ޚަބަރު

ދެ އަހަރު ވެގެން ދިޔަ އިރު އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ މައްސަލައިގައި އެއްވެސް ސުވާލެއް ކޮށްފައެއް ނުވޭ : މަހުލޫފު

ރައުފާ ރަޝީދު ، ދެން އޮންލައިން

އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ މައްސަލައިގެ ތަހުގީގު ލަސް ކަމަށާއި ދެ އަހަރު ވެގެން ދިޔައިރު އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ މައްސަލައިގައި އެއްވެސް ސުވާލެއް ކޮށްފައެއް ނުވާ ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް މިދިޔަ ހަފްތާގައި ވިދާޅުވެއްޖެއެވެ.

އޮންލައިން ނޫހެއް ކަމަށްވާ "ވަގުތު"އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު މަހްލޫފު ވަނީ ހިޔާނާތުގެ ތަހުގީގު ލަސްވަމުންދާތީ ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ.

"އަޅުގަނޑުގެ ބޮލުގައި އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ ބޭނުން ކުރި މީހެއްގެ ތުހުމަތު ބޮލުގައި އެޅިގެން އިނުމަކީ ފަސޭހަ ކަމެއް ނޫން. އަދިވެސް ދެ އަހަރު ވެގެން ދިޔައިރު އަޅުގަނޑާ މިއިން ބޭފުޅަކު ސުވާލެއް ވެސް ނުކުރޭ. އަޅުގަނޑުގެ ޕޮއިންޓްއަކީ އަޅުގަނޑު މި ތަނުގައި މި މަގާމުގައި ހުންނަނަމަ އަޅުގަނޑުގެ މައްސަލަ ފުރަތަމަ ބަލައިދޭށޭ." މިނިސްޓަރު މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފް ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާއި ގުޅޭ ގޮތުން ސުވާލެއް ކޮށްފައި ނުވާތާ މިހާރު 2 އަހަރު ވެދާނެ ކަމަށެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެން ޖެހޭ އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ އެސްއޯއެފް ނަމަކަށް ކިޔާ ކުންފުންޏަކުން އެކި އެކައުންޓް ތަކަށް ބާހާލާފައެވެ. މީގެ ތެރޭގައި މަހުލޫފްގެ އެކައުންޓަށް 33،000 ޑޮލަރު ޖަމާ ކޮށްފައި ވާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރިޕޯޓް ތަކުން ބުނެއެވެ.

އެހެން ނަމަވެސް އެ ލާރިއަކީ ޑޮލަރު ގަތުމަށް ހިންގަވާފައިވާ ސައްހަ މުއާމަލާތެއްގެ ދަށުން ލިބިފައިވާ ޑޮލަރު ކަމަށް މަހްލޫފް ވަނީ ކުރިން ވިދާޅުވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!