ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނަކު ނިޔާވެއްޖެ
ލ. ގަމުގައި ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލެއް، ޕާކު ކޮށްފައި އޮތް ޕިކަޕެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި، ޒަޚަމްވި މީހާ ނިޔާވެއްޖެއެވެ.
މިއެކްސިޑެންޓު ހިނގާފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހުގެ ރެއެވެ. މިހާދިސާގައި އަނިޔާވި ޒުވާނާ ނިޔާވީ، އޭނާއަށް ފަރުވާ ދެމުން ދަނިކޮށް ރޭގެ ވަގުތެއްގައެވެ.
އޮންލައިން ނޫސް "ވަގުތު" އިން މައުލޫމާތު ދީފައިވާ ގޮތުގައި މިއެކްސިޑެންޓުގެ ސަބަބުން އަނިޔާވެގެން ނިޔާވެފައިވަނީ ލ. ގަން/މުކުރިމަގު އަހުމަދު ފަހީމް (29އ.) އެވެ.
ފަހީމް ނިޔާވެފައި ވަނީ އިތުރު ފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށެވެ.
އަހުމަދު ފަހީމުގެ މައްޗަށް ކަށުނަމާދު ކުރުން އޮންނާނީ މިރޭގެ ފަތިސް ނަމާދަށްފަހު، މަސްޖިދުލް ތަޢާވުން (އާސަހަރާ މިސްކިތުގަ) އެވެ.
މާތް ﷲ އެމަރްޙޫމްގެ ފުރާނައަށް ހެޔޮ ރަޙްމަތްލައްވާ، ފާފަ ފުއްސަވާ، ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވާށި، އާމީން. އަދި މިހިތްދަތި ވަގުތުގައި އެއާއިލާއަށް ހިތްވަރާއި ކެތްތެރިކަން ދެއްވާށިއެވެ. އާމީން!
.إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ
ގަމު ލިންކު ރޯޑުގައި މަޑުކޮށްފައި އޮންނަ ވެހިކަލުތަކުގައި ޖެހި އެކްސިޑެންޓުވުމުގެ މައިގަނޑު ސަބަބެއް ކަމުގައި ބެލެވެނީ އެމަގުގެ އަލިމަޑުވުމާއި ޕާކިން ޒޯން ހަދާފައި އޮންނައިރު ވެސް މަގުމަތީގައި ވެހިކަލް ޕާކު ކޮށްފައި ހުރުމެވެ.
މިފަދަ ތިން އެކްސިޑެންޓު އެތަނުގައި މިހާރު ހިނގާފައިވާއިރު މިތިން އެކްސިޑެންޓު ވެސް ހިނގާފައިވަނީ ޕާކު ކޮށްފައި އޮތް ވެހިކަލެއްގައި ޖެހިގެންކަން ފާހަގަވެފައި ވެއެވެ.