ރިޕޯޓް

ކޮވިޑް-19 ވެކްސިން: އެނގެން ޖެހޭ މުހިންމު ބައެއް މުހިންމު މަޢުލޫމާތު

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އިއްޔެ މުޅި ދުނިޔެއަށް އާ އުންމީދެއް ގެނެސް ދިނެވެ. މުޅި ދުނިޔެ ހުއްޓުވާލި ކޮވިޑް-19އާ ދެކޮޅަށް އެމެރިކާގެ ދެ ކުންފުނި ކަމަށްވާ ފައިޒާ އާއި ބައޮއެންޓެކް އިން އުފެއްދި ވެކްސިން 90 އިންސައްތަ ކާމިޔާބުވި ޚަބަރައިގެންނެވެ. މިއާއެކު ގިނަ ބައެއްގެ ހިތްތަކުގައި ގިނަ ސުވާލު ތަކެއް އުފެދުނެވެ.

Ads by MWSC

ފައިޒާގެ ވެކްސިންއަކީ ކޮބާ؟

އެމެރިކާގެ ދެ ކުންފުނި ކަމަށްވާ ފައިޒާ އަދި ބައޮއެންޓެކް އިން ކޮވިޑް-19 ވެކްސިން ޓެސްޓިންގެ ތިންވަނަ މަރުޙަލާ ފަށާފައި ވަނީ މީގެ ދެ ވަރަކަށް މަސް ކުރިންނެވެ. މިހާތަނަށް ތިންވަނަ ކްލިނިކަލް ސްޓޭޖްގައި މިވެކްސިން 6 ޤައުމަކުން 44،000 މީހުން ބައިވެރި ކުރުވާފައިވެއެވެ. ކްލިނިކަލް ސްޓޭޖްގައި ބައިވެރިވާ މީހުންގެ ތެރެއިން 50 އިންސައްތަ މީހުންނަށް ވެކްސިންގެ 2 ޑޯޒް ޖަހައެވެ. އަދި ބާކީ ތިބި މީހުންނަށް ޕްލާސެބޯ (އެއްވެސް ކަހަލަ ގެއްލުމެއް ނުވަތަ ފައިދާ ހުންނަ) އިންޖެކްޝަންއެއް ޖަހައެވެ. އަދި މި ދެ ގްރޫޕްގެ މީހުންގެ އާއްމު ދިރިއުޅުމަށް ދެއެވެ. އަދި މިމީހުންގެ ތެރެއިން ކޮވިޑް-19 ޖެހޭ މީހުން ދެނެގަނެއެވެ.

އިއްޔެ ނެރުނު ޑޭޓާއިން ދައްކާގޮތުގައި މި ޓްރައިލްގައި ބައިވެރިވި މީހުންގެ ތެރެއިން 94 މީހަކަށް ކޮވިޑް-19 ވަނީ ޖެހިފައެވެ. އަދި މި ވެކްސިން 90 އިންސައްތަ މަސައްކަތް ކުރެއެވެ. މީގެ މާނައަކީ 44،000 މީހުންގެ ތެރެއިން ވެކްސިން ޖެހި މީހުންގެ ތެރެއިން ކޮވިޑް-19 އަށް އެންމެ ގިނަ ވެގެން ފައްސި ވެފައިވަނީ 9 މީހެކެވެ.

ފައިޒާއިން ބުނެފައި ވަނީ، އެފަރާތުން 164 މީހަކަށް ކޮވިޑް-19 ޖެހެންދެން ކްލިނިކަލް ޓްރައިލް ކުރިޔަށް ގެންދާނެ ކަމަށެވެ. އަދި އެއަށްފަހު ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަންއަށް ވެކްސިން ބޭނުން ކުރުމުގެ ހުއްދައަށް އެދޭނެ ކަމަށެވެ. މީގެ ކުރިން 32 މީހުންނަށް ކޮވިޑް ޖެހުމާއެކު ފައިޒާއިން ވެކްސިން ބޭނުން ކުރުމުގެ ހުއްދައަށް އެދެން ވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް އޭރު އެފްޑީއޭއިން ބުނެފައިވަނީ އެތައް ބިލިޔަން މީހުން ބޭނުން ކުރަން މިވެކްސިން ހުޅުވާލާއިރު، އެވަރުގެ ޑޭޓާ މަދު ކަމަށެވެ.

މި ޑޭޓާއަކީ އަދި ޕްއާރ ރިވިއު ނުކޮށް، އަދި ޖާނަލްއެއްގައި ޝާއިރުނުކޮށް ހުރި ޑޭޓާއެކެވެ. ޖާނަލްގައި ޑޭޓާ ޝާއިރު ކުރުމަކީ، ވެކްސިން އުފައްދާ ކުންފުނީގެ ނުޒޫފުން ބޭރު ސައިންސްވެރިން އެ ޑޭޓާތައް ތަޙްލީލްކޮށް، ސައްޙަކަމުގައި ބުނުމެވެ.

ވެކްސިން މަސައްކަތް ކުރަނީ ކިހިނެތް؟

އާއްމުކޮށް ވެކްސިން އިން ބަލި ޖައްސާ ވައިރަސް ނުވަތަ ބެކްޓީރިޔާއެއް މަރާލާ ނުވަތަ ބާރު ދެރަކޮށްލާފައި ހަށިގަނޑުގެ ތެރެއަށް ފޮނުވާލައެވެ. އަދި މިގޮތަށް ކަންތައް ކުރުމުން މީހާގެ ހަށިގަނޑުން އުފައްދާ އެންޑި ބޮޑީސްއިން މިވައިރަސް ނުވަތަ ބެކްޓީރިއާ ނައްތާލައެވެ. މިގޮތަށް ކަންތައް ކުރުމުން، ދެވަނަ ފަހަރަށް އަސްލު ވައިރަސްއެއް ހަށިގަނޑަށް އަތުވެއްޖެނަމަ، ކަންތައް ކުރަންވީ ގޮތް ހަށިގަނޑަށް ރަނގަޅަށް އެނގެއެވެ. އަދި ވައިރަސް ނުވަތަ ބެކްޓީރިއާއިން ސަލާމަތްވުމަށް އެންމެ ބޭނުންވާ އެންޓި ބޮޑީސް އުފައްދައެވެ.

ނަމަވެސް ކޮވިޑް-19 ވެކްސިން އުފައްދާފައި ވަނީ ތަފާތު އުކުޅެއް ބޭނުން ކޮށްގެންނެއެވެ. ކޮވިޑް-19 ވެކްސިން ހެދުމުގައި ހަށިގަނޑަށް ފޮނުވާލަނީ ސީދާ ވައިރަސްއެއް ނޫނެވެ. ހަށިގަނޑަށް އިންޖެކްޓް ކުރަނީ ވައިރަސްގެ ޖެނެޓިކް ކޯޑް ހުންނަ އެމް-އާރްއެންއޭ އެކެވެ. މިގޮތަށް ކަން ކުރުމުން ހަށިގަނޑުގައި ހުންނަ ބައެއް ސެލްތަކަށް އާރްއެންއޭ ބައިޑްވެ، ކޮވިޑް-19 ގޮތަށް ހުންނަ ސެލްއެއް އުފައްދައެވެ. މި ސެލް އުފެދުމާއެކު، މިއީ ހަށިގަނޑާ ބީރައްޓެހި ސެލްއެއްކަމުން، ސެލް މަރާލުމަށް އެންޑި ބޮޑީސް އުފައްދައެވެ. ވެކްސިންގެ ގޮތުގައި ފޮނުވާލާ އެމް-އާންއެންއޭ ގެ ސަބަބުން ހަށިގަނޑުގައި ކޮވިޑް ފަދަ ސެލްތައް އުފެދި، ހަށިގަނޑުން އެ ސެލްތައް ނައްތާލާނެ ގޮތް ދަސްކުރެއެވެ. މިކަމުގެ ސަބަބުން ކޮވިޑް-19 ގެ އަސްލު ވައިރަސްއެއް ހަށިގަނޑަށް އައިސްފިނަމަ، ވައިރަސް ނައްތާލާނެ ގޮތް ހަށިގަނޑަށް އެނގެއެވެ.

ފައިޒާގެ ވެކްސިންގެ ދެ ޑޯޒެއް، ތިން ހަފުތާގެ ދުރުމިނެއްގައި ދޭން ޖެހެއެވެ. އެމެރިކާ އާއި ޖަރުމަނާއި ތުރުކީ އާއި ބްރެޒިލް އާއި އާޖެންޓީނާ އާއި ސައުތު އެފްރިކާގައި ކްލިނިކަލް ޓްރައިލްތައް ވަނީ މިކުންފުނިން ހިންގާފައެވެ.

ވެކްސިނަށް އޮތް ގޮންޖެހުމަކީ ކޮބާ؟

މިހާރު މިދާ ސްޕީޑްގައި ކުރިޔަށްދާނަމަ، ޑިސެންބަރު މަހުގެ ފަހުކޮޅުގައި ވެކްސިން ބޭނުން ކުރުމަށް އެފްޑީއޭއިން ހުއްދަދޭނެއެވެ. ފައިޒާއިން ބުނެފައި ވަނީ މިއަހަރު ނިމުމުގެ ކުރިން އެކުންފުނިން، 50 މިލިޔަން ވެކްސިން ޑޯޒް އުފެއްދޭނެ ކަމަށެވެ. އޭގެ މާނައަކީ 25 މިލިޔަން މީހުނަށް ވެކްސިން ދެވޭނެއެވެ. އަދި 2021 ވަނަ އަހަރު 1.3 ބިލިޔަން ޑޯޒް އުފެއްދޭނެ ކަމަށް އެކުންފުނިން ބުނެއެވެ. ފައިޒާއާއެކު، އެމެރިކާއިން ވަނީ 1.95 ބިލިޔަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެއީ 100 މިލިޔަން ޑޯޒްގެ ވެކްސިން ފޯރު ކޮށްދިނުމުގެ އެއްބަސްވުމެކެވެ. އިތުރު ބޮޑެތި. ޤައުމުތަކުން ވެސް އެކުންފުންޏާއެކު ދަނީ އެއްބަސްވުންތައް ހަދަމުންނެވެ. ޑަބްލިއުއެޗްއޯ އިން ބުނެފައިވަނީ، ކޮވިޑް ވެކްސިން ފޯރު ކޮށްދިނުމުގައި ދަތިތަކެއް ހުންނާނެ ކަމަށެވެ. ސަބަބަކީ މި ވެކްސިންއަކީ -80 ޑިގްރީ ސެލްސިއަސްގައި ރައްކާތެރިކޮށްގެން ގެންގުޅެން ޖެހޭ ވެކްސިނަކަށްވާތީއެވެ.

މި ވެކްސިން ރައްކާތެރިތަ؟

އާއްމު ރޯގާއިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ސަކްސެސް ޕަސެންޓޭޖަކީ 60 އިންސައްތައެވެ. މިހެންކަމުން މިވެކްސިން ބޭނުން ކުރަން ރައްކާތެރިއެވެ. ދެން އުފެދޭ ސުވާލަކީ ވެކްސިން ބޭނުން ކުރަން ޖެހޭނީ ކިހިނެތް ހެއްޔެވެ! އެއްފަހަރު ޖެހުމުން ފުދޭނެ ހެއްޔެވެ. ނުވަތަ އިންފްލުއެންޒާ ގޮތަށް 6 މަހުން 6 މަހުން ވެކްސިން ޖަހަން ޖެހޭނެ ހެއްޔެވެ؟ މި ސުވާލުގެ ޖަވާބު ލިބޭނީ އިތުރު ޑޭޓާތައް އަދި ޝާއިރު ކުރުމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!