ކުޅިކޮށް ކާނަމަ އުމުރު ދިގުވޭ!

ކުޅިކޮށް ކެއުމަކީ ވަރަށް ގިނަ ބަޔަކު ކޮށް އުޅޭ ކަމެކެވެ. ކުޅިކޮށް ކެއުމަކީ ނުރައްކާތެރި ބަލިތައް ކަމަށްވާ ކެންސަރާއި ހިތުގެ ބަލިތައް ފަދަ ބަލިތަކުން އިންސާނާ ރައްކާތެރިކޮށްދީ އުމުރު ދިގުކޮށްދޭ ކަމެއް ކަމަށް ފަހުގެ ދިރާސާއަކުން ދައްކަައިފިއެވެ.
މި ދިރާސާ އަކީ އެމެރިކާގެ ސައިންޓިސްޓުންގެ ޓީމަކުން ހެދި ދިރާސާ އެކެެވެ. އެގޮތުން މި ދިރާސާއިން ދައްކާ ގޮތުގައި މިރުހުގައި ހުންނަ ކުޅި ރަހަ އަކީ ސިއްހަތަށް އެތައް ފައިދާއެއް ލިއްބައިދޭ އެއްޗެކެވެ. އެގޮތުން ކުޅިކޮށް ކެއުމަކީ ޓިއުމަރު ތަކުން ރައްކާތެރިކޮށްދީ، ހަށިގަނޑުގެ ގުލްކޯސް މިންވަރު ރަނގަޅު މިންވަރެެއްގައި ހިފަހައްޓާއިދޭ ކަމެއް ކަމަށް މި ދިރާސާއިން ދައްކައެވެ.
މި ދިރާސާ ހެދުމުގެ 4 ގައުމަކުން މީގެ ކުރިން ހަދާފައިވާ ދިރާސާތައް މި ސައިންޓިސްޓުން ބަލާފައިވެއެވެ. އެގޮތުން އެ ހަތަރު ގައުމަކީ ޗައިނާ، އިރާން، އިޓަލީ އަދި އެމެރިކާއެވެ.
މި ދިރާސާގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 570،000 މީހުން ބައިވެރިވިއެވެ. މި ދިރާސާ ކުރި ސައިންޓިސްޓުން ބުނާ ގޮތުގައި އެންމެ ސިއްހަތަށް ފައިދާހުރީ ކޮން ވައްތަރެއްގެ މިރުހެއްކަން ދެނެގަތުމަށް ޓަކައި އިތުރު ދިރާސާތަކެއް ކުރަން ޖެހޭ ކަމަށެވެ. އަދި ދުވާލަކު ބޭނުން ކުރަން ޖެހޭ މިރުހުގެ މިންގަނޑު ދެނެގަތުމަށްޓަކައި ވެސް އިތުރު ހޯދުންތަކެެއް ހޯދަން ޖެހޭ ކަމަށް ބުނެއެވެ.