ކަނޑުމަހުން ކޮވިޑް ނުޖެހޭކަން ދެއްކުމަށް ލަންކާގެ ކުރީގެ ސްޓޭޓް މިނިސްޓަރަކު ރޯ މަހެއް ކާލައިފި

ކަނޑުމަސް ކެއުމުން ކޮވިޑް ނުޖެހޭނެކަން ސާބިތު ކޮށްދިނުމަށް ލަންކާގެ ކުރީގެ ސްޓޭޓް މިނިސްޓާ އޮފް ފިޝެރީސް ޑިލިޕް ވެއްޑަރައްޗީ ރޯ މަހެއް ކައިފި އެވެ.
ކަނޑުމަސް ގަންނަން ހިތްވަރު ދިނުމުގެ ގޮތުން ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ އާންމުންނަށް ކުރެވޭނެ އެންމެ ބޮޑު ކަމަކީ ބާނާ މަސް ގަތުން ކަމަށެވެ.
ކޮވިޑް-19 ބަލިމަޑުކަން އައުމާއެކު މީހުން މަސް ގަންނަ މިންވަރު ދަށް ވެފައި ވާކަމަށާއި މިކަމުގެ ސަބަބުން މަސްބާނާ ފަރާތްތަކަށް އާމްދަނީ ނުލިބޭކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ މީހުން މަސް ގަތުމަށް އަހުލުވެރި ކުރުމަކީ ސަރުކާރާއި އިސް ފަރާތްތަކުން ކުރަން ޖެހޭ ކަމެއް ކަމަށެވެ.
ބޭރުގެ މީޑިއާތަކުގައިވާ ގޮތުން ވެއްޑަރައްޗީ އެ ބައްދަލުވުމުގައި މިކަމާ ބެހޭގޮތުން ވާހަކަ ދައްކަމުން މަހެއް ނަގައި އެއީ ތާޒާ މަހެއް ކަމަށް ވިދާޅުވެ، ފަރިއްކުޅުއްވި ކަމަށެވެ. އަދި މަހުގައި ކޮވިޑް ނުހުންނާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.