ޗެކް ބައުންސް މައްސަލަތަކުގައި ޖިނާއީ ދައުވާ ކުރުމަށް ބަދަލުތަކެއް ގެނެސްފި - ފުލުހުން
ޗެކު ބައުންސް މައްސަލަތަކުގައި ޖިނާއީ ދައުވާ ކުރުމަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ޗެކް ބައުންސްގެ މައްސަލަތަކާ ގުޅޭގޮތުން ފުލުހުންގެ ވެބްސައިޓްގައި ބުނެފައި ވަނީ ޕީޖީ އޮފީހުން އަމަލުކުރަމުން އަންނަ އުސޫލުގެ ދަށުން ޗެކް ބައުންސް މައްސަލަތަކުގައި ޖިނާއީ ދައުވާކުރަން ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.
އެގޮތުން ދެ ފަރުދެއްގެ މެދުގައި ކޮށްފައިވާ މުއާމަލާތަކާ ގުޅިގެން ދައްކަންޖެހޭ ފައިސާ ދެއްކުމަށްޓަކައި ދޫކޮށްފައިވާ ޗެކަކީ ކުންފުންޏެއްގެ ނުވަތަ އެނޫން ވެސް ގާނޫނީ ޝަހުސެއްގެ އެކައުންޓުން ދޫކޮށްފައިވާ ޗެކެއް ކަމަށްވާނަމަ އެފަދަ މައްސަލަތައް ނުވަތަ ދެމީހެއްގެ ދެމެދުގައި ކޮށްފައިވާ މުއާމަލާތަކާ ގުޅިގެން ދައްކަންޖެހޭ ފައިސާ ދެއްކުމަށް ތިންވަނަ ފަރާތަކުން ޗެކް ދޫކޮށްފައިވާ މައްސަލަތަކުގައި ވެސް ދައުވާ ނުކުރުމަށް ނިންމާފައިވާއިރު، ފައިސާ އިންވެސްޓުކޮށްފައި ލިބޭ ފައިދާ ހިއްސާކުރާ ގޮތަށް އެއްބަސްވެ ކުރެވިފައިވާ މުއާމަލާތަކާ ގުޅިގެން ދޫކުރާ ޗެކް ބައުންސްވާ މައްސަލަތަކުގައި ވެސް ޖިނާއީ ދައުވާ ނުކުރުމަށް ނިންމާފައި ވެއެވެ.
މީގެ އިތުރުން ދަރަނީގެ ގޮތުގައި ހޯދާފައިވާ ފައިސާއެއް އަނބުރާ ދެއްކުމުގެ ގޮތުން ދޫކޮށްފައިވާ ޗެކެއް ބައުންސް ވެގެން ހުށަހެޅޭ މައްސަލަތަކާއި، މައްސަލައިގައި ހިމެނޭ މުއާމަލާތުގައި ރިބާ އެކުލެވޭކަމަށް ބެލެވޭނަމަ ނުވަތަ މައްސަލައިގައި ހިމެނޭ މުއާމަލާތުގައި އެކުލެވޭ ޕްރިންސިޕަލް އެމައުންޓާމެދު ދެޚަސްމުން ހިލާފުވާ ހާލަތުގައި ޕްރިންސިޕަލް އެމައުންޓު ސާބިތުވާ ހަރުދަނާ ހެއްކާއި ގަރީނާ ލިބިފައިނުވާ މައްސަލަތައް ހިމެނެއެވެ.
އަދި މަނިޓަރީ ގަވާއިދާ ހިލާފަށް ލައިސަންސް ނެތި ވިޔަފާރި އުސޫލުން ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތަކާ ގުޅިގެން ދޫކުރާ ޗެކުތަކާ ގުޅޭ މައްސަލަތަކާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ކަނޑައަޅާ އަގު ފިޔަވައި އެހެން އަގެއްގައި ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތަކާ ގުޅިގެން ދޫކުރާ ޗެކުތަކާ ގުޅޭ މައްސަލަތައް ހިމެނެއެވެ.
ފުލުހުން ބުނެފައި ވަނީ އެފަދަ މައްސަލައެއް އެއްވެސް މީހަކަށް ދިމާވެއްޖެނަމަ ޖެހޭނީ ލިބުނު މަދަނީ ގެއްލުމުގެ ބަދަލު ހޯދުމަށްޓަކައި އެމީހަކު އަމިއްލައަށް އެ މައްސަލައެއް ކަމާބެހޭ ޝަރުއީ ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް ކަމަށެވެ. އަދި،ޗެކް މެދުވެރިކޮށް މުއާމަލާތުތައް ހިންގުމުގައި މި ކަންކަމަށް ސަމަލުކަން ދިނުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.