ހޯރަފުށީ އެއާޕޯޓް ހުޅުވުމާ ގުޅިގެން އަދުރޭގެ ތަހުނިޔާ ހޯރަފުށީ ރައްޔިތުންނަށް
ހޯރަފުށި އެއަރޕޯޓް ހުޅުވުމާ ގުޅިގެން އެރަށުގެ ރައްޔިތުންނަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) ތަހުނިޔާ ދަންނަވައިފިއެވެ.
އަދުރޭ މިއަދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ހޯރަފުށީ އެއަރޕޯޓް ހުޅުވުމުގެ މި އުފާވެރި ވަގުތު އެރަށުގެ ލޮބުވެތި ރަައްޔިތުންނަށް މަރުހަބާއާ ތަހުނިޔާ ދަންނަވާ ކަމަށެވެ. އަދި ހޯރަފުށީ ފަޅުތެރޭގަ އެއަރޕޯޓެއް އޮންނަން ޖެހޭނެ ކަމަށް ދެކެވަޑައިގެން އެ ވިސްނުންފުޅު ތިލަ ކުރައްވާ އެމަސައްކަތް ފެއްޓެވި ކުރީގެ ރައީސުލް ޖުމްހޫރިއްޔާ، ދިވެހި ރާއްޖޭގެ ޒަމާނީ ތަރައްގީގެ މޭސްތިރިޔާ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ހައްގު ޝުކުރާއި ތައުރީފު އަރިސް ކުރާ ކަމަށް ވިދާޅުވެފައި ވެއެވެ.
އަދުރޭ ވިދާޅުވީ ރައީސް ޔާމީންގެ އެ ވިސްނުންފުޅު ތިލަ ކުރެއްވުމާއެކު އެކަން ހަގީގަތަކަށް ހެދުމަށް ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު، މުހައްމަދު އިސްމާއިލް ކުރެއްވި ބުރަ މަސައްކަތް ފާހަގަކޮށް އެމަނިކުފާނަށް ވެސް ހައްގު ޝުކުރު ދަންނަވާ ކަމަށެވެ.
އަދުރޭ މިފަދައިން ވިދާޅުވިއިރު މުޙައްމަދު އިސްމާޢީލް ވެސް ވަނީ އެއަރޕޯޓާ ގުޅޭ ބައެއް ކަންކަން މީޑިއާގައި ހިއްސާކޮށްފައެވެ. އެގޮތުން އިއްޔެ އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ، މިދިޔަ އަހަރުގެ ބަޖެޓްގައި އެ އެއާޕޯޓްގެ މަސައްކަތް ހިމަނައިދިނުމަށް އެދި ބަޖެޓް ކޮމިޓީގެ މުގައްރިރަށް 2018 ވަނަ އަހަރު ހުށަހެޅި ސިޓީއެއް ވެސް ހިއްސާ ކޮށްފައި ވެއެވެ.