ޚަބަރު

ޑީއާރްޕީގެ ދަރަނި މައްސަލަ: ރައީސް މައުމޫން ކޯޓަށް ހާޒިރުކުރަން ޖާބިރު އެދިވަޑައިގެންފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ހަބް ކުންފުންޏަށް ފައިސާ ދައްކަން ދިވެހި ރައްޔިތުންގެ ޕާޓީ(ޑީއާރުޕީ)ގެ މައްޗަށް ހުކުމް ކޮށްފައިވާ މައްސަލައިގައި އެ ޕާޓީގެ ކުރީގެ ލީޑަރު އަދި ކުރީގެ ރައީސް ، ރައީސް މައުމޫން އަބްދުލްޤައްޔޫމް ކޯޓަށް ހާޒިރު ކޮށްދޭން އެޕާޓީގެ ލީޑަރު އަބްދުﷲ ޖާބިރު ސުޕްރީމް ކޯޓުގައި މިއަދު އެދިވަޑައިގެންފިއެވެ.

Ads by MWSC

ސިވިލް ކޯޓުން ޑީއާރްޕީގެ މައްޗަށް، އެކުންފުންޏަށް ހަތް ލައްކައަށްވުރެ ގިނަ ރުފިޔާ ދައްކަން ހުކުމް ކުރީ އެ ޕާޓީން އެކި ފަހަރު މަތިން ހޯދާފައިވާ ޚިދުމަތްތަކަށް ފައިސާ ނުދައްކާ ހުރުމުންނެވެ. ސިވިލް ކޯޓުގެ އެ ހުކުމަށް ހައި ކޯޓުން ވަނީ ތާއީދު ކޮށްފައެވެ.

ޑީއާރްޕީގެ ފަރާތުން އެހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، މިއަދު ބޭއްވި އަޑުއެހުމުގައި ޖާބިރު ވިދާޅުވީ ހަބް ކުންފުންޏަށް ފައިސާތަކެއް ދައްކަން އަންގާފައި ވަނީ 2008 ގައި ހޯދި ކަމަށް ބުނާ ޚިދުމަތްތަކަކާ ގުޅިގެން ކަމަށާއި އޭގެ ތެރޭގައި ނުދޭ ޚިދުމަތް ތަކަކަށް ވެސް އިންވޮއިސް ފޮނުވާފައި އެބަހުރި ކަމަށެވެ. އެހެންކަމުން އެކަމާ ގުޅިގެން އޭރުގެ އެ ޕާޓީގެ ލީޑަރު ، ރައީސް މައުމޫން ކޯޓަށް ހާޒިރު ކޮށްދެއްވުމަށް ޖާބިރު އެދި ވަޑައިގެންފައިވެއެވެ. އަދި ޑީއާރުޕީގެ މިހާރުގެ ލީޑާޝިޕަށް އެ މައުލޫމާތުތައް ރަނގަޅަށް ސާފު ނުވާ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

ސުޕްރީމް ކޯޓުގައި މިމައްސަލައިގެ އިސްތިއުނާފު ޝަރީއަތްތައް ބައްލަވަނީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދެވެ. ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު އަޒްމިރަލްދާ އެވެ.

އެ މައްސަލަ 2015 ވަނަ އަހަރު ޑީއާރުޕީން އިސްތިއުނާފު ކޮށްފައި ވަނިކޮށް، އެ ޕާޓީން ކޯޓަށް ހާޒިރު ނުވުމުން މައްސަލަ ވަނީ ބޭރުކޮށްލައިފައެވެ. އެ މައްސަލަ އަލުން ހުށަހެޅީ މިއަހަރުއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!