ރައީސް ޔާމީން މިނިވަންވެގެން ޤައުމާ ހަވާލުވެ ވަޑައިގަތުމަކީ މިއަދު ޤައުމުގެ ގޮވުން: މުޢިއްޒު
ޤައުމު މިހާރު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ކުރެއްވޭނީ ހަމައެކަނި ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީނަށް ކަމަށާއި މިއަދު ޤައުމު ގޮވަނީ ރައީސް ޔާމީން މިނިވަންވެގެން ޤައުމާ ހަވާލުވެ ވަޑައިގަތުމަށް ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް، އަދި ރައީސް ޔާމީނުގެ ކެބިނެޓުގައި ހައުސިން މިނިސްޓަރުގެ މަޤާމުގައި ހުންނެވި ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޑރ.މުޢިއްޒު މިފަދައިން ވިދާޅުވީ މަލީ ލޯންޑާކުރުމުގެ ކުށުގައި ރައީސް ޔާމީން ޖަލަށް ލާފައި ހުންނަތާ އެއް އަހަރު ފުރުމުން އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން އިއްޔެ އިދިކޮޅު އިއްތިހާދުން ކުރިއަށް ގެންދިޔަ ކަނޑުމަތީ އިހުތިޖާޖުގެ ތެރެއިންނެވެ.
ޑރ.މުޢިއްޒު ވިދާޅުވި ގޮތުގައި ރައީސް ޔާމީނު މިނިވަންވެވަޑައިގެން ޤައުމުގެ ވެރިކަމާ ހަވާލުވެ ވަޑައިގަތުމަކީ މިހާރު މުޅި ޤައުމުގެ ގޮވުން ކަމުގައެވެ. އަދި އެއީ ޤައުމުން އެދޭ އެންމެ ބޮޑު އެދުން ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ރައީސް ޔާމީން ޖަލުގައި ހުންނަވާތާ 1 އަހަރުވީއިރު އެމަނިކުފާނު ޖަލުން ސަލާމަތް ކުރުމަށް އިދިކޮޅު އިއްތިހާދުން ވަރަށް ބޮޑަށް މަސައްކަތްކުރި ކަމަށާއި، ނަމަވެސް ނާއިންސާފުން ރައީސް ޔާމީނުގެ މައްޗަށް ކުރި ހުކުމާ ގުޅިގެން އިންސާފު ހޯދުމަށް ކުރި މަސައްކަތުގައި މި ސަރުކާރުން އެއްވެސް މިންވަރެއްގެ އެއްބާރުލުމެއް ލިބިފައިނުވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ޔާމީން ހުރަގެއަށް ލުމަށްފަހު ސަރުކާރުން ދަނީ މި ޤައުމުގެ މިނިވަންކަން ނިގުޅައިގަނެ، ޤައުމުގެ ޤައުމުގެ މުސްތަޤުބަލު ބަނަކުރަމުން ކަމަށާއި، އެކަން ބަލަހައްޓައިގެން ތިބުމަކީ ކުރެއްވޭނެ ކަމެއް ނޫން ކަމުގައިވެސް ޑރ.މުޢިއްޒު ވިދާޅުވިއެވެ. އެހެންކަމުން މި ހަރަކާތަކީ ރައީސް ޔާމީން ބަންދުކޮށްފައި ހުރި ހިސާބަށް ގޮސް އިހުތިޖާޖު ކުރުމަށް ކުރާ މަސައްކަތެއް ކަމުގައިވެސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.
ކާކު ދެނަހުރި ކަމެއް ތީ. ޢަހަރެމެން ނޫޅޭން ވަގުންނާ ޤައުމު ހަވާލު ކުރާކަށް. އަލުން އިތުރު 25 އަހަރުގެ ހުކުމް އިއްވާފަ އަނދަގޮޑިޖަހާ ތިޔަބޮޑު ވަގު