ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މާލެއިން މީހަކު ހައްޔަރުކޮށްފި

ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ގެއެއް ބަލައި ފާސްކޮށް މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން ވިދާޅުވީ މިދިޔަ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހުގެރޭ ހިންގި މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ގަލޮޅު ގެއެއް އެޕާޓްމަންޓެއް ބަލައި ފާސްކޮށް، އެ އެއެޕާޓްމަންޓް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބޮޑު ދެ ރަބަރު ޕެކެޓާއި ފިލްމު ހުސްކުރި ތިން ދަޅާއި ޕްލާސްޓިކް ފުޅިއެއްގެ އިތުރުން ސެލޯފިންކޮޅެއް ފެނިފައިވާ ކަމަށެވެ.
އަދި މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުންވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މިމައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.