ގޫގްލް "ލޫން ޕްރޮޖެކްޓް" ގެ ބެލޫންއެއް ރާއްޖެއަށް އަނެއްކާ ވެސް ވެއްޓިއްޖެ

ދުނިޔޭގެ ރޫރަލް އަދި ރިމޯޓް ސަރަހައްދުތަކަށް އިންޓަރނެޓް ފޯރުކޮށްދިނުމަށް ގޫގުލްއިން ކުރިއަށްގެންދާ "ލޫން ޕްރޮޖެކްޓް"ގެ ބެލޫންއެއް އަނެއްކާ ވެސް ރާއްޖެއަށް ވެއްޓިއްޖެއެވެ.
މީގެ ކުރިން ވެސް މި ޕްރޮޖެކްޓުގެ ބެލޫންއެއް ރާއްޖެ ވެއްޓިފައިވުމާ ގުޅިގެން އެމްއެންޑީއެފް އިން ހަރަކާތްތެރިވެފައި ވެއެވެ، އެ ބެލޫން ވެއްޓިފައި ވަނީ ގދ. އަތޮޅު އެތެރެވަރިން ނަޑެއްލާ އާއި މަޑަވެއްޔާ ދޭތެރެއަށެވެ.
އެމްއެންޑީއެފް އިން މިއަދު ވިދާޅުވީ ގޫގުލް ލޫން ޕްރޮޖެކްޓުގެ ބެލޫނެއް މިއަދު ގދ. ވާދޫގެ ހުޅަނގުން އައްޑޫ ކަނޑަށް ވެއްޓުމާ ގުޅިގެން އެމްއެންޑީއެފް އިން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ،
މި ބެލޫން ވެއްޓެމުން ދިޔަ ކަމުގެ މައުލޫމާތު އިއްޔެ ހެނދުނު ލިބުމާއެކު އެމްއެންޑީއެފް އާއި ސިވިލް އޭވިއޭޝަން އޮތޯރިޓީ އަދި އެއާ ޓްރެފިކް ކޮންޓްރޯލް އިން ދިޔައީ ބެލޫން މޮނިޓަރ ކުރަމުން ކަމުގައި ވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
އެމެއެންޑީއެފުން އިތުރަށް ވިދާޅުވީ ރާއްޖޭގައި ހުންނަ ގޫގްލް ޕްރޮޖެކްޓް ޓީމާ ބެލޫން ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.