މަރާއި ހަޔާތުގެ ހަގީގަތް: މާނަފުން ވާހަކަތަކެއް!
ބައެއް މީހުންނަށް ، އެމީހުންގެ ޙަޔާތާއި މަރަކީ ދުޝްމަނުންނެވެ. އެފަދަ މީހުންނަށް ޙަޔާތަކީ އުފަލާއި މަޖަލެވެ. އެނޫން ކަމެއް އޭގައި ނުވެއެވެ. އެފަދަ މީހުން އެންމެ ނުރުހޭ ކަމަކީ މަރާއި ބައްދަލު ކުރާން ޖެހޭ ކަމެވެ.
މަރާއި ޙަޔާތުގެ ވާހަކައަކީ ޢިބްރަތްތެރި މާނަފުން ވާހަކަތަކެކެވެ. މިކަމާމެދު މި ނަޒަރިއްޔާއިން ހިނދުކޮޅަކަށް ވިސްނަވާ ލެއްވުން ކީއްތޯއެވެ.
މަރާއި ޙަޔާތާ މެދު މިފަދަ ޝަކުވާތަކެއް ވެއެވެ. މަރު ބުނާ ފަދައެވެ.އަހަރެން ދެކެ އެންމެން ރުޅި އަންނައިރު ކަލޭ ދެކެ އެންމެން ލޯބި ވަނީ ކީއްވެގެން ހެއްޔެވެ؟ ޖަވާބުގައި ހަޔާތް ބުނެއެވެ. އަހަރެންނަކީ ރީތި އޮޅުވާލުމެކެވެ. ނަމަވެސް ކަލެއަކީ ހިތި ހަގީގަތެވެ.
ވަރަށް ވެސް ބޮޑު ހަގީގަތެކެވެ. އަޅުގަނޑުމެން އެންމެންނަށް ވެސް ހަޔާތަކީ ރީތި އޮޅުވާލުމެކެވެ. ދުނިޔޭގެ ދިރިއުޅުމުގައި އަޅުގަނޑުމެން މަގުފުރައްދާ އެތައް ކަންތައްތަކެއް ވެއެެވެ. އަޅުގަނޑުމެންނަށް އެތައް ކަމަކާ ކުރިމަތިލާން ޖެހެއެވެ. އަޅުގަނޑުމެން އެތައް ކަމެއް ހާސިލް ކުރަން ބޭނުންވެއެވެ. އެތައް ބަޔަކު އަޅުގަނޑުމެންނާ ބައްދަލުވެ އެތައް ބަޔަކު އަޅުގަނޑުމެންނާ ވަކިވެގެން ދެއެވެ. އެތައް އޮޅުވާލުންތަކެއް ދިރިއުޅުމުގައި ހިނގައިދެއެވެ. ނަމަވެސް އަޅުގަނޑުމެން އެންމެން ވެސް ބޭނުން ވަނީ ދިރިއުޅޭށެވެ. ދިގު އުމުރެއް ކޮންމެ މީހަކު ވެސް ބޭނުން ވެއެވެ.
އަޅުގަނޑުމެންގެ ހަޔާތަކީ ކިހާ ދިގުމިނެއްގެ އެއްޗެއް ކަމެއް އަޅުގަނޑުމެންނަކަށް ނޭނގެއެވެ. އެނގޭހާ ވެސް އެއްޗަކީ ދިރިއުޅުމުގައި ހާސިލް ކުރަން ބޭނުންވާ އެތައް ކަންތައްތަކެއް އެބަހުރިކަމެވެ. މަސައްކަތް ކުރަން ޖެހެނީ އާޚިރަތް ހޯދަން ކަމުގައި ވިޔަސް އަޅުގަނޑުމެންގެ ހަޔާތް އަޅުގަނޑުމެންނަށް އެތައް ދަޅަތަކެއް ދައްކައެވެ. ފާހިޝް އެތައް އަމަލަކަށް އަޅުގަނޑުމެން އަރައިގަންނަނީ ހަޔާތުގެ ރީތި އޮޅުވާލުންތަކަށް ހެއްލިގެންނެވެ. ދިރިހުންނަން ވެސް އަޅުގަނޑުމެން ބޭނުން ވަނީ ހަޔާތުގެ ރީތި ދަޅަތަކަށް ހެއްލިގެންނެވެ.
މަރު ދެކެ އަޅުގަނޑުމެން އެންމެން ވެސް ބިރުގަނެއެވެ. އަދި އެއްވެސް މީހަކީ އަވަހަށް މަރުވާން ބޭނުންވާނެ މީހެއް ނޫންކަން ގައިމެވެ. މަރުވާއިރު ވެސް ކުރަން ބޭނުންވާ އެތައް ކަމެއް ކޮންމެ މީހެއްގެ ވެސް ހުރެއެވެ. މަރަކީ ވާނެ އެއްޗެއްކަން އެންމެން ވެސް ގަބޫލު ކުރެއެވެ. މަރަކީ އެއްވެސް މީހަކު އެކަމާ ޝައްކު ކުރާ އެއްޗެއް ނޫނެވެ. އެއީ ހިތި ހަގީގަތެވެ. މިއަދު ވެސް ބަލައި އައިސްފި ނަމަ އަޅުގަނޑުމެންނަށް ދެކޮޅު ހެދެން ނޯންނާނެ ކަން ގައިމެވެ.
މިއަދު ހަޔާތުގެ ރީތި އޮޅުވާލުންތަކުގެ ދަޅަތަކަށް ހެއްލި އަޅުގަނޑުމެން އުޅޭނަމަ މަރުގެ ހިތި ހަގީގަތާ އަޅުގަނޑުމެން ކުރިމަތިލާން ޖެހޭނީ ހުސް އަތާއެވެ. އެކުވެރިޔާއެވެ. ހެޔޮ އަމަލުތައް މާދަމާއަށް ފަސްކުރަން ނުހަދާށެވެ. މިއަދުވެސް ތިިބާ މަރުގެ ހިތި ހަގީގަތާ ކުރިމަތިލާން ޖެހިދާނެއެވެ.