ފްލައިން ސްކޫލު ދަރިވަރުންނާއި މެދު އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނަން: ނަހުލާ

އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އައްޑޫގައި ހިންގަމުން އަންނަ ފްލައިންގް ސްކޫލް) ގައި ކިޔަވަމުން އަންނަ ދަރިވަރުންނާމެދު އިޙްމާލުވެފައިވާ ފަރާތްތަަކަށް ފިޔަވަޅު އަޅާނެ ކަމަށް، ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
މިއަދު ކަމަނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އައްޑޫގައި ގާއިމް ކޮށްފައިވާ ފްލައިންގ ސްކޫލްގައި ކިޔަވަމުންދާ ކުދިންނާމެދު ބޭއިންސާފުން އަމަލު ކުރެވެމުންދާތީ އެކަން ކުށްވެރި ކުރައްވާ ކަމަށާއި ކަންތައްތައް ހައްލު ކުރުމަށް މަސައްކަތް ކުރެވެމުންދާ ވަގުތެއްގައި ކިޔަވާ ކުދިންނާމެދު ބޭއިންސާފުން އަމަލު ކުރެވެމުންދާތީ އެކަމަށް އިހުމާލު ވެފައިވާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.
މިނިސްޓަރު ނަހުލާ މިފަދައިން ޓްވީޓް ކުރައްވާފައިވާއިރު، ފްލައިން ސްކޫލުން އިތުރު 15 ދަރިވަރަކު މިއަދު ވަކި ކޮށްފައި ވާތީ، މީސްމީޑިޔާގައި ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ދަރިވަރުން ވަކިކުރި ސަބަބެއް ކަމަށް ދަރިވަރުންނަށް އަންގާފައި ވަނީ އެ ސްކޫލުން ގަބޫލުކުރާ މިންގަނޑަށް ކޯސް ފުރިހަމަ ކޮށްފައި ނުވުމެވެ. މީގެ ކުރިން ވެސް ކުދިން ތަކެއް ފްލައިން ސްކޫލުން ކަނޑާލި މައްސަލަ ސިވިލް އޭވިއޭޝަން އޮތޯރިޓީ އިން އަންނަނީ ބަލަމުންނެވެ.
ފްލައިން ސްކޫލުގެ ދަރިވަރުންތަކެއް ކަނޑާލާފައިވާއިރު ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އިން ވެސް ވަނީ ފްލައިން ސްކޫލުގެ އަމަލުތައް ކުށްވެރިކޮށް މިދިޔަ މަހު ބަޔާނެއް ނެރެފައެވެ.