ޚަބަރު

ސިފައިންގެ ޚިދުމަތަކީ ރަންރިއްސާއި ޖަވާހިރާއި، މުދަލުން އަގުކުރެވޭނެ އެއްޗެއް ނޫން - ރައީސް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ސިފައިންގެ ޚިދުމަތަކީ ރަންރިއްސާއި ޖަވާހިރާއި، މުދަލުން އަގުކުރެވޭނެ އެއްޗެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

Ads by MWSC

ރައީސް މިހެން ވިދާޅުވީ އެމް.އެން.ޑީ.އެފް ގެ 66 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުން ހުވާކުރުމާއި ބަޑި ހަވާލުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި، ޅ.މާފިލާފުށީގައި މިއަދު ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ ސިފައިންގެ ހުވަޔަކީ ސިފައިންގެ ކުރިމަގު އޭގެ މަތީގައި ބިނާކޮށްދޭނެ ބިންގާ ކަމަށާއި، އެއީ މާތްވެގެންވާ އިސްލާމްދީނުގެ ޞައްޙަ ޢަޤީދާއާއި، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ މަތީގައި ސީދަލަށް އެޅިފައިވާ ބިންގަލެއް ކަމަށެވެ.

"އުދައެރުމާއި، އަލިފާނުގެ ހާދިސާތަކާއި، ވާރޭވެހި ފެންބޮޑުވުމާއި، ކަނޑުމަތީގެ ހާދިސާތަކުގައިވިޔަސް، އެންމެ ފުރަތަމަ ރައްޔިތުންނަށް އެހީވާން ނުކުންނަ އެއް ބަޔަކީ ދިވެހި ސިފައިން. ދިވެހި މަސްކަނޑުތައް ޙިމާޔަތް ކުރުމުގައި ވެސް، ދިވެހި ސިފައިން އަދާކުރަމުން އަންނަނީ ވަރަށް މުހިންމު ދައުރެއް." ރައީސް ޞޯލިހު ވިދާޅުވިއެވެ.

އަދި ސިފައިން ފުރިހަމަކުރި ތަމްރީނުތަކަކީ، މި ދެންނެވި ވަރުގަދަ ބިންގަލުގެ މަތީގައި ސާބިތުވެ ތިބެ، ދިވެހިރާއްޖެ ދިފާޢުކުރުމަށް ބޭނުންވާ ޖިސްމާނީ އަދި ނަފްސާނީ ޤާބިލްކަމާއި ހުނަރުވެރިކަމާއި ސިފަވަންތަ ސިފަތައް ޙާޞިލްކުރުމުގެ ތަމްރީނުތައް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އޭގެ ތެރެއިން ވެސް އެންމެ މުހިންމު ދެ ސިފަޔަކީ، ތެދުވެރިކަމާއި އަމާނާތްތެރިކަން ކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ކޮންމެ މީހެއްގެ ކިބައިގައި އިސްލާމީ އަޤީދާގައި ޢަމަލާއި ބަހުން ސާބިތުވެ ހުރުމުގެ ސިފައާއި، ކޮންމެ ޙާލަތެއްގައި ވެސް ޤައުމީ ޚިދުމަތުގައި ތިމާގެ އަމިއްލަ ނަފުސަށްވުރެ ދިވެހި ޤައުމު އިސްކުރުމުގެ ސިފައާއި، އެއިރެއްގައި ރައްޔިތުން ޤާއިމުކޮށްފައި އޮންނަ ޤާނޫނީ ވެރިކަމަށް ކިޔަމަންތެރިވެ، ޤާނޫނުގެ ވެރިކަން ދެމެހެއްޓުމަށް އެހީތެރިވުމުގެ ސިފަ ހަރުލާފައި ހުންނަން ޖެހޭނެކަ މުގައި ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

އަދި ޢަސްކަރިއްޔާއެއް އޮތުމުގެ ޙަޤީޤީ ބޭނުމަކީ، ހަނގުރާމަތަކާއި ލޭ އޮހޮރުވުންތަކުން ދުރުވެ، ޞުލްޙަ ޤާއިމްކުރުމާއި އަމާންކަން ދެމެހެއްޓުންކަމުގައި ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ވަނީ ޢަސްކަރީ ޤާބިލުކަން އިތުރުކުރަން ޖެހެނީ ޞުލްޙަ ދެމެހެއްޓުމަށް ކުރިމަތިވާ ގޮންޖެހުންތަކާއި ހުރަސްތައް ނައްތައިލުމަށް ކަމުގައި ރައީސް ހާމަ ކުރެއްވިއެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!