ހާލުގައި ޖެހުމުގެ ސަބަބުން ސްކޫލުން ވަކިވެ، މަސައްކަތުގެ މައިދާނަށް ނިކުންނަން ޖެހުނު ކުއްޖެއްގެ ވާހަކަ!
އިންޑިއާގައި ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ހާލުގައި ޖެހި، ސްކޫލުން ވެސް ވަކިވާން ޖެހުނު ކުޑަ ކުއްޖަކަށް އެތައް ބައެއްގެ އެހީތެރިކަން ލިބިއްޖެއެވެ.
އެކުއްޖާއަށް އެހީތެރިކަން ލިބުނީ މީސް މީޑިއާ މެދުވެރިކޮށް ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.
އެގޮތުން ފޭސްބުކްގައި މަޝްހޫރު ޕޭޖެއް ކަމަށްވާ "ހިއުމަންސް އޮފް ބޮމްބޭ" އިން ވަނީ އޭނާގެ ވާހަކަ ގެނެެސްދީފައެވެ.
އެކުއްޖާގެ ވާހަކަ ކިޔައިދީފައިވާ ގޮތުގައި، އޭނާގެ ބައްޕަ ވަނީ ހާޓް އެޓޭކެއް ޖެހިގެން މަރުވެފައެވެ. އެހެންކަމުން އާއިލާ ހިންގުމަށާއި ޚަރަދުތައް ބެލެހެއްޓުމަށް އާމްދަނީ ހޯދަން ދެން މަސައްކަތް ކުރަންފެށީ އޭނަގެ މަންމަ އެވެ.
"ބައްޕަ މަރުވުމަށްފަހު އަހަންނާއި އަަހަރެންގެ އަންހެން ކޮއްކޮމެންގެ ހުރިހާ ކަމެއް ބެލެހެއްޓީ މަންމަ. އެއްވެސް ކަމެއް އުނިވިޔަކަ ނުދޭ. ބަންދު ދުވަހެއް ވެސް ނުނަގާ މަންމަ މަސައްކަތް ކުރަމުން ގެންދިޔައީ އަހަރުމެންނަށް ޓަކައި" އެކުއްޖާ ކިޔައިދީފައި ވެއެވެ.
އެކުއްޖާ ބުނި ގޮތުގައި އޭނާގެ މަންމަ އަބަދުވެސް ބޭނުންވީ އޭނާ އަކީ ކިޔަވައިގެން ވަރަށް މޮޅު ކުއްޖަކަށް ވާށެވެ. އެގޮތުން އެއާރފޯސް ގެ ފަޔަރ ފައިޓަރ އަކަށްވުމަށް އޭނާގެ މަންމަ އެދުމުން، އެހުވަފެން ސީދާ ކޮށްދެވޭތޯ ވަރަށް މަސައްކަތްކުރި ކަމަށް ވެސް އޭނާ ބުންޏެވެ.
ނަމަވެސް އިންޑިއާގައި ކޮރޯނާ ވައިރަސް ފެތުރުމުން އޭނާގެ މަންމަގެ ވަޒީފާ ގެއްލި، ސްކޫލަށް ފީ ވެސް ނުދެއްކުނެވެ. އެހެންކަމުން އެކުއްޖާގެ މަހެއްވަރު ވަންދެން އެކުއްޖާގެ ކިޔެވުން ހުއްޓުނެވެ.
އާމްދަނީ ހޯދަން ދެން މަސައްކަތް ކުރަން ފެށީ އުމުރުން 12 އަހަރުގެ އެފިރިހެން ކުއްޖާއެވެ. ފިހާރައެއްގައި މަސައްކަތް ކުރަން ފެށުމުން ދުވާލަކު 100 ރުޕީސް ލިބުނެވެ. އެއީ އެހާގިނަ ފައިސާ ނޫން ކަމުގައިވިޔަސް، ނިދުމުގެ ކުރިން ކާއެތިކޮޅެއް ލިބޭވަރުވި ކަމަށް އޭނާ ބުންޏެވެ.
އިތުރު މަސައްކަތެއްގެ ގޮތުން ދެން އޭނާ ފެށީ ސައި ވިއްކާށެވެ. އޭނާ ސައި ވިއްކީ ނަގްޕާޑާގެ ގޯޅިއެއްގެ ކަންމަތީގައެވެ.
އާމްދަނީ ހޯދަން އެކުއްޖާ މަަސައްކަތް ކުރަން ފެށުމުން އޭނާގެ މަންމަ އަމިއްލަ ނަފްސް ކުށްވެރި ކުރަން ފެށިކަމަށް ވެސް އެކުއްޖާ ދިން އިންޓަވިއުގައި ބުނެފައިވެއެވެ.
"މަންމަ ބިރުގަންނަނީ ކަންނޭނގެ އަހަންނަށް ފަޔަރ ފައިޓަރަކަށް ނުވެވިދާނެތީ. އެކަމަކު އަހަރެން އަދި ސްކޫލަށް ދާނަން" ފޭސްބުކްގެ އެޕޭޖަށް ދިން އެއިންޓަވިއުގައި އޭނާ ބުނެފައިވެއެވެ.
ސައިވިއްކަން އެކުއްޖާ އިންނަ ތަނާއި އެހެން ތަފްސީލްތައް އެޕޭޖުގައި ހާމަކޮށްފައި ވެއެވެ. ނަތީޖާއެއްގެ ގޮތުން ވަރަށް ގިނަ މީހުން ވަނީ އޭނާއާ ބައްދަލު ކުރަން ގޮސް ފައިސާގެ އެހީތައް ދޭން ފަށާފައެވެ.