ދީން

އުފާވެރިކަމާއި ބާއްޖަވެރިކަމުގެ ޙަޔާތެއް ލިބި ގަންނާނީ ކިހިނެއް؟

ދެން އެމްވީ ، ދެން އޮންލައިން

އަހަރެމެންގެ ތެރެއިން ކޮންމެ އިންސާނަކީ ވެސް އުނދަގޫ ކަމެއް ހިތާމައެއް އަދި ހާސްކަމެއް ނެތް އުފާވެރި ޙަޔާތެއް ބޭނުންވާނެ މީހެކެވެ. އެހެންނަމަވެސް އުފާވެރިކަމާއި ފޮނިމީރުކަމުން ބާއްޖަވެރިވެފައިވާ ޙަޔާތެއް ލިބިގަންނާނެ ގޮތާކާއި މެދު އެކި މީސްތަކުން ދެކޭގޮތް ތަފާތެވެ.

Ads by STELCO

މީސްތަކުންގެ ތެރެއިން ބައެއް މީހުންނަށް އުފާވެރި ޙަޔާތެއް ލިބެނީ ހަމައެކަނި ދުނިޔޭގެ ވަގުތީ ލައްޒަތުތަކުން ކަމުގައި ދެކެތެވެ. އެމީހަކީ ދުނިޔޭގައި ނަސީބުވެރިޔަކަށް ވެއްޖެނަމަ އުފާވެރިކަން ޙާސިލް ވެއްޖެކަމަށް ދެކެއެވެ. "މިފަދަ މީހާ އާޚިރަތާމެދު އެއްވެސް އަޅާލުމެއް ނުބާއްވައެވެ. އާޚިރަތުގައި ކޮންމެ ގޮތަކަށް ކަންތައް ވިޔަސް މިފަދަމީހަކަށް މައްސަލައެއްނެތެވެ. އޭނާގެ ހުރިހާ ވިސްނުމާއި ފިކުރެއް ވަނީ ހަމައެކަނި ދުނިޔެއަށްޓަކައި ހުސްކޮށްލެވިގެންނެވެ. އާޚިރަތެއް ވާކަމުގެ ފިކުރެއް ނުހިނގާ ވަރަށް އޭނާ ވަނީ މާދިއްޔަތަށް ގޮސް ހުސްވެފައެވެ.

އަންނަނިވި އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވާ ފަދައިންނެވެ:

وَقَالُوا مَا هِيَ إِلاَّ حَيَاتُنَا الدُّنْيَا نَمُوتُ وَنَحْيَا وَمَا يُهْلِكُنَا إِلاَّ الدَّهْرُ

-سورة الجاثية: 24-

މާނައީ: އެއުރެން ބުނޫއެވެ. ތިމަންމެންގެ ދުނިޔޭގެ ދިރިއުޅުންމެނުވީ، އެހެން ދިރިއުޅުމެއްނެތެވެ. ތިމަންމެން ދިރިތިބެމުއެވެ. އަދި މަރުވަމުއެވެ. އަދި ޒަމާން މެނުވީ ތިމަންމެން ހަލާކެއް ނުކުރެތެވެ.

އިސްވެ ދެންނެވުންފަދަ މީހުން ކެނޑިނޭޅި މަސައްކަތް ކުރަމުންދަނީ ދުނިޔޭގެ ޝަހުވަތްތަކާއި އަރާމު ހޯދުމަށެވެ. އަދި އެމީހުން ބޭނުންވި ލައްޒަތްތަކާއި އުފާތައް އެމީހުންނަށް ލިބުނުކަމުގައި ވީނަމަވެސް އެ ކަންކަމުން އެބައިމީހުންގެ ހިތްތަކަށް ޙަޤީޤީ ހިތްހަމަ ޖެހުމެއް ރާހަތެއް ނުލިބެއެވެ. މުޅިދުނިޔެ އެއްކޮށް އެމީހުންނަށް ލިބުނު ކަމުގައި ވީނަމަވެސް ފެނިގެން ދާނީ އެބައިމީހުން އުނދަގުލާއި ހިތާމަޔާ ހާސްކަމެއްގެތެރޭގައި ވަނިކޮށެވެ. އަބަދުވެސް ނުފުދި މަދު ވެގެން އުޅޭ ތަނެވެ.

ވިސްނަވާ ލައްވާށެވެ. ޙަލާލެއް ޙަރާމެއް ނުބަލާ ދުނިޔެ ފަހަތުން ދުވާ މީހުން ، ނުވަތަ އެމީހުންނަށް މާލީ ގޮތުން ދަތިކަމެއް ނުވާ މީހުންގެ ތެެރެއިން ކިތަންމެ ބަޔަކު މަސްތުވާތަކެތި ބޭނުންކުރުން ފަދަ ޙަރާމް ކަންކަމުގެ ތެރޭގައި ވާތީ ތިބާއަށްފެންނާނެއެވެ. ނޫންނަމަ އެބައި މީހުންގެ ނަފްސުތަކަށް ހިތްހަމަޖެހުން ހޯދައިދިނުމަށްޓަކައި މުނިފޫހިފިލުވުމުގެ ނަމުގައި ލާހޫރޭ މަންޒަރު ތިބާއަށް ފެންނާނެއެވެ. މިއީ ހިތްހަމަޖެހުން ކަމުގައި އެބައިމީހުން ދެކެތެވެ.

ނަމަވެސް މިއިން އެއްވެސް ކަމަކުން އެފަދަމީހުންނަށް އެއްވެސްކަހަލަ ފައިދާއެއް ނުކޮށްދެއެވެ. އެކަންކަމުން އެމީހުންގެ ހިތެއް ނުފުރެއެވެ. ނަތީޖާއެއްގެގޮތުން އެންމެފަހުން އެމީހުން އެ އުޅެމުންދާ ޙަޔާތާ ދުރުހެލިވުމަށްޓަކައި އަމިއްލައަށް މަރުވުން ނިމިދިޔުމެއް އިޚްތިޔާރު ކުރާ މީހުންވެސް އުޅެއެވެ.އެބައެއްގެ އަތުގައި ތަފާތު ބާވަތް ތަކުގެ ލައްޒަތްތަކާއި މުދާހުރުމާއިއެކުވެސް އެބައިމީހުން އުޅެމުންދާ ޙަޔާތާއި ދުރުހެލިވުމަށްޓަކައި އަމިއްލައަށް މަރުވާމީހުންގެ ވާހާކަ ކިތައްފަހަރު ތިބާ އަޑުއެހިން ހެއްޔެވެ. ސަބަބަކީ މުދަލާއި ލައްޒަތުން އެކަނި އުފާވެރިކަން ފުރިހަމަ ނުވާތީއެވެ.. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

وَلاَ تُعْجِبْكَ أَمْوَالُهُمْ وَأَوْلاَدُهُمْ إِنَّمَا يُرِيدُ اللَّهُ أَن يُعَذِّبَهُم بِهَا فِي الدُّنْيَا وَتَزْهَقَأَنفُسُهُمْ وَهُمْ كَافِرُونَ

-سورة التوبة 55-

މާނައީ: އެއުރެންގެ މުދާތަކާއި، އެއުރެންގެ ދަރިންތައް ކަލޭގެފާނު عجائب ކުރުވިޔަ ނުދޭހުށިކަމެވެ! ހަމަކަށަވަރުން، اللَّه އިރާދަކުރައްވަނީ، ދުނިޔޭގެ ދިރިއުޅުމުގައި، އެތަކެތިން އެއުރެންނަށް عذاب ދެއްވުމަށެވެ. އަދި އެއުރެން كافر ން ކަމުގައިވާ حال، އެއުރެންގެ ފުރާނަ ދިޔުމަށެވެ.

އިންސާނުންގެ ތެރެއިން އުފާވެރިކަން ލިބެނީ މީރު ކެއުމާއި ބުއިމާއި އަދިވެސް ނަފްސަށް ހިތްހަމަ ޖެހުންލިބޭ ކުޅިވަރު ތަކުންކަމުގައި ދެކޭމީހުން އުޅެއެވެ. އަދިވެސް ބައެއްމީހުން ވެރިކަމާއި ޝަރަފާއި މީސްތަކުންގެ މައްޗަށް ބާރުފޯރުވުމާއި އަނިޔާވެރިވުމަކީ އުފާވެރިކަންކަމުގައި ދެކެއެވެ. ނަމަވެސް ޙަޤީޤަތުގައި އެއީ ކޮޅުނެތް ކޮޅަށްވާ ހިތާމަތަކެވެ.

އަނެއްބަޔަކު ދެކޭގޮތުގައި އަންހެނުންނާއި ދަރިން ގިނަވުމާއި ފައިސާގެ ތެރެއިން ޖަމާކުރެވިފައިވާ ގިނަބައިވަރުތަކާއި، މިފަދަ އެންމެހާ ވަގުތީ އުފާތައް ޙާސިލްވުމަކީ އުފާވެރިކަން ކަމުގައި ދެކެއެވެ. ނަމަވެސް ޙަޤީގަތަކީ އެއީތޯއެވެ. ދުނިޔެއާއި ދުނިޔޭގައިވާހާ ތަކެއްޗަކީ ހަމަ ދާއިމަށް ހުންނާނެ ތަކެތިހެއްޔެވެ. އެހެންކަމަށް ދެކިގެން ދުނިޔޭގައި އުޅުނު މީހުންތައް މިއަދު ކޮބައިތޯއެވެ. ބޮޑާވެ ކިބުރުވެރިވެ އުޅުނުމީހުން އާޚިރަތަށް ދަތުރުކުރަނީ ބަނގުރޫޓުވެގެންވާ ޙާލުގައެވެ. ﷲ ތަޢާލާ އެބައިމީހުނަށް ވަޙީކުރައްވާނެއެވެ.

وَيَوْمَ يُعْرَضُ الَّذِينَ كَفَرُوا عَلَى النَّارِ أَذْهَبْتُمْ طَيِّبَاتِكُمْ فِي حَيَاتِكُمُ الدُّنْيَاوَاسْتَمْتَعْتُم بِهَا فَالْيَوْمَ تُجْزَوْنَ عَذَابَ الْهُونِ بِمَا كُنتُمْ تَسْتَكْبِرُونَ فِي الْأَرْضِ بِغَيْرِالْحَقِّ وَبِمَا كُنتُمْ تَفْسُقُونَ

-سورة الأحقاف 20-

މާނައީ: كافر ވިމީހުން ނަރަކަޔަށް ހުށަހަޅުއްވާ ދުވަހު (އެއުރެންނަށް އަންގަވާނެތެވެ.) ތިޔަބައިމީހުންނަށްހުރި ރަނގަޅު ތަކެތި، ތިޔަބައިމީހުންގެ ދުނިޔޭގެ حياة ގައި ނަގާލައި އަދި ތިޔަބައިމީހުން އެއިން އަރާމުލިބިގެންފީމުއެވެ. ފަހެ، حق އަކާނުލައި ބިމުގައި ތިޔަބައިމީހުން ބޮޑާވެ އުޅުނުކަމަށްޓަކައި، އަދި ތިޔަބައިމީހުން فاسق ވެގަތް ކަމަށްޓަކައި، މިއަދު އިހާނެތިކަމުގެ ޖަޒާ ތިޔަބައިމީހުންނަށް ލިބޭނެތެވެ.

އަހަރެމެން ދަޢުވާކުރަމުންމިދާ އުފާވެރިކަމާއި ލައްޒަތާއި މީރުކަން ނިކަން އަވަހަށް އަހަރެމެންގެ ތެރެއިން ނެތިގެން ހިނގައިދާނެއެވެ. އަދި އިހާނަތްތެރިކަމާއި، ބިރުވެރިކަމުން ފުރިގެންވާ ނިމިދިއުމަކާއި ކުރިމަތިލާން ޖެހިދާނެއެވެ.

إِنَّ الَّذِينَ كَفَرُواْ لَن تُغْنِيَ عَنْهُمْ أَمْوَالُهُمْ وَلاَ أَوْلاَدُهُم مِّنَ اللَّهِ شَيْئاً

-سورة آل عمران 10-

މާނައީ: ހަމަކަށަވަރުން، كافر ވި މީހުންނަކީ އެއުރެންގެ މުދާތަކަކަށް އަދި އެއުރެންގެ ދަރިންނަކަށްވެސް، اللَّه ގެ حضرة ން އެއުރެންނަށް އެއްވެސްކަމެއް ފުއްދައި ނުދެވޭނޭ ބަޔެކެވެ.

ވީމާ ، ދުނިޔޭގެ ޙަޔާތަކީ ތިބާ ހެއްލުންތެރިކުރުވާ ޙަޔާތަކަށް ވިޔަ ނުދޭށެވެ. ދުނިޔެ ހޯދަން އެދޭ މީހާއަށް އެކަމުގެ ހިތްހަމަ ޖެހުން ލިބެން އޮތް މަގަކީ ވެސް ﷲ ރުއްސަވާ ގޮތުގައި ތިބާގެ އެންމެހައި ކަމެއް ބައްޓަން ކުރުމެވެ. އަނބިދަރީންގެ ކަންކަން ނަމަވެސް ނުވަތަ ވިޔަފާރި ކަމުގައި ވީ ނަމަވެސް މެއެވެ. ބުއްދިވެރިއަކީ ތިބާގެ އާޚިރަތް ވިއްކާނުލާ ދުނިޔެ ހޯދާ މީހާއެވެ. ﷲ ހަނދުމަ ކުރުމުން ހިތަށް ހިތްހަމަ ޖެހުން ހޯދައިގަންނަމީހާއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!