މޯލްޑިވިއަންގެ ފްލައިޓުތައް ކެންސަލެއް ނުވޭ

މޯލްޑިވިއަންގެ ފްލައިޓުތައް ކެންސަލް ވި ކަމަށް ބުނެ ފަތުރަނީ ދޮގު ހަބަރެއް ކަމުގައި ގައުމީ އެއާލައިން މޯލްޑިވިއަން އިން ބުނެފިއެވެ.
މީސް މީޑިއާގައި މޯލްޑިވިއަންގެ ފްލައިޓުތައް ކެންސަލްކޮށްފައިވާ ކަމަށް ބުނެ ދައުރުވަމުންދާ ޕޯސްޓުގައި ބުނެފައިވަނީ ވީއައިއޭގެ ކްލަސްޓަރއަކާއި ގުޅިގެން މޯލްޑިވިއަންގެ ހުރިހާ ފްލައިޓެއް ކެންސަލް ވެފައިވާ ކަމަށެވެ.
ނަމަވެސް މޯލްޑިވިއަން އިން ވަނީ މިރޭ އެކަން ދޮގުކޮށްފައެވެ.
މޯލްޑިވިއަންގެ ރަސްމީ ޓްވިޓާއިން ކުރި ޓްވީޓެއްގައި ބުނީ އެ ކުންފުނީގެ އެއްވެސް ފްލައިޓެއް ކެންސަލް ކޮށްފައި ނުވާނެ ކަމަށެވެ. އަދި މީސް މީޑިއާގައި ދައުރުވާ ޕޯސްޓުގައި ވަނީ ހަގީގަތާ ހިލާފު ވާހަކަތަކެއްް ކަމަށް ވެސް ބުނެފައިވެއެވެ.
އަދި އެ އެއާލައިންގެ އެއްވެސް ފްލައިޓަކަށް ބަދަލު އަތުވެއްޖެނަމަ އެކަން އަންގަމުންދާނެ ކަމަށާއި މޯލްޑިވިއަން އާ ގުޅޭ އިތުބާރު މައުލޫމާތު ހޯއްދެވުމަށް އެ ކުންފުނީގެ ޓްވިޓަރ އެކައުންޓާއި ވައިބަރ އެކައުންޓުތައް ބެލުމަށް ވަނީ އެދިފައެވެ. އެ ކުންފުނީގެ މި އެކައުންޓުތަކަކީ ވެރިފައިޑް އެކައުންޓުތަކެވެ.