ދުނިޔެ

ސީރިއާގެ މި ބައްޕަ ދަރިފުޅަށް ދަސްކޮށްދިނީ ހިނިތުންވުމާއެކު ވެސް ބިރާ ކުރިމަތިލާން

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

މިއީ ސީރިއާގައި ދިރިއުޅެމުން ދާ ދަރިއަކަށް އެދަރިފުޅުގެ ބައްޕަ ދަސްކޮށްދިން ފުރިހަމަ މިސާލެކެވެ. ސީރިއާއަށް ކުރިމަތިވެފައިވާ މި ބިރުވެރި ދަނޑިވަޅުގައި ދިމާވާނެ އެކި އެކި ބިރުވެރި ކަންކަމާ ކުރިމަތިލާން އެ ދަރިފުޅުގެ ބައްޕަ ދަސްކޮށްދިން ގޮތުގެ ވާހަކައެވެ.

Ads by Sosun Fihaara

ސީރިއާގައި ދެން ބޮން އަޅާނީ ކޮން ތަނަކަށް އަދި ކޮން އިރަކު ކަމެއް ވެސް ނޭނގިހުއްޓާ ބޮން އަޅަމުން ގެންދަނީއެވެ. ނިކަމެތި ޅަދަރީން އެކަނިވެރިވެ އެކުދިންގެ މައިންބަފައިން ޝަހީދުވެ އެތައް މައުސޫމު ފުރާނަތަކެއް ނެތި ދަނީއެވެ. އެންމެންގެ ހިތްތަކުގައި ވެސް ވަނީ ބިރުވެރިކަމެވެ. މިފަދަ ހާލަތެއްގައި މި ބައްޕަ އެދަރިފުޅަށް އެދަސްކޮށްދިނީ އެފަދަ ޙާލަތްތަކަށް ބިރަކާނުލާ ހިނިތުންވެ ހުރެ ކުރިމަތިލާނެ ގޮތެކެވެ.

އަބްދުﷲ މުހައްމަދު ނަމަކަށް ކިޔާ ސީރިއާގައި ދިރިއުޅޭ މި ބައްޕަ އޭނަގެ ދަރިއަށް އެފަދަ ބިރުވެރި ކަމަކާއި ކުރިމަތިލާން ދަސްކޮށްދިނީ ވަރަށް ވެސް ތަފާތުކޮށެވެ. އަޅަމުންދާހާ ބޮންތަކާއި، އަންނަހާ މިސައިލް ތަކުގެ އަޑު އިވޭ ކޮންމެ ފަހަރަކު އަޑުލާ ހުނުމަށެވެ. އެކަމާ ބިރުނުގަނެ އެ އަޑު އިވުމުން މަޖާ ވުމަށެވެ. އެންމެ 4 އަހަރުގެ މި ދަރިފުޅު މިއަދު ވަނީ އެފަދަ ކަންކަމާ ހިނިތުން ވުމަކާއެކު ކުރިމަތިލާން ދަސްކޮށްފައެވެ.

ޢަބްދުﷲ މުޙައްމަދު ވަނީ އެގޮތަށް ބުނަމުން ބޮމެއްގެ އަޑު އިވޭއިރަށް ދެބަފައިން އެއްކޮށް ހެނިކޮށް ވީޑިއޯ ކުރުމަށް ފަހު ޓުވީޓު ކޮށްފައެވެ. ވީޑިއޯ ބަލާލި ކޮންމެ މީހެއްގެ ވެސް ހިތުގައި ޖެހިގެން ދާނެ ފަދަ ގޮތަކަށެވެ. އަޅުގަނޑުމެން ހެނީ މަޖާ ނުވަތަ ހެއްވާ ޒާތުގެ އަޑެއް އިވުމުންނެވެ. އެހެންނަމަވެސް އެ ނިކަމެތި ބައްޕަ، އެ ބައްޕަގެ އެންމެ 4 އަހަރުގެ އަންހެން ދަރިފުޅަށް ދަސްކޮށްދިނީ އެ ބިރުވެރި އަޑުތަކުން ވެސް ހިތްހަމަ ޖެހުން ހޯދާ ބިރު ނުގަނެ އެފަދަ ކަންކަމާ ހިނިތުންވެ ހުރެ ކުރިމަތިލާށެވެ. އެބައްޕަ ކުރާނީ ވެސް ފަހެ ކީއްހެއްޔެވެ؟ މަޖުބޫރީ ޙާލަތެއްގައި ބޮމާއި ބަޑީގެ އަޑު ނޫން އެހެން އަޑެއް ސީރިއާއިން ނީވެއެވެ.

 

މިއީ ނިކަމެތި ބައްޕައެއް ވަރަށް ހިތްވަރާއެކު ކުރި މަސައްކަތެކެވެ. ބައްޕަގެ ހިތްވަރުން މިހާރު އުމުރުން އެންމެ 4 އަހަރުގައި ވެސް އެދަރިފުޅަށް އެފަދަ ކަންކަމާ ހިނިތުންވެ ހުރެ ކުރިމަތިލާން ކެރެއެވެ. މާތް ﷲ ސީރިއާގެ އެންމެހާ މުސްލިމުންނަށް ސަލާމަތްކަން ދެއްވާށިއެވެ. އާމީން!

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!