"ފްރެންޑްސް" އެނބުރި އަންނަނީ

ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި ފްރެންޑްސް ރީޔޫނިއަންގެ ޝޫޓިން މިއަންނަ އަހަރު ފެށޭ ކޮޅު ފަށާނެ ކަމަށް މީޑިޔާތަކުން ރިޕޯޓް ކޮށްފިއެވެ.
ހޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ މީޑިޔާއެއް ކަމަށްވާ ދަ ހޮލީވުޑް ރިޕޯޓަރއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިއަންނަ އަހަރު މާރިޗް މަހުގެ ތެރޭގައި ޝޫޓިން ފެށޭނެ ކަމަށާއި އަދި މޭ ހިސާބުގައި އެ އެޕިސޯޑް ނެރެވޭވަރު ވާނެ ކަމަށެވެ.
ފްރެންޑްސް ރީޔޫނިއަން ފުރަތަމަ ނެރެން ހަމަޖެހިފައި ވަނީ މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އެޗްބީއޯގެ ޑިޖިޓަލް ޕްލެޓްފޯމް އެޗްބީއޯ މެކްސްގެ ބޮޑު ލޯންޗާއި އެކުގައެވެ. ނަމަވެސް ކޮވިޑް-19 އާ ހެދި ޝޫޓިން ނުފެށުމުގެ ސަބަބުން އޭރު ލޯންޗް ކުރުން ވަނީ ލަސް ކޮށްފައެވެ.
ފްރެންޑްސް ރީޔޫނިއަން ޑައިރެކްޓް ކުރާނީ "ފްރެނޑްސް" ގެ މޭސްތިރިން ކަމަށްވާ ޑޭވިޑް ކްރޭނާއި މާޓާ ކޯފްމަނެވެ.
"ފްރެންޑްސް" އަކީ ޒުވާން ހަ އެކުވެރިއެއްގެ ވާހަކަ ކިޔައިދޭ ސީރީސް އެކެވެ. މީގެ މުހިއްމު ރޯލްތައް ކުޅުނީ އެނިސްޓަނާއި މެތިއާ ކޯޓްނީ އާއި ލީޒާ ކުޑްރޯ އާއި މެޓް ލިބްލާންކްގެ އިތުރުން ޑޭވިޑް ޝްވިމާއެވެ. މި ތަރިން ކުޅުނު ކެރެކްޓާތަކުގެ ނަންތައް ވެސް ވެގެން ދިޔައީ ބެލުންތެރިންގެ މެދުގައި ވަރަށް މަގުބޫލު އަދި އެހާމެ މަޝްހޫރު ނަންތަކަކަށެވެ.
"ފްރެންޑްސް" 1994-2004 ހަމައަށް ގެނެސްދިން އިރު ޖުމްލަ 10 ސީޒަނަކަށް ބެލުންތެރިންނަށް 236 އެޕިސޯޑް ގެނެސް ދީފައިވެއެވެ.