ކޮވިޑް-19: ރަށްފަޅުހުރާގައި ބޮޑު ކްލަސްޓާއެއް، ޖުމްލަ 89 މީހުން ފައްސިވެއްޖެ
އަލަށް ހަދަމުންދާ ރިސޯޓެއް ކަމަށްވާ ރަށްފަޅުހުރާއިން ކޮވިޑް-19 ގެ ބޮޑު ކްލަސްޓާއެއް ފެނިއްޖެއެވެ. އެގޮތުން އެ ރިިސޯޓުން މިހާތަނަށް 89 މީހުން ވަނީ ކޮވިޑަށް ފައްސިވެފައި ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ބުނެފައެވެ.
އެޗްޕީއޭގެ އެންމެފަހުގެ ސާވެލެންސް ޑޭޓާއަށް ބަލާއިރު، ފާއިތުވީ 24 ގަޑިއިރުތެރޭ 1678 ސާމްޕަލް ނަގާ، 94 މީހުން ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށް ދައްކާފައި ވެއެވެ. އޭގެތެރެއިން 49 މީހުން މާލެ ސަރަޙައްދުން ފައްސިވެފައި ވާއިރު، އަތޮޅުތެރެއިން ފައްސިވީ 45 މީހުންނެވެ. އަތޮޅު ތެރެއިން ފައްސިވީ މީހުންގެ ތެރެއިން 42 މީހުން ފައްސިވީ ރަށްފަޅުހުރާއިން ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސި) އިން ވަނީ ބުނެފައެވެ.
ރަށްފަޅުހުރާއިން މީގެ ކުރިން ވެސް 47 މީހުން ކޮވިޑް-19 އަށް ފައްސިވެފައި ވާތީ، މިހާރު އެރިސޯޓުން ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިވަނީ 89 އަށް އަރާފައެވެ.
އެރިސޯޓުން އެންމެ ފުރަތަމަ ކޮވިޑް ކޭސް އެއް ފެނިފައި ވަނީ މިމަހުގެ 15 ވަނަ ދުވަހުގައެވެ. އެރަށުން 249 ރޭންޑަމް ސާމްޕަލް ނެގިއިރު، 26 މީހުން ވަނީ ފައްސި ވެފައެވެ. އަދި އޭގެ އަނެއް ދުވަހު ވެސް 21 މީހުން އެރަށުން ކޮވިޑަށް ފައްސިވެފައި ވެއެވެ.
ހަތަރު ރަށެއްގެ މައްޗަށް ބެހިގެންވާ ރަށްފަޅުހުރާގައި 2000 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރާ ކަމަށް އެޗްޕީއޭ އިން މައުލޫމާތު ދެއެވެ.