އިސްލާމްދީނަކީ މާތްﷲ ބަޔަކަށް ދެއްވާނޭ އެންމެ ބޮޑު ނިއުމަތް:ހުތުބާ
މީގެ 2 ދުވަސް ކުރިން އަޅުގަނޑުމެންނާ ބައްދަލު ކުރީ ރާއްްޖެ އިސްލާމްވީ ދުވަހެވެ. ތާރީޚުގެ ފަތްފުށްތަކުން އެނގެން އޮތް ގޮތުގައި ރާއްޖެ އިސްލާމްވީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީޢުލް އާޚިރު މަހުގެ 2ވަނަ ދުވަހުއެވެ. އެއީ މީލާދީން 1153 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. ރާއްޖޭގައި މީހުން ވަޒަންވެރި ވެގެން އުޅެންފެށީއްސުރެ އަޅުކަން ކުރަމުންއައި އެހެން ދީންތައް ދޫކޮށްލާ ދިވެހި ދައުލަތުން ރަސްމީކޮށް އިސްލާމް ދީން ޤަބޫލުކުރީ ވެސް އެދުވަހު ކަމަށް ތާރީޚުން ހެކިދެއެވެ. އިސްލާމް ކަމުގެ ނިއުމަތް އަޅުގަނޑުމެންނަށް މީގެ 800 އަހަރު ކުރިން ލިބިގެން ދިޔަކަމަށް ޓަކައި ﷲ ތައާލާގެ ހަޒްރަތަށް އަޅުގަނޑުމެން ޝުކުރު އަދާ ކުރަން ޖެހެއެވެ. މިއަދުގެ ހުކުރު ހުތުބާގެ މައުޟޫއު އަކީ "އިސްލާމްކަމުގެ ނިއުމަތެ"ވެ.
އިސްލާމްދީނުގެ މަތިވެރި ހިދާޔަތު ދެއްވި ކަމަށްޓަކައި ﷲ ތައާލާއަށް އަޅުގަނޑުމެން ޝުކުރުކުރަން ޖެހޭ ކަން ހުތުބާގައި ފާހަގަ ކުރިއެވެ. އެއީ ޖާހިލުކަމާއި ޝިރުކުގެ އަޅުވެތިކަމުން އަޅަމެން ސަލާމަތް ކޮށްދެއްވީތީއެވެ. ހައްގު ދީނުގެ އަހުލުވެރިން ކަމުގައި ލެއްވީތީއެވެ. އަދި ދުނިޔެ އާއި އާޚިރަތުގައި ބާއްޖަވެރި ވެވޭނެ މަގު ތަނަވަސް ކޮށްދެއްވަވާފައި ވާތީއެވެ.
އިސްލާމްދީނަކީ އަޅަމެންގެ މުޅި ހަޔާތް އެ ދީނުގެ އުޞޫލުތަކާ އެއްގޮތަށް ބައްޓަންކުރަން ޖެހޭ ދީނެވެ. މިއަދު ދުނިޔެ ހޯދައިފައިވާ ޓެކްނޮލޮޖީގެ ކުރިއެރުންތަކާއި، ރަށްވެހިކަމުގެ ސަބަބުން އިންސާނާގެ ހަޔާތަށް މާއްދީ ގިނަގުނަ ފާގަތިކަމާއި ކުރިއެރުންތައް ލިބެމުން ދިޔަ ނަމަވެސް އިސްލާމްދީނުގެ ޢިލްމާ ދުރުވެއްޖެ ނަމަ، އޭނާއަށް ބޭނުންވާ ރޫހާނީ ކާނާތައް ދާނީ މަދުވަމުން ކަމަށް ހުތުބާގައި ބަޔާން ކޮށްފައިވެއެވެ. އެހެންކަމުން އިސްލާމްދީނުގެ އަގުތައް މުސްލިމުންގެ ހިތްތަކުގައި އަލުން ދިރުވަން ޖެހޭކަމަށް ހުތުބާގައި ބުނެފައި ވެއެވެ.
މުޖުތަމައަށް އިސްލާމްދީން ބޭނުންވަނީ ކީއްވެތޯ ހުތުބާގައި ސުވާލު ކޮށްފައިވެެއެވެ. އެއީ އިންސާނިއްޔަތުކަމަށް އަނބުރާ ގެންގޮސްދޭ އެއްޗަކީ އިސްލާމްދީން ކަމުގައި ވާތީ ކަމަށް ހުތުބާގައި ބުނެފައި ވެއެވެ. އިންސާނާއާ އޭނާގެ އަޚާއާ ދެމެދުގައިވާ އިންސާނިއްޔަތުގެ ގުޅުން ބަދަހި ކޮށްދޭ އެއްޗަކީ އިސްލާމްދީން ކަމުގައި ވާތީ ކަމަށްވެސް ބުނެފައިވެއެވެ.
ދިވެހިރާއްޖެ އިސްލާމްވީ ދުވަހުގެ މަތިން ހަނދާން ކުރާއިރު މި ލޮބުވެތި ވަތަނުގައި އިސްލާމްދީން ދެމެހެއްޓުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަން ޖެހޭކަން ހުތުބާގައި ފާހަގަ ކޮށްފައިވެއެވެ. މި ގައުމަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށް ވާތީ އެކަމާ ދެކޮޅު ހަދާ ބަޔަކު އެބައުޅޭކަން ވެސް ހުތުބާގައި ފާހަގަ ކޮށްފައިވެއެވެ. ސައްތައިން ސައްތަ ސުންނީ ގައުމަކަށް ވާތީ އެކަމާ ހަަސަދަވެރިވާ ބަޔަކު ވެސް އެބައުޅޭ ކަމުގައި ހުތުބާގައި ފާހަގަ ކޮށްފައިވެއެވެ.
"މިއަަދު އިސްލާމްދީނަށް ނިސްބަތްވާ ބަޔަކު، އެ ދީނުގެ ނަމުގައި ފަތުރާ ދީނާ ޚިލާފު ފިކުރުތަކާއި، މައުލޫމާތުގެ ނުރައްކާތެރިކަން ވަކި ކުޑައެއް ނޫނެވެ. މިބައިމީހުން ގަބޫލުކުރާ ގޮތްތަކާއި ފިކުރުތަކަށް ތަބަޢަނުވާ ކޮންމެ މީހަކީ ކާފަރެއް ކަމުގައި ކަނޑައަަޅައި، މަރު ހުއްދަ ކުރެއެވެ. އެ ފިކުރުތަކަށް އަމަލު ނުކުރާ ސަރުކާރަކީ ޠާޣޫތު ކަމުގައި ނިންމައެވެ. އަދި އެ ސަރުކާރުގެ މުވައްޒަފުންނަކީ ކާފިރުން ކަމުގައި ނިންމައި އެމީހުންގެ ފަހަތުގައި ނަމާދުކުރުން ހުއްޓާލައެވެެ. އެމީހުން ދިރިއުޅޭ ބިމަކީ ކުފުރުގެ ބިމެއް ކަމުގައި ނިންމައެވެ." ހުތުބާގައި އިތުރަށް ފާހަގަ ކޮށްފައި ވެއެވެ.
އެބައިމީހުންގެ އެ ނުބައި ނިންމުންތަކުގެ ސަބަބުން އެގައުމުގެ މީހުންގެ މުދާ ފޭރުމާއި، މެރުން ހުއްދަ ކުރާ ކަމަށް ހުތުބާގައި ބުނެފައިވެއެވެ. އެވަރުން އަދި ނިމުނީއެއް ނޫނެވެ. މިބައިމީހުން އެހެން މީހުންނާ މުޅިން ވަކިވެގަނެއެވެ. އެހެން މީހުންގެ ސަލާމަށް ޖަވާބެއް ނުދެއެވެ. ވަރި ކައިވެނީގެ މުއާމަލާތްތައް ކޮށް އުޅެނީ ހަމައެކަނި އެމީހުންގެ މީހުންނާ އެކަނި ކަމަށާއި އެމީހުންނަށް ކައިވެނި ކުރާކަށް ޝަރުއީ ކޯޓުތައް ކަމަކު ނުދާ ކަމަށް ހުތުބާގައި ފާހަގަ ކޮށްފައިވެއެވެ. ނަމާދު ކުރުމަށް މިސްކިތްތަކެއް ވެސް އެމީހުނަކަށް ކަމަކު ނުދެއެވެ.
އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކު ވެސް މަސައްކަތް ކުރަންވީ އެމީހެއްގެ އަމިއްލަ ނަފްސާއި އާއިލާ މީހުންގެ ހިތްތަކުގައި އީމާންކަމުގެ އަސާސްތައް ވަރުގަދަކޮށް ހަރުދަނާ ކުރުމަށް ކަމުގައި ހުތުބާގައި ބުނެފައިވެއެވެ. އަދި އިސްލާމްދީނުގެ އަދާވަތްތެރިންގެ ބަސްތަކަށް ނާހާ އިސްލާމްދީނުގެ މަތީގައި ސާބިތުވެ ތިބުމަށް ހުތުބާގައި ނަސޭހަތްތެރިވެފަައި ވެއެވެ.