ލައިފްސްޓައިލް

ކޮފީއިން ކުރެވޭ އިތުރު ބޭނުންތައް އެނގޭތަ؟

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ކޮންމެ މީހަކީ ވެސް ބިޒީ ޝެޑިއުލެއްގައި އުޅެން ޖެހިފައިވާ މީހަކަށްވާއިރު ކޮފީއަކީ ގިނަ މީހުންގެ ބައިވެރިއެކެވެ. ބައެއް މީހުންނަށް އިންސްޓަންޓް ކޮފީ ނުވަތަ ވަގުތުން ތައްޔާރު ކޮށްލެވޭ ގޮތަށް ހުރިހާ ރަހައެއް ހެޔޮވަރުކޮށްގެން އުރަތަކުގައި ބާޒާރަށް ނެރެފައި ހުންނަ އިންސްޓަންޓް ކޮފީ ވަރެއް ނޯންނަނީ ވެސް މިސަބަބަކާ ހެދިކަމަށް ވެދާނެއެވެ. ނަމަވެސް ދަންނަވަންތޯއެވެ؟ އިންސްޓަންޓް ކޮފީއަކީ ސާފުކުރަން ބޭނުންކުރާ މާއްދާއެކޭ ވެސް ބުނެވިދާނެއެވެ.

Ads by Sosun Fihaara

ފޭސްމާސްކް

"އެންޓިއޮކްސިޑަންޓްސްއާއި ނިއުޓްރިއަންޓްސްއިން" މުއްސަނދި ކުރެވިފައިވާ އިންސްޓަންޓް ކޮފީއަކީ އެފަދަ ދެވަނައެއް ނެތް ފޭސްމާސްކެކެވެ. މޫނުގައި ހާކާލެވޭ ވަރަށް އިންސްޓަންޓް ކޮފީޕެކެޓް އޮލަކޮށްލުމަށް ބޭނުން ވާނީ ސައިސަމުސަލެއްހާ ފެންފޮދެކެވެ. މޫނުގައި އިންސްޓަންޓް ކޮފީ ފޭސްމާސްކް އެޅުމަކީ މޫނުގެ ހަންގަނޑުގެ ތެރެއަށް އެންޓިއޮކްސިޑަންޓްސްތައް ދަމައިގަނެ، މޫނުގައި ޖެހޭ ކުދި ރޫތައް ފިލުވާލަދީ، އިތުރަށް ރޫޖެހުން މަދުކޮށްދޭ އެއްޗެކެވެ. މީގެ އިތުރުން ކެފެއިންގެ ސަބަބުން ލޭގެ ހިނގުން ރަނގަޅުވެ ލޯކައިރި ކަޅުވުމުން ދުރުކޮށްދެއެވެ. ހަމަމިއާއެކު އިރުގެ އަތްވާއިއެކު އަންނަ އަލްޓްރާ ވައިލެޓްގެ ވިހަ ދޯދިތަކުން ހަންގަނޑަށް ލިބޭ ގެއްލުމުން  ވެސް ސަލާމަތްކޮށްދެއެވެ.

ގައިއުނގުޅާ ސްކަރަބް

އިންސްޓަންޓް ކޮފީއަކީ އޭގެ ޒާތުގައި އަރާމު އިހުސާސެއް ކުރުވާ ބޮޑީ ސްކްރަބްއެކެވެ. އިންސްޓަންޓް ކޮފީއިން ސްކްރަބްކުރުމުގެ ހަށިގަނޑުގައި ލޭގެ ހިނގުން ރަނގަޅުވެ، ސެލިއުލައިޓްސްއިން ދުރުކޮށްދެއެވެ. މީގެ އިތުރުން ހަންގަނޑުގައި މަރުވެފައި ހުންނަ ސެލްތައް ނައްތާލާ، ހަންގަނޑު އޮމާންވެފައި ޒުވާން ކަމަށް ދައްކައިދޭނެއެވެ. އިންސްޓަންޓް ކޮފީ ޕައުޑަރުގެ ތެރެއަށް ތާޒާ ކާށިތެޔޮ ފޮދަކާއި ސީސޯލްޓްކޮޅެއް އެޅުމަށްފަހު ސްކްރަބް ކުރަން ފަށަންވީއެވެ.

އަތްދޮންނަ ސައިބޯނި

މެންދުރަށް ނޫނީ ރޭގަނޑަށް ކައްކާލުމަށްފަހު ފިޔައާއި ލޮނުމެދު ވަސް ނުފިލައިގެން އުޅެން ޖެހެނީ މަދު ފަހަރަކު ނޫނެވެ. މިކަމަށް އޮތް ހައްލަކީ ފެންލައިގެން އަތްދޮވުމުގެ ކުރިން އިންސްޓަންޓް ކޮފީ ޕައުޑަރުން އަތް ސްކްރަބް ކުރުމެވެ. ރަނގަޅަށް އަތުގައި އެ ޕައުޑަރު ސްކްރަބް ކުރުމަށްފަހު ފެނުން ދޮވެލުމުން އަތުގައި ހުރި ފިޔައާއި ލޮނުމެދު ވަސް ފިލުމުގެ އިތުރުން އަތުގެ ހަންގަނޑު ވެސް އޮމާން ކޮށްދޭނެއެވެ.

ބަދިގެ ކައުންޓަރު ސާފުކުރަން ވެސް ފުދޭ

ނުރައްކާތެރި ކެމިކަލްތަކުން ގެދޮރު ސަލާމަތްކޮށް ބެހެއްޓުމަކީ މިއަދު ގިނަ މީހުން ސަމާލުކަން ދޭ ކަމަކަށްވާއިރު، އަމިއްލައަށް ގޭގައި ތައްޔާރުކުރާ ކްލީނިންގް އޭޖެންޓްސްއަކީ ވެސް މަގުބޫލު ޓްރެންޑެކެވެ. ބޭނުންވާ ހަމައެކަނި އެއްޗަކީ އިންސްޓަންޓް ކޮފީއާއި ފެންފޮދެކެވެ. މިއި ކިޗަން ކައުންޓާ ނުވަތަ ގްރެނައިޓްއާއި އުނދުން ކައިރީގައި ޖަހާފައި ހުންނަ ޓައިލްސްތަކަށް ބުރާފައި ހުންނަ ކާއެއްޗިއްސާއި ތެލާއި އެފަދަ ގިރިސްތައް ފިލުވަން އެންމެ އެކަށީގެންވާ އެއް ހައްލެވެ. ނަމަވެސް ކެޕެޓް ނޫނީ ވޯލްޕޭޕާ ހަރުކޮށްފައި ހުންނަ ތަންތާނގައި އިންސްޓަންޓް ކޮފީ ކްލީނިންގް އޭޖެންޓް ބޭނުން ކުރަން ހެޔޮވެސް ނުވާނެއެވެ. ދެން އުޅެންޖެހޭނީ ކުލަ ނުފިލައިގެންނެވެ.

ވަސް މީރު ކުރުމަށް

މިހާރު ވަރަށް ގިނަ ތަންތަނުން ކޮފީއަކީ މީރުވަސް ދުއްވުމަށް "އެއަރފްރެޝްނާ" އެއްގެ ގޮތުގައި ބޭނުން ކުރެވެއެވެ. ހެނދުނުގެ ނިދިން ނުވަތަ ވަރުބަލިކަން ފިލުވާލުމަށް ވެސް ކޮފީގެ ވަސް ފުދެއެވެ. ހިތަށް ފިނިކަން ގެނައުމަށް ވެސް ކޮފީ ވަރެއް ނެތެވެ. އެހާމެ ހިތްހަމަ ޖައްސައިދޭ އަދި ދުވަސް އުޖާލާ ކޮށްދޭ ފަދަ ވަހެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!