ހަގީގީ ހާދިސާ ރިޕޯޓް

ބަނަވެފައިވާ ޙަޔާތުގެ މާޔޫސީ ފޮތުން ޞަފުޙާއެއް!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ބުނެ އުޅޭތީ އަޑު އެހީމުއެވެ. "ޓައިމް ހީލްސް އެވްރީތިން" އެވެ. ވަގުތާއެކު ހުރިހާ ކަމެއް ވެސް ރަނގަޅުވާނެ ޔޯލައެވެ. ހިތް މިކަން ގަބޫލު ކުރަން ބޭނުން ނުވި ނަމަވެސް ސިކުނޑި ގޮވަމުން ދިޔައީ އެއީ ހަގީގަތެއް ކަމުގައެވެ. މިތަނުން އަހަރެން ގަބޫލު ކުރަންވީ ކޮން އެއްޗެއް ކަމެއް ޚުދު އަހަރެންނަކަށް ވެސް ނޭނގެއެވެ. ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ކީ ކަމުގައި ވީ ނަމަވެސް އަހަރެން ބޭނުންވަނީ މިކަމުން މިންޖު ވާށެވެ.

Ads by MWSC

އެއީ މީގެ ތިން އަހަރު ކުރީގެ ވާހަކައެކެވެ. މާޒީއާ ދޭތެރޭ ނުވިސްނާށޭ ބުނަމުން އަހަރެންގެ އަމިއްލަ ނަފުސަށް އަހަރެން އާދޭސް ކުރާވަރު އެނގޭނީ ވެސް އަހަރެންނަކަށް ނޫން ހެއްޔެވެ؟ ރުޅި ގަދަވާ އިރާއި، މާޔޫސްވެ ގިސްލެވޭ ވަގުތު ވެސް އާދެއެވެ. އެހެންނަމަވެސް އަހަރެން ބޭނުންވާ ގޮތަކީ މިއީކީ ނޫނެވެ. އެހެން މީހުންނާއެކު މަޖާ ކޮށް ހީ ސަމާސާ ކުރަން އަހަރެން ވެސް ބޭނުމެވެ. އެހެން ނަމަވެސް ހިތް އެކަމާ އިންކާރު ކުރަނީ ވިއްޔާއެވެ.

ދެރަވެއެވެ. މާޔޫސް ވެއެވެ. ގިސްލާ ރޯން ބޭނުން ވެއެވެ. އެހެން ނަމަވެސް އެކަމުގެ ސަބަބުން ވެސް އަހަރެންނަށް ލިބެނީ ވަގުތީ ހަމަޖެހުމެކެވެ. ދައްކަން ކިތަންމެ ވާހަކަތަކެއް އަދި ކުރަން ބޭނުންވާ އެތަކެއް ޝަކުވާތަކެއް އަހަރެންގެ ހިތާއި ސިކުނޑީގައި ބޮއްސުންލާން ކައިރިވެފައި އެބަ ހުއްޓެވެ. ނެތީ އެޝަކުވާ ތައް ކުރާނެ މީހެކެވެ. ސިކުނޑީގައި ފުނި ޖެހިފައިވާ ވާހަކަތައް ބޭރުކުރަން ހިތް އެދޭ މީހާއެވެ. ހަށިގަނޑުގެ ތަނަކަށް އަނިޔާ ވުމަށް ވުރެ މާ ވޭން ހުރި ކަމެކެވެ.

ވެފައިވާ ޒަޚަމުތައް ފެންނާން ނެތަސް އަހަރެންނަށް އެ ޒަޚަމުތަކުގެ އިހުސާސް އަބަދުމެ ކުރެވެއެވެ. މީހުންނަށް ފެންނަނީ އަހަރެންގެ އުފާވެރި މޫނެވެ. މާތްﷲ އިރާދަފުޅުން އަހަރެންގެ މި ބަލި މޫނު އެއްވެސް މީހަކަށް ނުދައްކާ ވޭތޯ އަބަދުވެސް މަސައްކަތް ކުރަމެވެ. ކުރިއަށް އޮތްތާ މަސައްކަތް ކުރާނަން ވެސް މެއެވެ. އަހަރެން ރޯ ރުއިމާއި އޮހުރުވާ ކަރުނަ އެންމެ ގާތުން ފެންނާނީ އަހަރެން ކޮންމެ ރެއަކު ނިދަން އަރާ އަހަރެންގެ ބޯ ބާއްވާލަން ގެންގުޅޭ ބާލީހަށެވެ.

އެހެން މީހުން އެހާ އުފާކޮށް މަޖާކުރާތަން ފެނުނީމަ އަހަރެންނަށް އަމިއްލަ ނަފުސުދެކެ ރުޅި އާދެވެނީއެވެ. އަމިއްލަ ނަފުސާ ސުވާލު ކުރެވެއެވެ. އެހެން މީހުންހެން މަޖާވެފައި، ހިތްހަމަ ޖެހިގެން ކަލޭ ނޫޅެނީ ފަހެ ކީއްވެ ހެއްޔެވެ؟ ހަގީގަތުގައި ބައެއް ފަހަރު ނަފުސަށް ގޯނާ ވެސް ކުރެވެއެވެ. އެހެން ނަމަވެސް ބޮޑު ގޯނާއެއް ނުދެމުއެވެ. ހިތް ހަމަޖެހޭނެ ކަމަށް ނަފުސަށް ގޯނާ ކުރެވެނީއެވެ. އެހެނަސް އެއީ އަހަރެންނަށް ކުރެވުނު ވަރަށް މޮޔަކަމެކެވެ. ހިތްހަމަ ޖެހުމުގެ ބަދަލުގައި ލިބުނީ ލަކުނެކެވެ.

ކޮންމެ ވަގުތެއްގައި ކޮންމެ ތަނެއްގައި ހުރި ނަމަވެސް ފެންކަޅި ވެދާނެއެވެ. މީހަކު ސަމާސާއަކަށް ދިމާ ކޮށްލި ނަމަވެސް އެކަމާ ދެރަ ވާނެއެވެ. ބުނެދޭން ނޭނގޭ އެތައް އިހުސާސް ތަކެއް އަހަރެންނަށް ކުރެވެއެވެ. އެހެންމީހަކު ރޯ ތަން ފެނުމުން އަހަރެން ހިތުގައި ޖެހެއެވެ. މިއީ ކުރިން އަހަރެންނަށް ވާ ގޮތްގޮތެއް ނޫނެވެ. މިހާ ބޮޑު ބަދަލުތަކެއް އަހަރެންގެ އަމިއްލަ ނަފުސަށް އައީތީ މިއަދު އަހަރެން އެކަމާ ހިތާމަ ކުރަމެވެ.

މަސައްކަތުގައި މާ ބުރަވާން ބޭނުންވަނީ ވެސް އެހެންވެ އެވެ. އެފަދަ ކަންކަމާ ދޭތެރޭ ވިސްނުމަށް އަހަރެންގެ ހިތަށް ފުރުސަތު ނުދިނުމަށެވެ. އެހެނަސް ސިކުނޑި އެއަށް ވުރެ މާ ލާނެތެވެ. ކިތަންމެ ބޮޑު މަސައްކަތެއްގައި ހުރި ނަމަވެސް ހުރެ ބަހައްޓާފައި މާޒީގެ ތެރެއަށް އަހަރެން ދަމައިގަންނަނީއެވެ. ހިތްހަމަ ޖެހިލައިގެން އަޑުން އަޑު ނަގާ ރޯނެ ފުރުސަތެއް ލިބޭނެ ދުވަހަކުން ރަނގަޅު ވާނެބާވައެވެ. މިއަދު އަހަރެންނަށް އަހަރެންގެ އެކަނިވެރިކަން ވަރަށް ބޮޑަށް އަނިޔާ ކުރެއެވެ. އާދޭސް ކުރާ ޙާލު އަހަރެން އެކަމުން މިންޖު ވުމަށް ގަނަތެޅޭ ޙާލުއެވެ.

އެހެންކަމުން ވަގުތާ އެކު ހުރިހާ ކަމެއް ބަދަލުވާނޭ ބުނެވޭ ބުނުމަކީ އަހަރެންނަށް ގަބޫލުކުރަން ވަރަށް ދަތި ކަމެކެވެ. އެހެން ނަމަވެސް ގަދަކަމުން އެކަން ވާނޭކަމުގެ އުއްމީދުގެ ހުޅުކޮޅު މިހިތުގެ ކޮންމެ ވެސް ހިސާބެއްގައި ފޮރުވިފައި ވާނޭކަން އަހަރެން ގަބޫލު ކުރަމެވެ. ބޭނުން ވަނީ ކަސްތޮޅު ތަކުން މިންޖުވެ އުފަލާއެކު އުމުރު ދުވަހަށް އުދުހިލާށެވެ. ކުރީގެ އެ މަޖާ މިޒާޖު އަނބުރާ ގެންނާށެވެ. މުޅި އުމުރަށް ވެސް އައު މަންޒިލެއް ދެކިލުމުގެ އުއްމީދުގައި ވާހާލުއެވެ.

 

Ads by PNC
  1. ޙަމްދު

    މިލިޔުން ލިޔެފައިވާ ލިޔުންތެރިޔާއަށް އެވޯރޑްއެއްދެއްވާ!!!

  2. ހީވޭ ހަމަ އަހަރެންގެ ހިތުގެ ށަކުވާތަކޭ