ފައްޔާޒު ވަކިކުރަން މަޖިލިހަށް ލާކަށް ނޫޅެން: ރައީސް ނަޝީދު

އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް އެމަގާމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ވައްދަން ނޫޅުއްވާކަމަށް މަޖިލިސް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލިހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ފައްޔާޒު ވަކިކުރަން މަޖިލިހަށް މައްސަލައެއް ލާން ނޫޅުއްވާ ކަމަށެވެ.
މަޖިލީހުގެ ސުޕަމެޖޯރިޓީ އޮތް އެމްޑީޕީގެ އެތެރޭގެ ބަހުސްތައް ހިންގަންޖެހޭކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެއީ ހިނގަން ޖެހޭނެ ބަހުސްތަކެއް ކަމަށެވެ.
"އަޅުގަނޑުގެ މަސްއޫލިޔަތެއްގެ ގޮތުގައި ދެކި އަޅުގަނޑު މިހިރީ އެއްވެސް ކަމެއް ގޯސްކޮށް އެއްވެސް ތާކު ހިނގަންޏާ އެވާހަކައެއް އަޅުގަނޑު ބުނާނަމޭ. ވަރަށް ސާފުކޮށް އަޅުގަނޑު އެވާހަކައެއް ބުނާނަމޭ، އެކަމާ ބެހޭގޮތުން ހިތްހަމަޖެހި ވަޑައިގަތަސް އަދި ހިތްހަމަޖެހިވަޑައި ނުގަތަސް ވެސް އަޅުގަނޑު އެކަމަކާ ކުރާނެ ކަމެއް ނެތް" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިއަދު މިހެން ވިދާޅުވެފައިވާއިރު އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އެމަގާމުން ވަކިކުރަން މަޖިލިހަށް ހުށަހެޅުމަށް އެމްޑީޕީ ތެރޭގައި ވާހަކަ ދެކެވި އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލިހަށް ވެއްދުމުގެ މަސައްކަތް ފަށާ، އެމްޑީޕީ މެންބަރުންގެ ސޮއި ހަމަކުރުމުގެ މަސައްކަތެއް ވެސް ފެށުނެވެ. އަދި މިނިސްޓަރު ފައްޔާޒް މަގާމުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމަށް ދެންނެވުމަށް ރައީސް ނަޝީދު އެމްޑީޕީގެ ޗެއާޕާސަން ޙަސަން ލަތީފަށް ފޮނުވި ސިޓީއެއްގައި ވެސް އެދިވަޑައިގެންފައިވެއެވެ.