ކޮވިޑް-19: އިތުރު މީހަކު ރާއްޖެއިން ނިޔާވެއްޖެ

ރާއްޖެއިން ކޮވިޑް-19 ބަލީގައި އިތުރު މީހަކު ނިޔާވެއްޖެއެވެ.
މިއީ މިބަލީގައި ރާއްޖެއިން ނިޔާވި 46 ވަަނަ މީހާއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ ކޮވިޑް-19 އަށް ފަރުވާ ހޯދަމުންދިޔަ އުމުރުން 77 އަހަރު ދިވެހި ފިރިހެނަކު މިއަދު މެންދުރު 2:09 ގައި ނިޔާވެފައިވާ ކަމަށެވެ.
މިއަދު ނިޔާވީ ވެސް ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި މިބައްޔަށް ފަރުވާ ހޯދަމުންދިޔަ މީހެއް ކަމަށް ވެސް އެޗްޕީއޭ އިން މައުލޫމާތު ދީފައިވެއެވެ.
މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވާ، ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މި ހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون
އެޗްޕީއޭގެ އެންމެ ފަހުގެ ސާވެލެންސް ޑޭޓާއަށް ބަލާއިރު ރާއްޖެއިން މިބައްޔަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 12،578 އަށް އަރާފައެވެ. އަދި ބަލިން ފަސޭހަވީ މީހުންގެ ޖުމްލަ އަދަދު 11،559 އަށް އަރާފައިވެއެވެ.