ލައިފްސްޓައިލް

ސުކޫލް ދައުރުގައި އެންމެ އެކުގައި އުޅުނު އެކުވެރިން މިއަދު ކޮބާ؟

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ސުކޫލް ދައުރަކީ އަހަރެމެން އެންމެންގެ ދިރިއުޅުމުގައި ވެސް އަންނަ ވަރަށް ހިތްގައިމު މޫސުމެކެވެ. އެ މޫސުން ނިމިގެން ދަނީ އަޅުގަނޑުމެންނަށް އެތައް ފިލާވަޅުތަކެއް ދަސްކޮށްދީފައެވެ. އަޅުގަނޑުމެންނަށް ދުވަހަކުވެސް ހަނދާނުން ފިލުވައިނުލެވޭނެ އެތަކެއް ހަނދާންތަކެއް ދޫކޮށްފައެވެ. ދަތި އުނދަގޫ ހާލަތްތަކާއި އުފާވެރި އެތައް ދުވަސްތަކަކާ އަޅުގަނޑުމެން އެ މޫސުމުގައި ބައްދަލު ކުރީމެވެ.

ސުކޫލު ދައުރަކީ ކުރު މުއްދަތެއް ނޫނެވެ. އެންމެ ފުރަތަމަ ޕްރީ ސްކޫލް ތައުލީމުން ފަށަމާ ހިނގާށެވެ. ބޭބީ ނާސަރީން ފަށައިގެން ގޮސް ޔޫކޭޖީއާ ހަމައަށެވެ. އެއަށްފަހު ގުރޭޑް އެކަކުން ފެށިގެން ގޮސް ގުރޭޑް 10އަކާ ހަމައަަށެވެ. މަތީ ސާނަވީ ތައުލީމް ހާސިލް ކުރާ ނަމަ ގުރޭޑް 11 އަދި 12 ވެސް ހިމެނޭހެންނެވެ. އެހެންކަމުން ސުކޫލް ދައުރުގައި ދިިރިއުޅުމުގެ ގިނަ ދުވަސްތަކެއް ކޮންމެ މީހަކު ވެސް ހޭދަ ކުރާނެއެވެ.

ރަށްފުށުގައި ކަންތައްތައް އޮންނަ ގޮތުން މާ ގިނައިން އައު ކުދިންތަކެއް ކުލާހަކަށް ކޮންމެ އަހަރަކު ނާންނާނެއެވެ. އަަންނަންޏާ ވެސް އަންނާނީ މާލޭގައި އުޅެފައި ނުވަތަ އެހެންވެސް ރަށެއްގައި އުޅެފައި ރަށަށް ބަދަލުވާ ރަށު ކުއްޖެކެވެ. އެ ރަށެއްގެ ސުކޫލްގައި ކިޔަވާނީ އެ ރަށެއްގެ ކުދިންނެވެ. މާނަ އަކީ ބޭބީ ނާސަރީން ފަށައިގެން ގޮސް ގުރޭޑް 10 ނިމެންދެން ކުލާހުގައި އުޅޭނީ އެއް ކުދިންތަކެކެވެ. ސުކޫލްގެ މަޖާ ވަގުތުތައް ހޭދަކުރާނީ އެއްބަޔަކާ އެކުގައެވެ.

މާލޭގައި ކަންތައްތައް ވާ ގޮތް ތަފާތެވެ. ކޮންމެ އަހަރަކު ވެސް އަތޮޅުތެރެއިން ކުދިންތަކެއް މާލެއަށް ބަދަލުވެއެވެ. އައު ކުދިންތަކެއް ކުލާހަށް އިތުރުވެ އައު ކުލާސް މޭޓުން ތަކެއް ލިބިގެން ދެއެވެ. އެހެންކަމުން އެކުގައި ތައުލީީމީ ހަޔާތް އެއްކޮށް ނިންމާލަން ލިބެނީ މަދު ދަރިވަރުން ތަކަކަށެވެ. ކޮންމެވެސް ސަބަބަކާ ހުރެ ސުކޫލް ނުވަތަ ކުލާސް ބަދަލުވާން ޖެހޭތީއެވެ. މިގޮތުން ބަލާއިރު، މާލޭގައި ކިޔަވާ ކުދިންނަށް ގިނަ ކުދިންތަކަކާ ސުކޫލް ދައުރުގައި ދިމާވެފައި ހުންނާނެއެވެ.

މި ދެހާލަތަށް ވެސް ބަލާލާއިރު ފެންނަނީ އެއްކަހަލަ މަންޒަރެކެވެ. އަތޮޅުތެރޭގެ ސުކޫލްތަކުގައި މާ ގިނަ ކުދިންތަކަކާ ދިމާ ނުވި ނަމަވެސް އެހާ ގިނަ ދުވަހު އެކުގައި އުޅުމުގެ ސަބަބުން އެކުވެރިކަން ވަރަށް ވަރުގަދަ ވާނެތާއެވެ. އެކަކު އަނެކަކަށް އެނގޭ މިންވަރު ބޮޑުވާނެތާއެވެ. ކުރު ގޮތަކަށް ދަންނަވާނަމަ އެކުދިންގެ އެކުވެރިކަން އެކަތައަށް ވުރެ ވެސް ވަރުގަދަ ވާނެތާއެވެ. މާލޭގައި ކިޔަވާ ދަރިވަރުންނަށް ބަލާލާއިރު، އެކުދިންނަށް ތައުލީމީ ހަޔާތުގައި ގިނަ ބަޔަކާ ދިމާވެފައި ހުންނާނެއެވެ. އެކި ރަށްރަށުގެ އެކި އާދަކާތަތަަކަށް އަމަލުކުރާ ކުދިންތަކަކާ އެކު އުޅެވޭނެއެވެ.

ކޮންމެއަކަސް، ސުކޫލް ދައުރުގައި ވަރަށް ގިނައިން ރައްޓެހިން ބައިބަޔަށް ބެހި "ކްރައުޑް" ހަދައިގެން އުޅޭ މަންޒަރު ފެނެއެވެ. އެކުގައި ޓިއުޝަންތަކަށް ގޮސް، އެކުގައި ގުރޫޕް ސްޓަޑީތައް ބާއްވާ މަންޒަރު ފެނެއެވެ. ސަކަރާތްގަނޑެއް ޖެހިޔަސް އެކުދިން އުޅޭނީ އެކުގައެވެ. ސުކޫލް ދައުރުގައި ދާން ޖެހޭ ވަޒީފާއެއް ނޯވެއެވެ. ޒިންމާއަކީ ބަސް އަހައިގެން މޮޅަށް ކިޔެވުމެވެ. އެހެންކަމުން ހުސްވަގުތުތައް ލިބޭ މިންވަރު ގިނައެވެ. ރައްޓެހިންނާ އެކު އެތައް ވަގުތެއް ހޭދަކުރެއެވެ.

ސުކޫލް ނިންމުމަށް ފަހު އެކި ކަންކަން ކުރަން ރައްޓެހިންނާއެކު މަޝްވަރާ ކުރީމެއް ނޫން ހެއްޔެވެ. ސުކޫލް ދައުރު ނިމުނު ކަމުގައި ވިޔަސް އެކަކު އަނެކަކާ އޮންނަ ގުޅުން ކަނޑާ ނުލުމަށް ވައުދު ވީމެއް ނޫން ހެއްޔެވެ. އަބަދުވެސް ތިޔަ "ކްރައުޑް" ބަދަހިކަން މަތީ ބާއްވަން ބޭނުންވިއެއް ނޫން ހެއްޔެވެ. އެހެން ނަމަވެސް ފެންނަނީ ކޮން މަންޒަރެއް ހެެއްޔެވެ؟

ސުކޫލް ދައުރު ނިމުމުން މަލަމަތި ބަދަލުވެއްޖެއެވެ. އެކަކު އަނެކަކާ ދުރުވީއެވެ. އެކަކަށް އަނެކަކު އުޅެނީ ކޮންތާކު ކޮން ހާލެއްގައި ކަމެއް ވެސް ނޭނގެއެވެ. މަގުމަތިން ފެނުނީމާ ގޮވާލައެވެ. ކޮފީއަކުން ދިމާވާން ވާނެ ކަމަށް ބުނެއެވެ. އެހެން ނަމަވެސް އެއަށްފަހު ބަޚަބަރެވެ. ދުވަސް ނިމޭއިރު އެ ރަހުމަތްތެރިޔާއާ ދިމާވިކަން ހަނދާން ވެސް ނުހުންނަނީއެވެ.

ދުނިޔެ ހިނގަނީ ތޮށަލި ދުޅައަށޭ ބުނާ ބީދައިން ހުރިހާ ކަމެއްވެސް ހާލަތާއި ވަގުތާއެކު ބަދަލުވެއެވެ. ތިބާގެ ކްލާސް މޭޓެއް މިއަދު މިނިސްޓަރަކަށް ވެދާނެއެވެ. ރައީސުލްޖުމްހޫރިއްޔާއަށް ވެދާނެއެވެ. ތަނެއްގެ މެނޭޖަރަކަށް ވެދާނެއެވެެ. ދީނީ އިލްމުވެރިއަަކަށް ވެދާނެއެވެ. އެހެން ނަމަވެސް، ކިތަންމެ މަތީ މަގާމަކަށް ދިޔަ ނަމަވެސް ކިތަންމެ ވަރަކަށް އިލްމު އުނގެނުނު ނަމަވެސް ސުކޫލް ދައުރުގެ ހަނދާންތައް ހިތުން ފޮހެލުމަކީ ވަރަށް ދެރަ ކަމެކެވެ. އެ ހަނދާންތަކަކީ ދިރިއުޅުން އުޖާލާ ކުރާ ވޮށެއް ފަދަ އެއްޗެއް ކަން ގައިމެވެ.

މިއީ ފުޅާ މައުޟޫއު އެކެވެ. ގިނަ ވާހަކަތަކެއް ދެއްކިދާނެ މައުޟޫއު އެކެވެ. ހަމަ އެންމެ ސުވާލެކެވެ. ސުކޫލް ދައުރުގައި އެކުގައި ތިބާއާއެކީ އުޅުނު އެކުވެރިން މިއަދު ކޮބައި ހެއްޔެވެ؟

Ads by Ooredoo
  1. ސުކޫލު

    ދެން ނުޖެހޭ އެމީހުން ކޮބައިތޯ ބަލާކަށް…

  2. ޖޫން

    އަދިވެސް އުޅެނީއެއްކޮން. އިރާދަކުރެއްވިއްޔާ ދެ ދުނިޔޭގަވެސް އެކުގައި.