މަލީޙްގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސްކޮށްދިނުމަށް އެދި ހުށަހަޅައިފި
މިނިސްޓަރ އޮފް ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީގެ މަގާމުގައި ހުންނެވި މުޙައްމަދު މަލީޙު ޖަމާލުގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދިނުމަށް އެދި އެމްޑީޕީ ޕާލަމަންޓްރީ ގްރޫޕަށް ހުށަހަޅައިފިއެވެ.
މިނިސްޓަރ މަލީޙުގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދިނުމަށް އެދި އެމްޑީޕީގެ ޕީޖީއަށް ހުށަހަޅާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކައިލް ނަސީމްއެވެ.
އެގޮތުން 10 ބޭފުޅުންގެ ސޮއި އާއެކު ހުށަހެޅުއްވި މިމައްސަލައިގައި ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ ޓެލެކޮމް ސިނާޢަތު ފުރިހަމައަށް ރެގިއުލޭޓުކޮށް ފުރިހަމައަށް ހިންގުމަށް ކޮންމެހެން ބޭނުންވާ ޤަވާއިދުތަކެއްވާއިރު، އެޤަވާއިދުތައް ނުހެދި ލަސްވެގެން ދިޔުމަކީ ދިވެހި ދައުލަތަށާއި އެތަކެއް ރައްޔިތުންނަށް ގެއްލުންތަކެއް ކުރިމަތިވާ ކަމަކަށްވީ ހިނދު، އެޤަވާއިދުތައް ހެދުމަށް ޓެލެކޮމް މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި މުވައްޒަފުން ކުރެއްވި މަސައްކަތަށް މިނިސްޓަރުގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ދެއްވާފައި ނުވާ ކަމަށެވެ. އަދި މިނިސްޓަރ މަލީޙު އެކަމަށް ހުރަސް އަޅުއްވާފައިވާކަމަށް ވެސް މީކައިލް ވަނީ ފާހަގަ ކުރައްވާފައެވެ.
އެހެންކަމުން ޓެލެކޮމިއުނިކޭޝަން މިނިސްޓަރ ކަމުގެ މަގާމުގައި މަލީޙު އިތުރަށް ބެހެއްޓުމަކީ އެމްޑީޕީގެ އިތުބާރު އޮތް ކަމަކަށް ނުވާތީއާއި ގިނަ ރައްޔިތުންތަކެއް އޭނާ އެމަޤާމުން ވަކިކުރުމަށް ކެނޑިނޭޅި އެދެމުންދާތީ މިނިސްޓަރ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގެ މަގާމުން މަލީޙް ޖަމާލު ވަކިކުރުމަށް ހުށަހަޅުއްވާ ކަމަށް މީކައިލް ވިދާޅުވެފައިވެއެވެ.