ޙަޤީޤީ ހާސިދާ: ފާފައިގެ އަނދިރިކަމުން، ހެޔޮކަމުގެ އަލިކަމަށް ދިވެހި އުޚުތަކު ދަތުރުކުރި މަގު
މިއީ ދިވެހި އަންހެނެއްގެ ޙަޔާތުގެ ވާހަކައެކެވެ. ޝައިތާނީ ވަސްވާހުގައި ޒުވާން އުމުރު ނަގައިލި މި އަންހެން މީހާ މިހާރު ވަނީ ތައުބާވެ ﷲގެ މަގަށް ރުޖޫޢަ ވެފައެވެ. ހުރިހާ ވެސް ޙަމްދެއް ހުރީ އެ އިލާހަށެވެ.
ނަން ހާމަ ނުކުރުމަށް އެދި "ދެން"އަށް އޭނާ މި ވާހަކަ ކިޔައިދިނީ ނަމާދު ކުރުމުގެ މުހިންމުކަމާއި އެކަމުން ލިބޭ ފައިދާތަކުގެ އިތުރުން ނަމާދު ކުރަން ފެށުމުން އޭނާގެ ޙަޔާތަށް އައި ބަދަލުތައް ކިޔުންތެރިންނަށް ހިއްސާކުރުމުގެ ނިޔަތުގައެވެ. ޒުވާންކަމުގެ ދުވަސްވަރު ނަގައިނުލުމަށް ޒުވާނުންނަށް އާދޭސް ކުރުމުގެ ބޭނުމުގައެވެ.
"ތުއްތު އުމުރުން ފެށިގެން ފުރާވަރަށް އަރާ، އަދި އުމުރުން 30 އަހަރާ ހަމައަށް އައިއިރު ވެސް އަހަންނަކީ ޤަވާޢިދުން ނަމާދުކުރި މީހެއް ނޫނެވެ. އިސްލާމްދީނާ ދެކޮޅު ވާހަކަތައް ނުދެއްކި ނަމަވެސް، އަދި ދީނީ ލިޔުންތައް މީސްމީޑިއާގައި ހިއްސާ ކުރަމުންދިޔަ ނަމަވެސް، އަހަންނަކީ ބަރާބަރަށް ފަސް ވަގުތު ނަމާދުކުރި މީހެއް ނޫނެވެ.
ކޮންމެ ރަމަޟާން މަހެއް ފެށޭ ދުވަސްކޮޅު ދެތިން ދުވަސް ވަންދެން ނަމާދު ކުރީމެވެ. ނަމަވެސް އޭގެ ފަހުން ރޯދައަށޭ ކިޔާފައި، ނުކައި ހުންނަކަން އެކަންޏެވެ. މިއީ ބަރަކާތް ރަމަޟާން މަހުގެ ޙާލަތެވެ. އެވަގުތުތަކެއް ގެއްލުމުން މިއަދު އަހަރެން އެންމެ ހިތާމަ ކުރާ ވަގުތުތަކެވެ.
ފުރާވަރުގެ ދުވަސްވަރަކީ ގިނަ ބަޔަކަށް ޙަޔާތުގެ އެންމެ އުފާވެރި ދުވަސްވަރެވެ. ކުދިންނާއި އެކުވެރިކަން އިތުރުވެ ސަކަރާތާއި މަޖަލުގައި ހޭދަވާ ދުވަސްވަރެކެވެ. ނަމަވެސް އަހަންނަށް އެ ދުވަސްވަރަކީ ޙަޔާތުގެ އެންމެ ކަޅު ޞަފްހާ ތަކެވެ. ފުރިހަމަވަމުން އައި އަހަރެންގެ ޖިސްމާއި އަދި ތޫނު ވަމުން އައި އަހަރެންގެ ވިސްނުންތަކަށް ޒަހަރުލާ އަހަރެންގެ ހަޔާތް ބަނަކޮށްލި ދުވަަސްވަރެވެ.
މިކަންކަމާއެކު އަހަރެންގެ ހިތުގައި އެއިރު އެންމެންނާމެދު ވެސް އުފެދިފައިވަނީ ޝަކުވާ އެވެ.އެހެން މީހުން އަހަރެން ބާކީ ކުރަނީ ކަމަށް ދެކި، އެކަމާއި ހިތާމަކޮށް ނަފްސާނީ ބަލީގެ ޝިކާރައަކަށް ވެސް އަހަރެންވިއެވެ. ނަމަވެސް އޭރު ވެސް ހިތްތަކަށް ހަމަޖެހުން ހޯދުމަށް އޮތް ފަރުވާގެ ބޭނުން ހިފާކަށް ނޭނގުނެވެ. ނަމާދާމެދު ކުޑަވެސް ފިކުރެއް ނެތެވެ.
އަހަރެން ދެ ކައިވެނި ކުރީމެވެ. ދެވަނަ ކައިވެނި ރޫޅުމުގެ ކުރިން އަހަންނަކީ ނަމާދު އެޅި ނަމަވެސް ބޮޑެތި އެހެން ފާފަތައް ކުރި މީހެއް ނޫނެވެ.
ނަމަވެސް ދެވަނަ ކައިވެނި ރޫޅުނު ފަހުން،ކުއްްޖަކާ ހިތާވެ ދެން އައި ދުވަސްވަރަކީ އެދުވަަސްވަރުގެ ވާހަކަތައް ކިޔައިދޭން އަހަރެން ލަދުވެތި ވާ ދުވަސްވަރެކެވެ.
ޝައިތާނީ ވަސްވާސްތަކާއި އޭގެ ހެއްލުމުގައި އަހަރެންގެ އާ ލޯބިވެރިޔާއާއެކު ދުވަސްތައް މާޒީ ކުރަމުން ގެންދިޔައިމެވެ. ޚިޔާލެއް ފިކުރެއް ނެތެވެ. ރައްބެއް ރަސޫލެއް ވާކަން ނުވެސް ދެނެހުރި ފަދައެވެ.
ކަލަންޑަރުގެ ގަނޑުތައް އުކެމުން ގޮސް ޝައިތާނާގެ އަޅެއްގެ ގޮތުގައި އަހަރެންގެ ހަޔާތުން ދެ އަހަރު ވޭތުވެގެން ދިޔައެވެ. ނަމަވެސް ހިތަށް އެއްވެސް ހަމަޖެހުމެއް ނުލިބި އުފެދެން ފެށި ބިރުވެރިކަން މުޅި ނަފްސް ވަށާލައިފިއެވެ. ހެއްދެވި ފަރާތެއް ވާކަމާއި މި ނޫން ދުވަހެއް ވެސް ވާކަމުގެ އިހްސާސްތައް ކުރެވެން ފަށައިފިއެވެ. ﷲ ނަހީ ކުރެއްވި ބޮޑު ފާފައެއް މަތީގައި އަަހަރެން މި ދުނިޔެއާއި ވަކިވާން ޖެހިއްޖެނަމަ ދެން ކުރެވޭނެ އެއްވެސް ކަމެއް ނެތްކަން ވިސްނެން ފެށުނެވެ.
އެހެންކަމުން ލޯބިވެރިޔާއާއެކު ހޭދަ ކުރަމުން ދިޔަ އަނދިރި ދުވަސްތައް އެގޮތުގައި އޮތް ނަމަވެސް އެބިރުވެރިކަން ފިލާތޯ އޭރު ނަމާދު ކުރަން ފެށީމެވެ. ކޮންމެ ދުވަހަކު ދެ ނަމާދު ނުވަތަ ތިން ނަމާދު ކުރުމަށްފަހު، ރޭގަނޑު ހޭދަކުރެވުނީ ﷲ އަށް އުރެދުމުގައެވެ.
މިގޮތުގައި ނަމާދު ކުރަމުން ދިޔަ ނަމަވެސް އެ ނަމާދަކީ އަހަރެންގެ ބިރުވެރިކަން ފިލާ ހިތް ނުތަނަވަސްކަމުން މިންޖުވި ނަމާދަަކަށް ނުވިއެވެ. ނަމާދު ކުރިނަމަވެސް ހިތަށް ވަރަށް ބޮޑެތި އުނދަގޫތަކެއް ވާން ފެށިއެވެ. ލަދުވެތިކަން އިތުރުވެ، ކޮންމެ ރެއަކު އެކަމާއި ރޮއެ ހިތާމަ ކުރަން ފެށުނެވެ.
އެހެންކަމުން ދެން ވިސްނުނީ، އެހިތާމަތަކުން ސަލާމަތްވެވެން އޮތް ހަމައެކަނި ގޮތަކީ ﷲ އަަށް އުރެދުން ހުއްޓާލާ ކިޔަމަންތެރިކަމުގެ މަގު އިޚްތިޔާރު ކުރުން ކަމެވެ.
ވަރަށް ހިތްވަރު ކޮށްފައި، ލޯބިވެރިޔާއާއި މި ވާހަކަތައް ހިއްސާ ކުރީމެވެ. އަދި އަވަހަަށް ކައިވެނި ކުރަން އެދުނީމެވެ. ލޯބިވެރިޔާ ވެސް އަހަރެންގެ އެދުމަށް އެއްބަސްވެ ކައިވެނި ކުރާނެ ތާރީޚް ކަނޑައެޅިއެވެ. ނަމަވެސް މި ނިންމުމަކީ ވެސް އަހަރެން ބޭނުންވި ނަތީޖާ ލިބުނު ނިންމުމަކަށް ނުވިއެވެ. އަވަހަށް ކައިވެނިކުރަން އަހަރެން ބޭނުންވި ސަބަބު އޮތްތަނުގައި ބާއްވާފައި ލޯބިވެރިޔާގެ ގޮވާލުން ތަކަށް އިޖާބަ ދޭން އޭނާ އެދުނެވެ. ނަމަވެސް ހިތްވަރު ކޮށްފައި އަހަރެން އެކަންކަމަަށް ފުރަގަސްދިނީމެވެ.
މިކަމުގެ އަގު އަހަރެން ދައްކަން ޖެހުނެވެ. ކައިވެނި ކުރުމުގެ އުއްމީދުގައި އެކުގައި ދެއަހަރު ހޭދަ ކުރި ލޯބިވެރިޔާ އެހެން މީހަކާއި ގުޅި އަހަންނާ ގުޅުން ކަނޑާލިއެވެ. އެކަން އަހަންނަށްވީ ބަރުދާސްތުކުރަން އުނދަގޫ ކަމަކަށެވެ. ކުރަމުން ދިޔަ ހިތާމަ އިތުރުވެ މަގު ކައްސާލިއެވެ. ނަފްސާނީ ގޮތުން ބަލިކަށިވެ ސިނގިރޭޓު ބޯން ފެށުނެވެ. އަނެއްކާވެސް ނަމާދާއި ދުރުވިއެވެ.
އެގޮތުގައި އަހަރެއްހާ ދުވަސް ވޭތުވެގެން ދިޔައެވެ. ފޭސްބުކް އިން ފެނުނީ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިއަކު، މީހަކަށް ކަންކަން ވިސްނައިދިން ގޮތުން އެމީހާއަށް ޙިދާޔަތް ލިބި ޝުކުރު އަދާކޮށްފައި ވަނިކޮށެވެ.
ބޭއިޚްތިޔާރުގައި އަހަރެން ވެސް އޭނާއާ ވާހަކަ ދައްކަން ފެށީމެވެ.އަދި އަހަރެންގެ ޙާލަތު ކިޔައިދިނީމެވެ.
އަހަރެންގެ ވާހަކަތައް އަޑު އެހުމަށްފަހު، ފުރަތަމަ ވެސް އޭނާ ބުނީ 'ނަމާދު ނުކުރާ މީހަކީ މުސްލިމެއް ނޫން'މިފަދައިންނެވެ.
އެޖުމްލަ އަހަންނަށްވީ ވަރަށް ބޮޑު ޖުމްލައަކަށެވެ. އެއީ ކޮންމެ ގޮތަކަށް އުޅުން ކަމުގައިވިޔަސް އަހަންނަކީ މުސްލިމެއް ނޫން ކަމުގައި ވާކަށް ބޭނުމެއް ނުވިއެވެ.
އެހެންކަމުން އޭނާ ދިން ޖަވާބާ މެދު ހިތްހަމަ ނުޖެހި އޭނާއާ ޖަދަލު ކުރީމެވެ. ދިނީ ވަރަށް ވިޔާނުދާ އަދި ބުނެގެން ނުވާނެ އެއްޗެއް ކަމަށް ވެސް ބުނީމެވެ.
މަޑުމައިތިރި ކަމާއެކު އޭނާ ބުންޏެވެ. 'އޭ އުޚްތާއެވެ. އަހަރެންގެ މަޤްސަދަކީ ތިބާ ރުޅިއަރުވާ ދެރަކޮށްލުމެއް ނޫނެވެ. ނަމަވެސް މަދަދަކަށް އެދި އައުމުން އެހީތެރިވުމެވެ. އަހަރެން މިބުނަނީ ދޮގެއްތޯ އެހެން މީހަކު ގާތުވެސް އަހާބަލާށެވެ. ހޯދުނު ގޮތަކަށް މަޢުލޫމާތު ހޯދާށެވެ. ނަމާދު ނުކުރާ މީހަކީ މުސްލިމެއް ނޫން ކަމުގައި މެނުވީ ނުވާނެއެވެ.' ދެވަނަ ފަހަރަށް ވެސް އޭނާ ބުނީ އެހެންނެވެ. އަދި އަހަރެންގެ ހުރިހާ މުސީބާތަކަށް އޮތް ހައްލަކީ ވެސް ނަމާދުކުރުން ކަމުގައި އޭނާ ބުންޏެވެ.
އަހަރެން ނިންމީ އޭނާ ބުނި ބަސްތައް ފުރަތަމަ ދިރާސާ ކުރާށެވެ. އެހެންކަމުން އަމިއްލައަށް ނަމާދާއި ބެހޭގޮތުން ދީނީ އެކިއެކި ޢިލްވެރިންގެ ދަރުސްތައް ޔޫޓިއުބުން ބަލާ އަޑުއަހަން ފެށީމެވެ. މުފްތީ މެންކް އާއި ޑރ. ބިލާލް ފިލިޕްސްގެ ދަރުސްތައް ބެލީމެވެ.
އޭނާ ބުނިހެން ޖަވާބަކީ ހަމަ އެއް ޖަވާބެކެވެ. އެދުވަހު އަހަރެން ވަރަށް ދެރަވިއެވެ. ދަރުސްތައް އަޑުއަހަން ފެށުމުން، ދީނާ ބެހޭ ގޮތުން ކުރިން ނޭނގިހުރި ބައިވަރު މައުލޫމާތުތައް ވެސް ލިބި، އިސްލާމްދީނުގެ ޢަޤީދާއަށް ބޮޑަށް ހިތްޖެހެން ވެސް ފެށިއެވެ. ފާފަ ކުރާ މީހާއަށް ވެސް ﷲ އެދި ވޮޑިގަންނަވާ ގޮތަކީ އެކަންކަން ހުއްޓާލުމަށް ފަހު އެއިލާހުގެ ޙަޟްރަތަށް ރުޖޫޢަވުން ކަން އެނގުނެވެ. މާޔޫސް ނުވުމަށާއި އެއިލާހުގެ ފުއްސެވުން ތަނަވަސް ވެގެންވާކަން ޤުރުއާނުގެ އާޔަތްތަކުގެ އަލީގައި ޝައިޚުން ކިޔައިދެއްވި އަޑުއެހީ ރުއިމާއެކުގައެވެ.
އެހިސާބުން އަހަރެންގެ ދިރިއުޅުން ބަދަލު ކުރަން ނިންމީމެވެ. ސިނގިރޭޓު ބުއިން ހުއްޓައިލީމެވެ. އަދި ހިތްވަރު ކޮށްފައި ނަމާދު ކުރަން ފެށީމެވެ.
ﷲއަށް ޙަމްދު ހުއްޓެވެ. މިހާރު އަހަންނަކީ ބަރާބަރަށް ނަމާދުކުރާ މީހެކެވެ. ހިތުގައި އުފެދިފައިވާ ބިރުވެރިކަމާއި މާޔޫސްކަމެއް މިއަދަކު ނެތެވެ. އެހެން މީހަކަށް ބަރޯސާ ވާކަށް މިއަދު އަހަރެން ބޭނުމެއް ނެތެވެ. އަހަރެން ﷲ އަށް ވަކީލު ކުރަމެވެ. ގާތުގައި އެކަކު ނެތް ނަމަވެސް ﷲގެ މަދަދު އަހަންނަށް އެބައޮތްކަން ހިތުގެ އަޑީން ޤަބޫލު ކުރެވެއެވެ. ދިމާވާ ދަތި ޙާލަތްތަކަށް ކެތްތެރިވުމުން އެ ޙާލަތުގެ އުނދަގޫ ކަމެއް އަހަންނަކަށް އިހްސާސެއް ނުވެއެވެ.
ފަށަމުން ވެސް ބުނި ފަދައިން ޒުވާނުންނަށް އޮތް އަހަރެންގެ އާދޭހަކީ ޒުވާން އުމުރުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ކުރާ އާދޭހެވެ. ގެއްލިއްޖެ ވަގުތަކީ އަނބުރާ ލިބޭނެ އެއްޗެއް ނޫނެވެ. ކައިވެނި ކުރުމުގެ ޤާބިލްކަން ހުރި ޒުވާނުން އަވަހަށް ކައިވެނި ކުރާށެވެ. ދިރިއުޅުން ހެޔޮގޮތުގައި ކުރިއަށް ގެންދާށެވެ.