ލައިފްސްޓައިލް

ފައިދާހުރި ދިރިއުޅުމަކަށް ނިދި މުހިންމު ވަނީ މިހެންވެ!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ފައިދާހުރި ދިރިއުޅުމަކީ ކޮންމެ މީހަކު ވެސް އުޅެން ބޭނުންވާނޭ ދިރިއުޅުމެކެވެ. ކޮންމެ ދުވަހެއް ފެށުމާއެކު ހުންނަ ޖޯޝާއި ފޯރި އެދުވަސް ނިމޭއިރުގައި ވެސް ބެހެއްޓުމަށް ބޭނުން ނުވާނީ ފަހެ ކާކު ހެއްޔެވެ؟ އެގޮތުން ނިންޖަކީ މިކަމަށް ވަރަށް ބޮޑު ރޯލެއް އަދާ ކޮށްދޭ އެއްޗެކެވެ.

މިސާލަކަށް ތިމާ ކޮންމެ ދުވަހަކު ވަޒީފާއަށް ދަނީ ހެނދުނު 8 ޖަހާއިރު ކަމުގައި ވަނީނަމަ، އެދުވަސް ފެށުމަށް ޓަކައި ފުރިހަމަ ނިންޖަކީ ވަރަށް މުހިންމު އެއްޗެކެވެ. ބައެއް މީހުން ދަންވަރު 3 ޖަހާއިރު ނިދައިގެން ގިނަ ފަހަރަށް ހެނދުނު 8 ޖަހާއިރަށް ދާންވާ އޮފީހަށް ދިއުމަށް އޮންނަނީ ނުހޭލެވިފައެވެ. އެހެން ނަމަވެސް ރޭގަނޑު އަވަހަށް ނިދަން އާދަކޮށް އޮފީހަށް އަވަހަށް ދެވޭހާ ތަނުގައި ހޭލުމަކީ ދުވަސް ފުރިހަމަ ވުމުގެ އިތުރުން ތިމާގެ "މޫޑް" ވެސް ރަނގަޅު ވާ ކަމެކެވެ.

އެހެން ނޫންނަމަ އޮފީހަށް ގޮސް ނިންޖާ ހަދައިގެން އޮފީހުގެ މަސައްކަަށް ބުރޫ އަރާ، އެކުގައި މަސައްކަތް ކުރާ އެހެން މީހުންނަށް ތިމާގެ ފަރާތުން ނޭދެވޭ އަސަރުތަކެއް ފެންނަ ކަމުގައި ވަނީ ނަމަ ތިބާގެ ދުވަސް ފުރިހަމަ ވޭހެއްޔެވެ؟ މުޅި ދުވަސް ދާނީ ޚަރާބު ވެގެނެއް ނޫން ހެއްޔެވެ؟ ދުވަހުގެ ފެށުން ރަނގަޅު ކުރެވިއްޖެ ކަމުގައި ވަނީ ނަމަ ދުވަހުގެ ބާކީ އޮތް ބައި ވެސް ދެން ދާނީ ރަނގަޅަށެވެ.

ހަށިގަނޑަށް ނިދި ލިބެންވާ ވަރަށް ނުލިބުމަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށިކޮށްލާ ފަދަ ކަމެކެވެ. ނަތީޖާއަކަށް ވެގެންދަނީ ތިމާ އެކި ކަހަލަ ބަލި ތަކަށް ހުށަހެޅިގެން ދިއުމެވެ. އާންމުކޮށް ހަމަ ނިދި ނުލިބި ހުންނަ މީހަކާ ބަރާބަރަށް ފުރިހަމަ ނިދި ލިބިފައިވާ މީހެއް ނިކަން އަޅާކިޔާލަ ބަލާށެވެ. ޖިސްމާނީ ސިފައިން އެކަނި ވެސް އެކަން އެނގިގެން ދާނެއެވެ.

މިއަދު އަޅުގަނޑުމެންނަށް ފެންނަމުން ދާ މަންޒަރަކީ ބައެއް ބޭފުޅުން ފޯނަށް ގެއްލި ރޭގަނޑުގެ ނިދި މަތިން ވެސް ހަނދާން ނައްތާލެވޭ މަންޒަރެވެ. މިފަދައިން ކަންތައް ވުމުގެ ސަބަބުން ތިމާ މަސައްކަތް ކުރާ އޮފީހުގެ ހާޒިރީއަށް ބުރޫއަރާ އެންމެ ފަހުން އޮފީހުން ވެސް ކަނޑާލަނީއެވެ. އަދި ތިމާގެ ހަށިގަނޑު މަޑުމަޑުން ބަލިވެގެން ގޮސް، ބޭނުންވާނީ ދުވާލު ގަޑީގައި އެއްކޮށް ނިދާށެވެ. އަދި ރޭގަނޑު ހޭލާ ހުންނާށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!