ކޮވިޑް-19 ޖެހޭ ކޮންމެ 5 މީހަކުން އެކަކަށް ނަފްސާނީ ބަލިމަޑުކަމާއި ކުރިމަތިލާން ޖެހޭ - ދިރާސާ
ކޮވިޑް-19 ޖެހޭ ކޮންމެ 5 މީހަކުން އެކަކަށް ނަފްސާނީ ބަލިމަޑުކަމާ ކުރިމަތިލާން ޖެހޭކަމަށް ދިރާސާތަކުން ދައްކައިފިއެވެ. އެގޮތުން ކޮވިޑް ޖެހޭ 20 އިންސައްތަ މީހުންނަކީ ސިކުނޑީގެ ބަލިތައް ޖެހޭ މީހުންނެވެ.
އެގޮތުން އާންމުކޮށް ކޮވިޑަށް ފައްސިވެ ބަލިން ރަނގަޅުވާ މީހުންނަށް ނަފްސާނީ ބަލި ޖެހިފައިވާ ކަމަށް ދިރާސާތަކުން ބުނެއެވެ.މީގެ ތެރޭގައި ޑިޕްރެޝަން، އެންޒައިޓީ، ފަދަ ބަލިތައް ހިމެނެއެވެ.
ބްރިޓަން އޮކްސްފޯޑް ޔުނިވަރސިޓީގެ ޕްރޮފެސަރ އޮފް ސައިކޭޓްރީ ޕައުލް ހަރިސަން ބުނީ ގިނަ މީހުން މިކަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރާ ކަމަށާއި ނަފްސާނީ ބަލި ތަހައްމަލު ކުރަން ޖެހިދާނެތީ އެކަމާ ދެރަވާ ކަމަށެވެ.
އޭނާ ބުނި ގޮތުގައި ދުނިޔޭގެ އެކި ޑޮކްޓަރުންނާއި ސައިންޓިސްޓުން މިކަމަށް ފަރުވާއެއް ހޯދަންޖެހޭ ކަމަށެވެ. އަދި ދުރާލާ މިކަމަށް ތައްޔާރުވެ ތިބެންޖެހޭ ކަމަށް އޭނާ ބުނެފައިވެއެވެ.
ކޮވިޑަށް ފައްސިވާތާ 3 މަސް ދުވަހުގެ ތެރޭގައި ކޮންމެ 5 މީހަކުން އެކަކަށް ނަފްސާނީ ބަލި ޖެހިފައިވާ ކަމަށް ދިރާސާތަކުން ދައްކައެވެ.
ނަފްސާނީ ބަލިތަކަށް ހާއްސަ މާހިރުން ބުނެފައިވާ ގޮތުގައި ކޮވިޑް-19 ގެ ސަބަބުން ސިކުނޑިއާއި ވިސްނުމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށާއި މިކަމުގެ ސަބަބުން ނަފްސާނީ ބޮޑެތި ބަލިތައް ޖެހިދާނެ ކަމަށެވެ.