އަބަދު މެސެޖު ނުކޮށް ގުޅައިގެން ވާހަކަ ދައްކާ، އެއީ ގުޅުން ވަރުގަދަ ވާ ކަމެއް!
ތިބާގެ ފޯނު ރިންގު ވަނީއެވެ. ރިންގު ވަމުން ގޮސް ފޯނު ކެނޑުނު އިރު ވެސް ތި އިނީ ބަލަހައްޓައިގެންނެވެ. ހަމަ ކެނޑުމާއެކު ފޯން ނަގައި ފަރިތަ ކަމާއެކީ ކިހިނެއްވީ ތޯ ސުވާލުކޮށް މެސެޖެއް ތި ފޮނުވީ ވެސް ހަމަ ތިބާ އެވެ. މިއީ ތިބާގެ އެކަނި ވާހަކަ އެއް ނޫނެވެ. ޚުދު އަޅުގަނޑުގެ ވެސް ވާހަކަ އެވެ.އަދި މުޖުތަމަޢުގެ ގިނަ ބައެއްގެ ވާހަކަ ވެސް މެއެވެ. އަދި މީގެ މޮޅު ކަމަކީ މިގޮތަށް ކަންތައްތައް ކުރުމަށް ފަހު އެކުވެރިން ގެއްލޭ ވާހަކަ އާއި، ގުޅުންތައް ހީނަރުވާ ވާހަކަ ވެސް ދައްކަނީ ހަމަ ތިބާއަށް ވާތީއެވެ.ކޮއްކޯއެވެ. އަދި ތި ކަންތައް ކުރެވެނީ އެންމެ ރަގަޅަށް ނޫނެވެ. އަބަދު މެސެޖު ކުރުމުގެ ބަދަލުގައި ގުޅައިގެން ވާހަކަ ދައްކައިފިނަމަ ދެރައެއް ލިބެނީ ހެއްޔެވެ.
ހަމަ ގައިމުވެސް މެސެޖު ކުރުމުގެ ބަދަލުގައި ގުޅައިގެން ވާހަކަ ދެއްކުމުން ތިބާއާ އަނެކާއާ ދެމެދު އޮންނަ ގުޅުން ވަރުގަދަ ވާނެއެވެ. ދާދިފަހުން ދިރާސާ އަކުން މިވަނީ މިކަން ސާބިތު ވެސް ކޮށްދީފަ އެވެ. ގުޅައިގެން ވާހަކަ ދެއްކުމުން ވާހަކަ ދައްކާ ދެމީހުންނަށް ގާތްކަން އިޙްސާސް ކުރެވި ގުޅުން ރަނގަޅު ވެގެން ދާ ކަން މި ދިރާސާއިން ވަނީ ހާމަވެފައެވެ. ނަމަވެސް ބައެއް މީހުންނަށް ގުޅައިގެން ވާހަކަ ދެއްކުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ދައްކާނެ ވާހަކަ ނޭނގި ފޯނު ކަނޑާލަނީ ވެސް މަދު ބަޔަކު ނޫނެވެ. އަދި ގުޅައިގެން ވާހަކަ ދައްކާ ނަމަ ދައްކަން ބޭނުންވާ ވާހަކަތައް ދެއްކުމަށް ބައެއް މީހުން ފަސް ޖެހެއެވެ. ނަމަވެސް ގިނައިން ގުޅައިގެން ވާހަކަ ދައްކަން ފެށުމުން މި ދުރުކަން މަޑު މަޑުން ނެތި ގޮސް އަނެކާއާ ވާހަކަ ދައްކަން ނުހަނު ފަސޭހަ ވެދެއެވެ.
200 މީހުންނާއި އެކު ކުރި ދިރާސާއަކުން ހާމާވި ގޮތުގައި ދުވަސްވީ އެކުވެރިންނާއި ގިނަ ދުވަހަށް ބަދަލުވުމުއް ނެތް ގުޅުމެއް ޤާއިމް ކުރުމަށް ގުޅައިގެން ވާހަކަ ދެއްކުން މުހިއްމެވެ. މި ގޮތައް ވާހަކަ ދެއްކުމުން އަނެކާގެ އިޙްސާސް ތައް ފަސޭހައިން ދެނެގަނެވި ގާތް ގުޅުމެއް އާލާ ވެގެން ދެއެވެ. ނަމަވެސް މެސެޖް ކުރާއިރު އަނެކާގެ އިޙްސާސް ތައް ދެނެގަތުމަށް އުނދަގޫވެ ދެމީހުންގެ މެދުގައި ނުތަނަވަސްކަން އުފެދުމަށް މެދުވެރިވެފައި އެބަހުއްޓެވެ. މީގެ އިތުރުން ވެސް އެހެނިހެން ދިރާސާ ތަކުން ވެސް މެސެޖު ކުރުމަށް ވުރެ ގުޅައިގެން ވާހަކަ ދެއްކުމުގެ ފައިދާ ބޮޑުކަން ހާމަ ވެއެވެ.
ދެބަސް ނުވެވޭނެ ހަޤީޤަތަކީ މެސެޖު ކުރުމަށް ވުރެ ގުޅައިގެން ވާހަކަ ދެއްކުމުން ވަގުތު ސަލާމަތްވެ ދައްކަން ބޭނުންވާ ގިނަ ވާހަކަ ދެއްކޭ ކަމެވެ. އަދި އެކަކު އަނެކަކަށް ވާހަކަ ދައްކާ އަޑު އިވުމުން ލިބޭ ހިތްހަމަޖެހުން ވެސް ބޮޑު ކަމެވެ. އަދި ދެ މީހުންނަށް ގާތް އިހްސާސެއް ކުރެވޭ ކަމެވެ. ހަމަ ގައިމުވެސް މީގެ ސަބަބުން ގުޅުންތައް އެތައް ގުނައެއް ރަނގަޅުކޮށް ކޮށްދޭނެއެވެ. ދެން ވެސް ފޯނު ކެނޑެންދެން ބަލަހައްޓައިގެން ނުހުރެ ޖަވާބުދީ ބަލާށެވެ. މެސެޖު ކުރުމަށް ވުރެ ގުޅައިގެން ވާހަކަ ދެއްކުމުން ގުޅުން ރަނގަޅުވޭތޯ އަމިއްލަ އަށް އަޖުމަ ބަލައިލާށެވެ.