ޙަޤީޤީ ޙާދިޘާ: ފާހިޝް ޢަމަލުތައް ކުރަމުން ދިޔަ ޒުވާނަކަށް ހިދާޔަތް ލިބުނީ ސޫރަތުލް ރަޙްމާންގެ އާޔަތެއް ހުވަފެނުން އިވުމުން!
ﷲ ތަޢާލާ ހިދާޔަތް ދެއްކެވި އަޅަކު މަގު ފުރައްދާނޭ އެހެން އެއްވެސް ފަރާތެއް ނުވެއެވެ. އަދި އެއިލާހު މަގު ފުރައްދައިފި މީހަކަށް ހިދާޔަތް ދޭނެ އެހެން ފަރާތެއް ވެސް ނުވެއެވެ. އެއިލާހީ ރަޙުމާންވަންތަ ރަޙީމްވަންތަ އިލާހެވެ. ފާފައިގެ ތެރޭގައި ޣަރަޤުވެފައިވާ މީސްތަކުންނަށް ވެސް އެއިލާހްގެ ތަނަވަސް ރަޙުމަތުން މަގު ދައްކަވައެވެ. ހީވެސް ނުކުރާ ފަދައިން އޭނާއަށް ޢިބްރަތް ލިބޭނެގޮތް މެދުވެރި ކުރައްވައެވެ.
މި ވާހަކައަކީ ރާއްޖޭގެ ދެކުނުގެ ރަށަކަށް ނިސްބަތްވާ އުމުރުން މިހާރު އެންމެ 28 އަހަރުގެ ޒުވާން ކުއްޖަކަށް ﷲ ތަޢާލާ ހިދާޔަތް ދެއްކެވި ގޮތުގެ ވާހަކައެކެވެ. މިފަދަ ވާހަކަތަކުން އިބްރަތް ޙާޞިލްކޮށް ﷲގެ މަގުގައި ސާބިތުވެ ތިބޭ ބަޔަކަށް އަހަރެމެން ވަމާތޯއެވެ.
" ގިނަ ކުދިންނެކޭ އެއްފަދައިން އަހަރެންގެ ޅައުމުރު ވެސް ދިޔައީ ސަކަރާތާއި މަޖަލުގައެވެ. އެހެން އުޅެމުން ގޮސް މުޖުތަމަޢަށް ނިކުމެ ، ޒުވާންކަމުގެ އެންމެ ޖޯޝްގައި ، ބައެއް މީހުންނެކޭ އެއްފަދައިން އަހަރެން ވެސް މުސްލިމަކަށްވީ ހަމައެކަނި ނަމެއްގެ ގޮތުގައެވެ. ނަމާދެއް ނުކުރަމެވެ. ރަމަޟާންމަހުގައި ގިނަ ވާނީ ރޯދަ ވެސް ނުހިފާ ދުވަސްތަކެވެ. ރޯދައަށް ހުންނަ ދުވަސް ދުވަހު ވެސް، ހަމައެކަނި ނުކައި ހުންނަކަން އެކަންޏެވެ.
އަހަރެންގެ ޣާފިލްކަމާއި ނޭއްގާނީކަން އެވަރަކުން ނުނިމެއެވެ. އާއިލާ އާއި ވަކިން މާލޭގައި ވަޒީފާ އަދާކޮށް، ދިރިއުޅެވެން ފެށުމުން އަހަންނަށް ހީވީ ދުނިޔެ ރަންވި ހެންނެވެ. ކުދިން ބައިތިއްބާ ގެއެއްގައި އެންމެ ފުރަތަމަ ހުރިނަމަވެސް ފަހުން ރައްޓެހިން ގިނަވެ، އެމީހުންނާއެކު ވަކިން ތަނެއް ކުއްޔަށް ހިފައިގެން އުޅެން ފެށީއެވެ.
ޕާޓީ ކުރުމާއި، ފާހިޝް ޢަމަލުތައް ކުރުމަކީ ކޮންމެ ރެއަކަށްހެން ތާވަލު ކުރެވިފައިވާ ކަންކަމެވެ. ފާފަތަކުގައި ވަގުތީ އުފާތައް ހޯދަމުން ދިޔަ ނަމަވެސް ހިތުގައި ކޮންމެވެސް ވަރަކަށް ބިރުވެރިކަމެއް އުފެދިފައި ހުއްޓެވެ. އެއީ ކޮން ބިރެއްކަމެއް އެއިރަކު އެވަރަކަށް ނުވިސްނުނެވެ.
ކަޅު އަނދިރި ޙަޔާތެއްގައި އަހަރެންގެ ދިރިއުޅުން ބައްޓަން ކޮށްފައި އޮތްއިރު އަހަރެންގެ ޚިޔާލު ، ދީނާއި ބެހޭ ގޮތުން ވެސް ކުރެވެއެވެ. ހިތުގައި އެކި ސުވާލު އުފެދެއެވެ.
އެއްރޭ ޕާޓީ ކުރުމަށްފަހު ނިދަން އޮތް ރެއެކެވެ. ނިދުމުގެ ކުރިން ހިތަށް އަރަމުން ދިޔައީ އިސްލާމްދީނާއި ބެހޭ ގޮތުންނެވެ. އެއީ ހަމަ ޙައްޤުވެގެންވާ ދީން ބާއޭ ހިތަށް އަރަމުން އެސުވާލު ވަރަށް ބޮޑަށް ހިތުތެރޭގައި އުފެދެމުން ދިޔައެވެ. އެހެން އޮވެ ނިދިޖެހުނު ތަނާހެން އަހަންނަށް ހުވަފެނުން ފެނުނީ އަނދިރި ގަނޑެކެވެ. އަދި އިވެމުންދިޔައީ މިއާޔަތެވެ.
فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ
ކުއްލިއަކަށް ނިދިން ހޭލެވުނެވެ. ގަޑި ބަލާލިއިރު ދަންވަރު ތިނެއް ޖެހީއެވެ. އެހެންކަމުން ޝައިޠާނާ ދައްކާ ހުވަފެނެއް ކަމަށް ދެކި، ގޫގްލް އިން އާޔަތުލް ކުރްސި އާއި ނިދުމުގެ ކުރިން ކިޔާ ދުޢާ ހޯދައިގެން ކިޔައިގެން އޮއްވާ އަލުން ނިދިއްޖެއެވެ.
މިފަހަރު ހުވަފެނުން ފެނުނީ މާބަގީޗާ ގަސްތަކަކާއި ރީތި ފެން ކޯރެކެވެ. ނަމަވެސް އިވުނީ ހަމަ އެއާޔަތެވެ.
فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ
އަނެއްކާވެސް ހޭލެވުނެވެ. އެހިސާބުން އަހަރެން ނިންމީ އެއާޔަތުގެ މާނަ ހޯދާށެވެ. އެއިރު ގަޑިން ހަތަރެއް ޖަހަނީއެވެ. ގޫގްލްގައި ލިޔެވުނު ގޮތަކަށް ލިޔެގެން އާޔަތުގެ މާނައަށް ބަލާލީމެވެ. އޭގައި ލިޔެފައިވަނީ '(އޭ ޖިންނީންނާއި އިންސީންނޭވެ!) ފަހެ، ތިޔަ ދެބައިމީހުން ދޮގުކޮށް އިންކާރު ކުރަނީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތްތަކެއް ހެއްޔެވެ؟'
އެއާޔަތުގެ މާނަ ފެނިފައި އަހަރެން ވަރަށް ބޮޑަށް ހައިރާންވިއެވެ. އެއީ ކީއްވެ ފެނުނު ހުވަފެނެއްބާއޭ އަދި އެއާޔަތް އިވުނީ ކީއްވެބާއޭ ހިތަށް އެރިއެވެ. އަދި އަހަރެން އުޅެމުންދިޔަ ގޮތާއި ދީނާއި ބެހޭ ގޮތުން އުފެއްދި ސުވާލުތަކާއެކު މި އާޔަތުގެ އަޑު އަހަންނަށް އިވުނީ ކީއްވެބާއެއް ހިތަށް އަރާ ބިރުގަނެ ހާސްވާ ގޮތްވިއެވެ. އެއާއެކު އަހަރެން ނިންމީ އެއާޔަތަކީ ކޮން ސޫރަތެއްގެ އާޔަތެއްތޯ ބަލައި މުޅި ސޫރަތުގެ މާނަ އޮޅުން ފިލުވާށެވެ. އެހެންކަމުން 'ޤުރްއާން އެމްވީ' އެޕްލިކޭޝަން އެޅުމަށްފަހު އެ އާޔަތް ހިމެނޭ ސޫރަތް ، ސޫރަތުލް ރަޙްމާންގެ އާޔަތްތަކާއި މާނަ ކިޔަން ފެށީމެވެ. ކިޔަވަމުން ދިޔަ ކޮންމެ އާޔަތެއްގެ މާނައާއެކު އަހަރެންގެ ހައިރާންކަން ދިޔައީ އިތުރުވަމުންނެވެ.
އެސޫރަތުގައިވަނީ ނިދުމުގެ ކުރިން އަހަރެންގެ ހިތުގައި އުފެދުނު ހުރިހާ ސުވާލުތަކެއްގެ ޖަވާބެވެ.
ޚަލްޤުތަކުންނަށްޓަކައި އެކަލާނގެ ބިން ލެއްވެވި ކަމެވެ. އެބިމުގައި މޭވާއާއި، ކަދުރު ރުއްތައް ލެއްވެވި ކަމެވެ. ތޮށި ހުންނަ ގޮވާންތަކާއި މީރުވަސް ދުވާ މާމެލާމެލި ލެއްވިކަމެވެ. މުށިތަކެއްފަދަ ހިކި މަށިން އެކަލާނގެ އިންސާނާ ހެއްދެވިކަމެވެ. ދުންނާރާ އަލިފާނުގެ ހުޅުގަނޑުން ޖިންނީން ހެއްދެވިކަމެވެ. މާތް ﷲއީ އިރުއަރާ ދެތަނާއި އިރުއޮއްސޭ ދެތަނުގެ ވެރި ރަސްކަލާނގެ ކަމެވެ. އެކަލާނގެ ދެކަނޑު (ކޯރާއި ކަނޑު) ހެއްދެވި ކަމެވެ.
އެސޫރަތާއި ސޫރަތުގެ މާނަ ކިޔައި ނިމުންއިރު އަހަރެން ހުރީ ފެންކަޅިވެފައެވެ. ޤުރުއާނުގެ އާޔަތެއް ކިޔާލެވުނު ދުވަހެއް ހަނދާނުގައި ވެސް ނެތް ، ބައެއް ފަހަރު އިވޭ އާޔަތެއް ހުވަފެނުން ތަކުރާރުވުމުން ހަމަ ޔަގީނުން ވެސް އެއީ އަހަންނަށް ލިބުމަށް އިރާދަކުރެއްވި ހިދާޔަތެއްކަން އަހަންނަށް ވިސްނުނެވެ.
އަހަރެން ލަހެއްފަހެއް ނުކުރަމެވެ. ފެންވަރައިގެން އަވަސްވެގަތީ ނަމާދުކުރަން ދިޔުމަށެވެ. ޠައުބާވެ ފަތިސް ނަމާދުގައި ބައިވެރިވުމަށެވެ.
އަހަރެން ހީކުރީ އަހަންނަށް ނަމާދުގައި ކިޔައި އެއްވެސް އެއްޗެއް ހަނދާން ނުވާނެ ކަމަށެވެ. ނަމަވެސް އެކަމުގައިވެސް މާތް ﷲ ގެ ކުޅަދުންވަންތަކަމާއި ރަޙުމާންވަންތަކަން ދެކޭށެވެ. ފާފައިގެ ކަނޑުގައި ޣަރަޤްވެފައިވާ މި ނިކަމެތި އިންސާނާއާއި މެދު އޯގާތެރިވެ ވޮޑިގެންނެވި މިންވަރު ވިސްނާލައްވާށެވެ. ނަމާދެއް ނުކުރާތާ އެތައް އަހަރެއް ވެފައިވީއިރު ވެސް ނަމާދުގައި ކިޔާ ހުރިހާ އެއްޗެއް އަހަންނަށް ހަނދާންވިއެވެ.
އެދުވަހަށްފަހު އަހަރެން މިއަދާއި ހަމައަށް އެންމެ ނަމާދެއް ވެސް ވައްޓާނުލަމެވެ. ﷲއަށް ޙަމްދު ކުރަމެވެ. އެރެއަށްފަހު ފާހިޝް ޢަމަލުތައް ކުރުން ހުއްޓުނު ގޮތަށް އަހަރެންގެ ދިރިއުޅުން ރަށަށް ބަދަލު ކުރީމެވެ.އަހަންނަށް ހުނަރު ލިބިފައިވާ މަސައްކަތެއްކޮށް އާމްދަނީ ހޯދަމުން ދާއިރު މިއަދު އަހަންނަކީ މީހެއްގެ ފިރިއެކެވެ.
އަހަރެންގެ ދިރިއުޅުން ބަދަލުވި ފަހުން އަހަރެންގެ ސިކުނޑީގައި އަބަދުވެސް ހަރުލާ ހުންނަ ކަމަކީ ﷲ ތަޢާލާގެ މަދަދުވެރިކަމާއި އޯގާވަންތަ ކަމެވެ. ފާފައިގެ ޖަންގަލީގައި އަހަރެން ވީއިރު ، އަހަންނަށް މަގު ނުދައްކަވާ އަހަރެންގެ ފުރާނަ ގެންދެވުމަށް ވެސް ކުޅަދާނަ އިލާހު އަހަންނާއި މެދު ބައްލަވާ ވޮޑިގެންނެވި މިންވަރެވެ.
ﷲ ތަޢާލާ އަޅުތަކުންދެކެ ލޯބިވެ ވޮޑިގެންވާ މިންވަރު ދެކިބަލާށެވެ. އެއިލާހަށް އެވަރަށް އުރެދުނުއިރު ވެސް، ޠައުބާވެ ދިރިއުޅުން ތެދުމަގަށް ގެންދިޔުމުގެ ފުރުސަތު އެއިލާހު އަހަންނަށް ދެއްވެވިއެވެ. މިއީ އެންމެންނަށް ވެސް ދެއްވަވާ ފުރުސަތެކެވެ. ހަމަކަށަވަރުން ﷲ އީ އެންމެ އޯގާވަންތަ ރަސްކަލާނގެއެވެ. ފާފައިން ތައުބާވާ އަޅުންދެކެ އެއިލާހު ލޯބިވެ ވޮޑިގަންނަވާނެއެވެ"