ދީން

އޭ އިންސާނާއެވެ. ވަގުތު ފާއިތުވުމުގެ ކުރިން އިސްލާހުވާށެވެ.

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ދުނިޔެއަކީ ވަގުތީ ފާލަމެކެވެ. ދުނިޔެއާއި ދުނިޔޭގައި ވާހާ ހުރިހާ އެއްޗަކީ ވެސް ކޮންމެ ވެސް ދުވަހަކުން ފަނާވެގެން ދާނޭ އެއްޗެކެވެ. މިއަދު ކިތަންމެ އުފަލުގައި އަދި ކިތަންމެ ހިތްހަމަ ޖެހިފައި އުޅުނު ނަމަވެސް އެންމެ ފަހު ވަގުތު އެންމެން ވެސް ދާން އޮތީ ހަމަ އެއް މަންޒިލަކަށެވެ.

Ads by STELCO

މިއަދު ތިބާގެ ހަވާނަފްސަށް ހެއްލިގެން ތިބާގެ އެދުންތައް ފުއްދުމަށް ޓަކައި ތިބާ ބޭނުން ގޮތަކަށް އުޅެވިދާނެއެވެ. އެހެން ނަމަވެސް ދަންނާށެވެ. ތިބާގެ ނިމުން ތިބާ ގާތަށް އަންނާނީ ކޮން އިރަކުން ކަމެއް ތިބާއަށް ފަހެ އެނގޭ ހެއްޔެވެ؟ މިއަދު ކަމެއް ދިމާވިޔަސް ތިބާގެ މައިންބަފައިންނާއި ރަހުމަތްތެރިން ތިބާއަށް އެހީތެރި ވެދޭން އެބަ ތިއްބެވެ. އެހެން ނަމަވެސް ތިބާ މި ދުނިޔެއިން ދާ ދުވަހު ތިބާއާއެކު ދާނެ އެއްވެސް މީހެއް ނުވާނެއެވެ.

އެދުވަހުން ތިބާ ކިތަންމެ ބޭނުން ވިޔަސް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެއެވެ. ހުސްއަތާ ޖެހޭނީ ދާށެވެ. މާތް ﷲ ގެ އަމުރުފުޅަށް ތިބާގެ މަރު ތިބާ ބަލާ އަންނަ ހިނދު ތިބާ ރޯނެ ރުއިން ދެކޭނެ އެއްވެސް މީހެއް ނުހުންނާނެއެވެ. ފެންނާނީ ތިބާގެ ފުރާނަ ނެތް މަސްގަނޑެވެ. ތިބާ ރޮއެ އާދޭސް ކުރާ ޙާލު، ތިބާގެ ޢަމަލުތައް ރަނގަޅު ކުރުމަށް އަނބުރާ ދުނިޔެއަށް ފޮނުއްވައިދިނުމަށް އެދި އެދި ހުންނާނެއެވެ. އެހެން ނަމަވެސް ހަމަ ހިލާ އެހެނަކުން ނުވާނެއެވެ.

ތިބާގެ އުޅުން ރަނގަޅު ކުރަން ތިބާއަށް އެތަކެއް ފުރުސަތު ތަކެއް މާތްﷲ ދެއްވެވި ނޫން ހެއްޔެވެ؟ އެ ފުރުސަތު ތަކުގެ ބޭނުން ނުހަމަ ގޮތުގައި ހިފީ ތިބާގެ އަމިއްލަ އިޚްތިޔާރުންނެވެ. އެދުވަހު ވެސް ތިބާއަށް ތިބާގެ މަރު ބައްދަލު ކުރާނެ ކަން އެނގޭ ނޫން ހެއްޔެވެ؟ އަދި ތިބާގެ މަރު ތިބާ އާ ބައްދަލު ކުރާ ދުވަހަކީ ތިބާއަށް އެއްވެސް ކަމެއް ކުރެވޭނެ ދުވަހެއް ނޫންކަން ވެސް ތިބާއަށް ހަމަ ރަނގަޅަށް އެނގޭނެއެވެ. ފުރުސަތު ލިބި އެ ފުރުސަތުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ނުހިފީ ތިބާއެވެ.

އެހިނދު ތިބާ ކުރަން އެތައް ކަމެއް އޮއްވާ އަދި ތިބާ ވެފައިވާ އެތައް ވައުދުތަކެއް ފުއްދަން އޮއްވާ، އެންމެ ފަހުން ތިބާ ދުނިޔެ ދޫކޮށް ދާން ޖެހުމުން ކުރާނެ އިހުސާސް ނިކަން ކޮށްލާށެވެ. އަދި ފަހަށް ކަންކަން ބަހައްޓަނީ، ތިބާ މާދަމާ ވެސް ލޯހުޅުވާ ހޭއަރާނެ ކަމުގެ ޔަގީންކަން ތިބާއަށް އޮތީމަ ހެއްޔެވެ؟ އޭ މުސްލިމު އަޚާއެވެ. ކޮންމެ އާ ދުވަހަކަށް ވެސް ލޯ ހުޅުވާލެވުމަކީ ހާދަހާ ބޮޑު ނަސީބެކެވެ. ތިބާއަށް މިއަދު ވެސް އެތަކެއް ފުރުސަތު ތަކެއް ލިބިގެން ހިނގައްޖެ ނޫން ހެއްޔެވެ؟ މާދަމާ އެ ފުރުސަތު ތައް އަލުން ލިބޭނެ ކަމުގެ ޔަގީން ކަން އޮތީ ފަހެ ކާކަށް ހެއްޔެވެ؟ ވަގުތު އޮއްވާ ތިބާގެ އުޅުން އިސްލާހު ކުރާށެވެ. އަދި މާދަމާ ވެސް ތިބާ ދާއިމަށް ލޯ މަރާލަން ޖެހިދާނެކަން ގަބޫލުކުރާށެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!