ބަލި ހުއްޓަސް ފްލޫ ކްލިނިކަށް ނުދާތީ ކަންބޮޑުވުން
ކޮވިޑް-19 ބަލީގެ އަލާމާތްތައް ހުރި ނަމަވެސް ފްލޫ ކްލިނިކަށް ނުދާ މައްސަލަތައް އިތުރުވެފައިވާ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ވިދާޅުވެއްޖެއެވެ.
އެ ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ފަހަކަށް އައިސް ހުން އައިސް ކެއްސުން ފަދަ އަލާމާތްތަކާއެކު ވެސް ބައެއް ފަރާތްތަކުން ވަޒީފާއަށް ނިކުންނަ ކަން ފާހަގަވެފައިވާ ކަމަށެވެ.
އަދި މިފަދަ ފަރާތްތަކުން ފްލޫ ކްލިނިކަށް ނުދިއުމަކީ ކަންބޮޑުވާން ޖެހޭ ފަދަ ކަމެއްގެ ގޮތުގައި ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ.
ޑރ. ނަޒްލާ އިތުރަށް ވިދާޅުވީ ކޮވިޑް ބަލި ފެތުރިފައިވާ ތަންތަނުގައި ވެސް މި ފަދަ މައްސަލަތަކެއް ފެންމަތި ވެފައިވާ ކަމަށެވެ.އަދި އެ ފަރާތްތަކުން ކޮންޓެކްޓް ޓްރޭސިން އަށް އެންމެ ފުރިހަމަ އަށް އެއްބާރުލުން ނުދޭކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަދި މިފަދައިން ކަންކަން ހިނގަމުން ދާނަމަ ބަލީގެ ނުރައްކާ ބޮޑުވެ، ކޮވިޑް-19 ގެ ދެވަނަ ރާޅެއް ބޯމަތިވުމަކީ އެކަށީގެންވާ ކަމަށާއި ހާލަތަށް ލުއި ދެވެން އޮތީ ކޮވިޑަށް ވެކްސިން ލިބުމުން ކަމަށް ޑރ ވިދާޅުވިއެވެ.