މިއަހަރުގެ ނިޔަލަށް ކުއްޔަށް ލުއި ދޭން އެޗްޑީސީން ނިންމައިފި

ކޮވިޑް-19 ރޯގާއާ ގުޅިގެން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ދައްކަންޖެހޭ ކުއްޔަށް ލުއި ދިނުމަށް ނިންމި ނިންމުން މި އަހަރުގެ ނިޔަލަށް އިތުރު ކޮށްފިއެވެ.
އެޗްޑީސީން ބުނީ މި އަހަރުގެ އޭޕްރިލް މަހުން ފެށިގެން އެ ކޯޕަރޭޝަނުން ދޫކޮށްފައިވާ ފުލެޓު، ގޯތި، ރޯހައުސް އަދި ކޯމާޝަލް ޔުނިޓް ތަކާއި ސިނާޢީ ބިންތަކުގެ ކުއްޔަށް ވާ ފައިސާ ދެއްކުން ފަސްކޮށް ދިނުމަށް އެ ކޯޕަރޭޝަނުން ނިންމާފައިވާ ނިންމުން ދަންމާލަން ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން ތިލަފުށިންނާއި ގުޅީފަޅުން ކުއްޔަށް ދޫކޮށްފައިވާ ކޮމާޝަލް ޔުނިޓްތަކާއި ސިނާއީ ބިންތަކަށް ވެސް އެ ލުއި ދިނުމަށް ނިންމާފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.
"އިންސްޓޯލްމަންޓް/ކުއްޔަށްވާ ފައިސާގެ %30 ދެއްކުން ފަސްކޮށްދެވޭނީ 31 މާރޗް 2020 އާ ހަމަޔަށް އެއްބަސްވުމުގެ ދަށުން ގަވާއިދުން ފައިސާ ދައްކަވާފައިވާ ފަރާތްތަކަށް. އަދި މިއާއެކު، ކޮންމެ މަހަކު ދައްކަންޖެހޭ ކުއްޔަށްވާ ފައިސާގެ %70 މިކޯޕަރޭޝަނަށް ދައްކާ ޚަލާޞް ކުރުމުގެ ފުރުޞަތު، 15 ޖެނުއަރީ 2021 އާ ހަމަޔަށް ދެވޭނެ.". އެޗްޑީސީން ނެރުނު ބަޔާނުގައި ވެއެވެ.
އެޗްޑީސީ އިން ބުނެފައި ވަނީ ކުރިއަށް އޮތްތަނުގައި ވެސް އިތުރު ލުއިތަކެއް ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖައްސަމުންދާނެ ކަމަށެވެ.