ޚަބަރު

އެމްޑީޕީ މެމްބަރުން މަލީހަށް: ދެއަހަރު ހޭދަ ކުރެއްވީ ދިހަބާރަ ވައްތަރުގެ މިރުސް ހެއްދުމުގައި، ހަނުހުރުން ބުއްދިވެރި!

ދެން އެމްވީ ، ދެން އޮންލައިން

މިނިސްޓަރ އޮފް އިންފޮމޭޝަން އެންޑް ޓެކްނޮލޮޖީ އޮނަރަބަލް މަލީޙް ޖަމާލްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް އެމްޑީޕީގެ މަޖިލިސް މެމްބަރު މީކާއިލް ނަސީމް ، އެޕާޓީގެ ޕީޖީ ގުރޫޕަށް ހުށަހެޅުއްވުމާއި ގުޅިގެން ކޯޓަށް ވަޑައިގަންނަވާނޭ ކަމަށް މަލީހު ވިދާޅުވެފައިވާތީ އެކަމަށް އެމްޑީޕީގެ މަޖިލިސް މެމްބަރުން ވަރަށް ބޮޑަށް ފާޑު ކިޔައިފިއެވެ.

Ads by Sosun Fihaara

މަލީޙްގެ އިތުބާރު ނެތްކަމުގެ ވޯޓް ނެގުމަށް މީކާއިލް ރޭގެ ވަގުތެއްގައި އެމްޑީޕީ ޕީޖީއަށް ހުށަހެޅުއްވި އެބަޔާނުގައި ވިދާޅުވެފައި ވަނީ ޓެލެކޮމިއުނިކޭޝަންގެ ގާނޫނުން މިނިސްޓްރީގެ ދަށުން ހިނގަމުން އަންނަ އިދާރާތަކަށް ކުރުމަށް ލާޒިމްކުރާ ކަންތައްތަކަށް ރިއާޔަތްކޮށް ބަލާއިރު، ކޮމިއުނިކޭޝަންސް އޮތޯރިޓީއިން ހަދަން ޖެހޭ އެއްވެސް ގަވާއިދެއް މަގާމުގައި ހުންނަވާތާ ދެ އަހަރުވީ އިރު ވެސް މިނިސްޓަރު މަލީހް ހައްދަވާފައި ނުވާއިރު، އެ ގަވާއިދުތަކަކީ ރާއްޖޭގެ ޓެލެކޮމް ސިނާއަތް ފުރިހަމައަށް ރެގިއުލޭޓްކޮށް ހިންގުމަށް ކޮންމެހެން ބޭނުންވާ ގަވާއިދުތަކަކަށް ވެފައި، އެ ގަވާއިދުތައް ނުހެދި ލަސްވެގެންދާ ކޮންމެ ދުވަހަކީ ދިވެހި ދައުލަތަށާއި ރައްޔިތުންނަށް އެތަކެއް ގެއްލުންތަކެއް ކުރިމަތިކުރުވާ ކަމެއްކަން ކަށަވަރުވާ ކަމަށެވެ.

މީގެއިތުރުން މަގާމުތަށް ހެއްދެވުމަށް މިނިސްޓްރީން ކުރި މަސައްކަތަށް މިނިސްޓަރު މަލީހުގެ އެއްބާރުލުން ދެއްވާފައި ނުވާ ކަމަށާއި، އެކަމަށް މިނިސްޓަރު މަލީހު ހުރަސް އަޅުއްވާފައިވާކަން ސާފުވާ ކަމަށް ވެސް މީކާއިލްގެ ބަޔާނުގައި ވެއެވެ.

މިކަމާއި ގުޅޭގޮތުން މިނިސްޓަރ މަލީޙު މިއަދު މީސް މީޑިއާގައި ވިދާޅުވީ މީކާއިލް ޤާނޫނު ޝަރަޙަ ކުރައްވަނީ ނުބައިކޮށް ކަމަށާއި އެކަން އިސްލާޙު ކުރެއްވުމަށެވެ.

"ތިޔަ މައްސަލަ ވައްދާ ކަމަށް ވާ ނަމަ ވައްދާނީ މިނިސްޓަރު ގާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ލިބިދޭ ހައްގެއް ވީޓީވީ ޕްރޮގްރާމެއްގައި ބޭނުން ކޮށްގެން ކަމަށް ލިޔުއްވީމަ ރަނގަޅުވާނެ. ކޭމް (ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް) ހިންގާ ގޮތް އޮޅުން ފިލުއްވާ!" މިނިސްޓަރ މަލީޙު ވިދާޅުވިއެވެ.

ކޯޓަށް ވަޑައިގަންނަވާނޭ ކަމަށް މަލީހް ވިދާޅުވުމާއި ގުޅިގެން މަޑަވެލި ދާއިރާގެ މެމްބަރު ޙުސައިން ފިރްޝާން މިއަދު ވިދާޅުވީ ގާނޫނު އަސާސީގެ 101 ވަނަ މާއްދާގެ ދަށުން ވަޒީރުންގެ އިތުބާރާ ގުޅޭ ކަންކަން ނިންމާނީ ރައްޔިތުންގެ މަޖިލީހުން ކަމަށާއި ސްޕްރީމް ކޯޓު ނުވަތަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއިން ނޫން ކަމަށެވެ.

ހަމައެހެންމެ އިނގުރައިދޫ ދާއިރާގެ މެމްބަރު ވިދާޅުވެފައި ވަނީ ވޭތުވެދިޔަ ދެއަހަރު މަލީހް ހޭދަ ކުރެއްވީ ގޭގައި ދިހަބާރަ ވައްތަރުގެ މިރުސް ހައްދަވަން ކަމަށެވެ. މީގެ އިތުރުން އުގޫފާރު ދާއިރާގެ މެމްބަރު ވަހީދު ވެސް ވަނީ މަލީހަށް ނަސޭހަތްތެރި ވެފައެވެ، އެގޮތުން ބައެއް ފަހަރު އެހާ ވާހަކަ ގިނަ ނުކުރައްވާ ހަނު ހުރުމަކީ ވެސް ބުއްދިވެރި ކަމެއް ކަމުގައި ވަހީދު ވިދާޅުވެފައި ވެއެވެ.

މަލީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ މީކާއިލް ، ޕީޖީ ގުރޫޕަށް ހުށަހެޅީ 10 މެމްބަރުންގެ ސޮޔާއެކުގައެވެ. މި ހުށަހެޅުމާ ގުޅޭ ގޮތުން އެޕާޓީން ނިންމާ ވަކިގޮތެއް އަދި އިއުލާން ކޮށްފައެއް ނުވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!