހުން ދިރިއުޅޭ އެއްވެސް ރަށަކަށް ފޭބުމަކީ ވެސް މަނާ ކަމެކެވެ.
ކޮވިޑް-19 އާ ގުޅިގެން މާލެއިން ރާއްޖޭގެ އެއްވެސް ރަށަކަށް ދަތުރުކުރެވެނީ ކަމާބެހޭ އިދާރާތަކުގެ ހުއްދަ ހޯދުމަށްފަހުގައެވެ. އަދި މިގޮތަށް ރަށްރަށަށް ދާ ފަރާތްތަކުން 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަން ޖެހޭނެއެވެ.