ބޮޑުބެރުގެ ރަންއަޑު ޢަބުދުއްރާޒިޤް މިޔުޒިކާއި ދުރަށް ، މިހާރުގެ އުއްމީދަކީ ﷲ ދެއްވި އަޑު ހެޔޮ ގޮތުގައި ބޭނުން ކުރުން
ޢަބުދުއްރާޒިޤްއަކީ ބޮޑުބެރުގައި މަޝްހޫރު ނަމެކެވެ. މަދަރުސީ ދައުރުގައި ބޮޑުބެރުގައި ހަރަކާތްތެރިވާން ފަށާ ، އޭގެ ފަހުން ރަޙުމަތްތެރިންނާއެކު ބޮޑުބެރު ބޭންޑެއް އުފައްދާ އެކަމުގައި އެންމެ އިސް ސަފަށް ދިޔައެވެ. ބޮޑުބެރު ޗެލެންޖްގެ އެންމެ މޮޅު ލަވަކިޔުންތެރިޔާގެ މަޤާމު ދެފަހަރު ހޯދިއެވެ. އޭގެ އިތުރުން އެމްއެންޑީއެފްގައި މަސައްކަތް ކުރިއިރު ވޮއިސް އޮފް އެމްއެންޑީއެފް މުބާރާތުގެ އެއްވަނަ ހޯދިއެވެ.
ޢަބުދުއްރާޒިޤް މިހާރު ވަނީ މި ހުރިހާ ފަޚުރެއް ދޫކޮށް ހަޤީޤީ ފަޚުރުވެރި މަގު އިޚްތިޔާރުކޮށްފައެވެ. އޭނާ ވަނީ އޭނާގެ މިޔުޒިކީ ޙަޔާތާއި މިހާރުގެ ވާހަކަތައް ''ދެން''އާއި ހިއްސާކޮށްފައެވެ.
''ޙަޔާތުން ހޭދަވީ ވަރަށް ބޭކާރު ވަގުތުތަކެއް އަސްލު އެދިޔައީ ، އޭރުގައި ޣާފިލްކަމުގެ އަނދިރީގައި ދުވަސްތައް ވޭތުކުރެވުނީ ، ނަމާދަށް ފަރުވާ ކުޑަކުރެވި ދިޔަ ދުވަސްތަކެއް އެއީ '' އޭނާ ބުންޏެވެ.
މިޔުޒިކާއި ދުރަށް ދާން ނިންމި ސަބަބު ހާމަ ކުރަމުން ޢަބުދުއްރާޒިޤް ބުނީ ބޮޑުބެރުގައި ޙަރަކާތްތެރިވަމުން ދިޔައިރު ވެސް އެކަމުން ޙަޤީޤީ ހިތްހަމަ ޖެހުމެއް ނުލިބޭ ކަމަށާއި އަދި ދީނަށް ލޯބި ކުރާ ރަޙުމަތްތެރިން ކުރިން ވެސް މިޔުޒިކާއި ދުރުވާން ނަސޭޙަތްތެރިވި ކަމަށެވެ.
''ހިތްހަމަ ޖެހުމެއް ނުލިބޭ ، ދިރިއުޅުމަކަށް ލުޔެއް ނާދޭ ، ފައިސާ ލިބުނަސް ކުލި ނުދެއްކިގެން ވެސް އުޅެންޖެހޭ ، އޭގެ އިތުރުން ދީނަށް ލޯބިކުރާ ޒުވާން ކުދިން އޭރުވެސް ބުނަމުންދޭ ހުއްޓާލަން ، އޭރު ދެން އެމީހުންނާ ޖަދަލުވެސް ކުރެވުނު ، އެކަމާ މިހާރު ދެރަވެސް ވޭ ، އަދި އެމީހުން ކިބައިން މާފަށް އެދެން ވެސް ބޭނުން ، އަދި އަހަރެންގެ ފަރާތުން އެއްވެސް މީހަކާ މެދު ގޯސްކޮށް ކަމެއް ކުރެވިފައި އޮތަސް ، ހިތްހަމަ ނުޖެހޭ ބަހެއް ބުނެފައިއޮތް ނަމަވެސް އެކަމަށް ވެސް މާފަށް އެދެން'' އޭނާ ބުންޏެވެ.
ޢަބްދުއްރާޒިޤް ބުނީ މިހުރިހާ ސަބަބަކާއެކު ދީނުގައި މިކަން އޮންނަ ގޮތް ސާފުކުރަން ނިންމި ކަމަށާއި އަދި އެގޮތުން އެކިއެކި ޝައިޚުންނާއި ވާހަކަ ދައްކާ މަޢުލޫމާތު އޮޅުން ފިލުވި ކަމަށެވެ. އަދި އެހުރިހާ ޝައިޚުންގެ ބަހަކީ ވެސް އެއްބަހެއް ކަމަށާއި އެހެންވެ މިޔުޒިކާއި ދުރުވާން ނިންމީ ކަމަށް އަހަރެއްހާ ދުވަސްކުރިން މިޔުޒިކާއި ދުރުވި ޢަބްދުއްރާޒިޤް ބުންޏެވެ.
އޭނާ ބުނީ މިޔުޒިކާއި ދުރުވި ހިސާބުން ފެށިގެން މަލާމާތާއި ޖެއްސުމުގެ ބަސްތައް ލިބެމުންދާ ކަމަށާއި އެހެންނަމަވެސް އެފަދަ މީހުންނާއި މެދު ވެސް އެއްވެސް ހިތްބުރަ ކަމެއް ނެތް ކަމަށެވެ. އަދި ޢަބުދުއްރާޒިޤް (ރިޒްޤް ދެއްވާ އިލާހުގެ އަޅާ) ގެ ޙަޤީޤީ މަޤާމާއި އެމަޤާމުގެ އުފާވެރިކަން މިހާރު އިހްސާސް ކުރެވޭ ކަމަށް ވެސް ޢަބުދުއްރާޒިޤް ބުންޏެވެ.
ކޮވިޑް19އާއި ގުޅިގެން ފުރަބަންދު އިޢުލާން ކުރުމާއި ހަމަޔަށް އާއިލީ ވިޔަފާރިއެއްގައި މަސައްކަތް ކުރަމުން ދިޔަ ޢަބުދުއްރާޒިޤް ބުނީ އޭނާގެ މިހާރުގެ ހުވަފެނަކީ ޤާރީކޯސް ހަދާ އިމާމަކަށްވުން ކަމަށެވެ. އަދި އޭނާގެ ބޭބެއަކީ ވެސް ޤާރީއަކަށްވުމާއެކު ބޭބެގެ ފަރާތުން ވެސް އެކަމަށް ހިތްވަރު ލިބޭ ކަމަށް ޢަބުދުއްރާޒިޤް ބުންޏެވެ.
''ﷲ ދެއްވި އަޑުގެ ބޭނުން ރަނގަޅު ގޮތުގައި ހިފަން ބޭނުމީ ، އިންޝާﷲ މިކަން (ކޮވިޑް19) ނިމުމުން ދެން ބަލާނީ ޤާރީ ކޯސް ހަދަން ، އަދި އޭގެ ފަހުން މިސްކިތެއްގެ އިމާމަކަށް ވުން އުއްމީދަކީ"
''ދެން'' އިން އެދެނީ ޢަބުދުއްރާޒިޤް ގެ އުއްމީދު ޙަޤީޤަތަކަށް ވުމެވެ. ބޮޑުބެރުގައި ވިދާލި ރީތި އަޑުން ﷲގެ މޫރިތި ބަސްފުޅުތައް އަޑުހަރުކޮށް އިވިގެންދާނެ ދުވަހެއް މިންވަރު ކުރެއްވުމެވެ. ޢަބުދުއްރާޒިޤްއަށް ސާބިތުކަމާއި ހިތްވަރު ދެއްވާށިއެވެ. އަދި އޭނާއަށް ފާގަތި މުސްތަގުބަލެއް ދެއްވާށިއެވެ.