މާލެހިޔާ ފުރަގަހުގައި ހުންނަ ފްލޫ ކްލިނިކްގެ ހިދުމަތް މެދުކަނޑާލަނީ

ކޮވިޑް-19އާ ގުޅިގެން މާލެހިޔާ ފުރަގަހުގައި ކުރިއަށް ގެންދިޔަ ފްލޫ ކްލިނިކްގެ ހިދުމަތް މެދުކަނޑާލަން ހަމަޖެހިފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.
އައިޖީއެމްއެޗުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މި ފްލޫ ކްލިނިކްގެ ހިދުމަތް މެދުކަނޑާލަން ނިންމާފައިވަނީ 29 ނޮވެމްބަރު 2020ވާ އާދީއްތަ ދުވަހުން ފެށިގެން ކަމަށެވެ.
މާލެހިޔާ ފުރަގަހުގައި ހުންނަ ފްލޫ ކްލިނިކްގެ ހިދުމަތް މެދުކަނޑާލަން ނިންމާފައި ވިޔަސް ސެނަހިޔާއިން ދެމުން ގެންދިޔަ ފްލޫކްލިނިކްގެ ޚިދުމަތް ކުރިއެކޭ ވެސް އެއްފަދައިން ދެމުން ގެންދާނެ ކަމަށް ވެސް އައިޖީއެމްއެޗުން ބުނެއެވެ.
މާލެހިޔާ ފުރަގަހުގައި ހުންނަ މި ފްލޫ ކްލިނިކުގެ ޚިދުމަތް މެދު ކަނޑާލަން ނިންމި ސަބަބެއް އައިޖީއެމްއެޗުން ހާމަ ކޮށްފައެއް ނުވެއެވެ.
މާލޭ ހިޔާ ފުރަގަހުގައި ހުންނަ މި ފްލޫ ކްލިނިކަކީ މާރިޗު 10ވަނަ ދުވަހުން ފެށިގެން ޓްރެވަލް ކްލިނިކެއްގެ ގޮތުގައި ހާއްސަ ކުރެވުނު ކްލިނިކެކެވެ. ރާއްޖޭން ބޭރަށް ދަތުރު ކުރުމަށް ފަހު، އެނބުރި އަންނަ މީހުންގެ ތެރެއިން ރޯގާގެ އަލާމަތްތައް ހުންނަ ފަރާތްތަކުން ޑޮކްޓަރަށް ދެއްކުމުގެ ކަންކަން އެ ކްލިނިކްގައި އެއިރު ކުރިއަށް ގެންދާ ގޮތަށް އޭރު ހަމަ ޖެއްސިއެވެ. ނަމަވެސް ނަމަވެސް ފަހުން ވަނީ ފްލޫ ކްލިނިކެއްގެ ގޮތަށް ބަދަލުކޮށް އާއްމުންގެ ތެރެއިންވެސް ހުމާ ރޯގާގެ އަލާމަތްތައް ހުންނަ ފަރާތްތަަކަށް ވެސް އެތަނަށް ޑޮކްޓަރަށް ދެއްކޭ ގޮތަށް އިންތިޒާމް ބަދަލު ކޮށްފައެވެ.