ރިޕޯޓް މީހުން ދެން ފުރަމަލަ

ރަންއަޑުގެ ވެރިޔާ ޕްރެޒެންޓަރ ސޯދިޤް މަސްވެރިކަމަށް، ބުނަނީ ކުރަން ސަޅި މަސައްކަތެއް ކަމަށް

  • ނޫސްވެރިކަމުގައި އެތައް އަހަރެއް ވަންދެން މަސައްކަތް ކޮށްފައިވާ މުޙައްމަދު ސޯދިގު، އާންމު ނަމުން ނަމަ ޗޯޓު މަސްވެރިކަމުގެ ދާއިރާއަށް.....
ރައުފާ ރަޝީދު ، ދެން އޮންލައިން

ނޫސްވެރިކަމުގައި އެތައް އަހަރެއް ވަންދެން މަސައްކަތް ކޮށްފައިވާ މުޙައްމަދު ސޯދިގު، އާންމު ނަމުން ނަމަ ޗޯޓު މަސްވެރިކަމުގެ ދާއިރާއަށް ނިކުމެ މަސްވެރިކަން ކުރަމުން އަންނަ ވާހަކައަކީ ތިޔައިންގެ ތެރެއިން ގިނަ މީހުންނަށް އަޑުއިވިފައި އޮންނާނެ ވާހަކައެކެވެ. މިވާހަކަ މީސް މީޑިއާގައި ދެކެވެމުން ދާތީ ޗޯޓުއަށް ގުޅާ ވާހަކަ ދައްކާލީމެވެ. ކަން ދިމާ ކުރި ގޮތުން ގުޅާލެވުނީ ވެސް ޗޯޓު މަސްވެރިކަމަށް ނިކުމެ އުޅުނު ވަގުތެއްގައެވެ.

Ads by STELCO

ދަޢުލަތުގެ މީޑިއާ ޓީވީއެމްގައި 13 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ސޯދިޤް ވަނީ ޚިދުމަތް ކޮށްދީފައެވެ. އޭނާއަކީ ރިޕޯޓް ކިޔުމާއި، ޕްރެޒެންޓްކުރުމުގައި މީހުންގެ މަގުބޫލުކަން ހޯދާފައިވާ ފަރާތެކެވެ. ޓީވީއިން ސޯދިގް އަޑު އަޅާފައިވާ ރިޕޯޓެއް އަޑުއިވުނަސް އެއީ ސޯދިގް ގެ އަޑުކަން ނޭނގޭ މީހަކު މަދުވާނެއެވެ.

މަސްވެރިކަމަށް ނިކުންނަން ޖެހުނީ ކީއްވެ؟

މާޗް 5 ވަނަޔަށް ވީ ދުވަހު ސޯދިގް ވަނީ ޓީވީއެމްގެ ވަޒީފާއިން ވަކިކޮށްފައެވެ. ވަކި ކުރި ސަބަބު ހާމަ ނުކުރި ނަމަވެސް ޓީވީއެމްގައި ހޭދަކުރި ދުވަސްތަކަކީ ހަންދާނުން ފޮހެލަން ދަތި ދުވަސްތަކެއްކަން ސޯދިގު ފާހަގަކުރިއެވެ. ވަޒީފާއިން ވަކި ކުރުމުން ރަށަށް ބަދަލުވާން ވިސްނި ހިސާބުން މަސްވެރިކަމަށް ނިކުންނަން ހިޔާލުކުރިއެވެ.

ރަށުގައި އެންމެ ފުޅާ ދާއިރާ އެއްގައި ކުރާ މަސައްކަތަކީ މަސްވެރިކަން ކަމަށް ވެފައި، ގިނަ ޒުވާނުން އުޅެނީ މަސްވެރިކަމުގައި ކަމަށް ސޯދިގު ބުންޏެވެ. އެހިސާބުން މަހަށް ދާން ނިންމައި މިހާރު އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަކީ މަސްވެރިކަމެވެ.

"މަސްވެރިކަމަށް ނިކުތީ ޓީވީއެމްއިން ކަނޑާލީމަ ރަށަށް ބަދަލުވާން ޖެހުނު ހިސާބުން. ވައިފް ވިހަން 2 މަހަށް ވެފަ އޮއްވާ ކަނޑާލީ. އެހެންވީމަ ކޮންމެވެސް ޑެސިޝަން އެއް ނަގަން މަޖުބޫރުވީ. މާޗް 5 ވަނަ ދުވަހު ޓީވީއެމް އިން ވަކިކޮށްފި. 13 އަހަރު އެތަނުގައި ޚިދުމަތް ކުރިން. ރަށުގައި އެންމެ ވަރުގަދަޔަށް ކުރާ މަސައްކަތަކީ މަސްވެރިކަން. ގިނަ ޒުވާނުން އުޅެނީ އެކަމުގައި. އެހެންވެ މަހަށް ދާން ނިންމީ"

ނޫސްވެރިކަމުގެ ދާއިރާ އެއްކޮށް ދޫކޮށްލީތަ؟

ނޫސްވެރިކަމުގެ ދާއިރާ ދުވަހަކުވެސް ދޫކޮށް ނުލާނެ ކަމަށް ސޯދިގު ބުންޏެވެ. ކުރިޔަށް އޮތް ތަނުގައި ޕްރެޒެންޓް ވެސް ކުރާނެ އެވެ. ސަބަބަކީ އެއީ އެންމެ ލޯބިވާ އެއް ދާއިރާ އަށް ވެފައި ވަރަށް ގިނަ ދުވަހު މަސައްކަތް ކުރެވުނު ދާއިރާއަކަށް ވީމައެވެ.އެހެންކަމުން ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް ނޫސްވެރިކަން ކުރިއަރުވަން މަސައްކައި ކުރާނެ ކަމަށް އޭނާ ބުންޏެވެ.

ކުރިން މަސްވެރިކަން ކޮށް އުޅުނިންތަ؟

މީގެ ކުރިން ސޯދިގު އަކީ މަސްވެރިކަން ކޮށް އުޅުނު މީހެއް ނޫނެވެ. އެއީ މުޅިން އާ ތަޖުރިބާއެއްކަމަށް ސޯދިގު ބުންޏެވެ. ކޮންމެ މީހެއްގެ ދިރިއުޅުމުގައި ވެސް ތަފާތު ތަޖުރިބާތައް ކުރާނެ ކަމަށް ފާހަގަ ކުރަމުން ސޯދިގު ބުނީ މިފަހަރު އޭނާ އަށް އޮތީ މަސްވެރިކަން ތަޖުރިބާ ކޮށްލުން ކަމަށެވެ.

"މީގެ ކުރިން ދުވަހަކު ވެސް މިކަހަލަ މަސްވެރިކަމެއް ނުކުރަން. މީ މުޅިން އާ ތަޖުރިބާއެއް. ކޮންމެ މީހެއްގެ ލައިފްގައި ވެސް މިކަހަލަ އެތައް ކަމެއް ތަޖުރިބާ ކުރާނެ. ޗޯޓް އަށް މިފަހަރު މިއޮތީ މަސްވެރިކަން"

މަސްވެރިކަމަށް ނިކުތީމަ މީހުން ރިއެކްޓް ކުރީ ކިހިނެއް؟

މުޅިން ދެ ދާއިރާއެއް ވީމަ ސޯދިގް މަހަށް ދަނީ އޭ ބުނީމަ ގިނަ މީހުން ގަބޫލެއް ނުކުރެއެވެ. އެހެން ނަމަވެސް ހަގީގަތަކީ ސޯދިގް މިހާރު އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަކީ މަސްވެރިކަން ކަމެވެ.

" ބައެއް މީހުން ގަބޫލެއް ނުކުރޭ މަހަށް ދަނީ އޭ ބުނީމަ. އަސްލު މުޅިން ތަފާތު ދާއިރާއެއް ވީމަ ކަންނޭނގެ އެހެންވަނީ. ބައެއް މީހުން ވަރަށް ޕޮޒިޓިވްކޮށް މިކަން ނަގަނީ"

އާމްދަނީގެ ގޮތުން ބަލަންޏާ މަސްވެރިކަމަކީ ކުރަން ރަނގަޅު ކަމެއްތަ؟

ރަނގަޅަށް މަސް ބޭނޭ ނަމަ މި ދާއިރާއަކީ ކުރިޔަށް ދާން ވަރަށް ރަނގަޅު ދާއިރާއެކެވެ. މަސް ކިރުމާއި ގަންނަ ފަރާތްތަކަށް ހަރުދަނާ އިންތިޒާމެއް އޮންނަ ނަމަ މަސްވެރިން ތިބޭނީ ހިތްހަމަ ޖެހިފައި ކަމަށް ސޯދިގު ބުންޏެވެ. ބޮޑު ކަންނެލީގެ މަސްވެރިކަމާއި ކަޅުބިލަ މަހުގެ މަސްވެރިކަން ކުރާ ފަރާތްތަކުން ކުރާ ބުރަ މަސައްކަތް އެނގޭނީ އެކަމެއްގައި އުޅޭ މީހަކަށްކަން ސޯދިގު ބުންޏެވެ.

" މިއީ ރަނގަޅަށް މަސް ބޭނޭ ނަމަ ވަރަށް ރަނގަޅު ދާއިރާއެއް އާމްދަނީ ހޯދަން. ދެރައީ މަހުގެ އަގެއް ނެތީމަ. މަސް ކިރާނެ ހަރުދަނާ އިންތިޒާމެއް ނެތީމަ. ބޮޑު ކަންނެލީގެ މަސްވެރިކަމާ ކަޅު ބިލަ މަހުގެ މަސްވެރިކަން ކުރާ ފަރާތްތަކުން ކުރާ ބުރަ މަސައްކަތް އިހުސާސް މި ކުރެވެނީ މިކަމުގެ ތެރެއަށް ނިކުތީމަ. މި ކަންކަމަށް ހާއްސަ ސަމާލުކަމެއް ދީފި ނަމަ މަސްވެރިން ތިބޭނީ ވަރަށް ހަމަޖެހިފަ. އެކަމަކު މިހާރު މަސްވެރިކަން ހަމަ ތެޅިފޮޅެނީ. މިހާރުވެސް ފެލިވަރު ނަމްބަރެއް ނަގައިގެން ނައިފަރު ފަޅުގަ މިތިބީ. މީ ބޭކާރު ވަގުތުތަކެއް. ބޭކާރު ހަރަދުތަކެއް."

މަހަށް ގޮސް އެހާ ގިނަ އިރު ވާއިރު އާއިލާއަށް ކުރިން ދޭ ވަގުތު މިހާރު ދެވޭތަ؟

މަހަށްދާން ނިންމީ އެއީ ކިހާ ވަގުތެއް އެކަމުގެ ތެރޭގައި ހޭދަ ކުރަންޖެހޭ ކަމެއްކަން އެނގިހުރެ ކަމަށް ސޯދިގު ބުންޏެވެ. އަދި ކުރިން ހޭދަ ކުރާ ވަގުތު މަހަށް ދިޔުމަށް ފަހު ހޭދަ ނުކުރެވޭނެކަން ވެސް އެނގިހުރެއެވެ. އެހެން ނަމަވެސް މިހާރު ދިރިއުޅެވޭނީ ކޮންމެވެސް ކަމެއް ގުރުބާން ކޮށްގެން ކަމަށް އޭނާ ބުންޏެވެ.

" މަހަށް ދާން ނިންމި އިރުވެސް އެނގޭ އާއިލާއާއެކު ކުރިން ހޭދަކުރި ވަގުތެއް ހޭދަ ނުކުރެވޭނެކަން. އެކަމަކު އާއިލާއަށް ވެސް ހަމަޖެހިގެން ދިރިއުޅެވޭނީ އާމްދަނީ އެއް ހޯދައިގެން ދޯ. ކޮންމެވެސް އެއްކަމެއް ގުރުބާން ކޮށްގެން ނޫނީ މިހާރު ނޫޅެވޭނެ. ފަހުން އުފާވެރިކަން ލިބޭނީ މިއަދު ކުރި މަސައްކަތަކުން. ކުރިން ކުލި ދައްކާފަ ދެން ހުރި ކަންކަމާ ވިސްނާފަ އަބަދު ހުންނަން ޖެހެނީ އެކަމަށް ސިކުނޑި ހުސްކޮށްގެން. އެކަމަކު ރަށަށް ޗޭންޖް ވީމަ އެކަމަށް އެއްވެސް ހިޔާލެއް ފިކުރެއް މިހާރަކު ނެތް. އިންޝާﷲ އުފާވެރިކަން އޮތީ ކުރިޔަށް"

ޒުވާނުންނަށް ދޭން ބޭނުންވާ މެސެޖަކީ ކޮބާ؟

"މަސްވެރިކަމަކީ ދިވެހި ޒުވާނުން ކުރަން އެންމެ ރަނގަޅު އެއް މަސައްކަތް. އަތާ އަނގަޔާ ދިމާނުވެފަ މީހުން އަތުން ފައިސާ ހޯދަން އާދޭސްކުރަން އުޅޭކަށް ނުޖެހޭނެ. ހިތްވަރާ ކެތްތެރިކަމާ އެކު މިކަން ކޮށްފިނަމަ މީގެ ފައިދާ ފެންނާނެ"

ސޯދިގް ބުނީ މިހާރުވެސް ވީ ވަރަކުން ޓީވީގެ އެކި ކަންތައްތަކުގައި އެހީތެރި ވެދޭ ކަމަށާއި މަހަށް ދަމުން ވެސް ރިޕޯޓް ތަކަށް އަޑު އަޅަމުން ދާ ކަމަށެވެ.

Ads by Ooredoo
  1. ޢައްމު

    ސަަބާސް ސޯދިގްް އަށްް ތީހަމަަ އެއްވަނަ

  2. ޢައްފާން

    ކެރޭ ހިއްވަރުގަދަ ޒުވާނެއް