ނަޒްރާގެ އެކްސިޑެންޓު މަރުގެ ތަހުގީގަކަށް

ހުކުރު ދުވަހު މާލޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ މަރުވުމުން އެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ 27 ނޮވެމްބަރު 2020 ވީ ހުކުރު ދުވަހުގެ ރޭ 22:00 ހާއިރު ބާރު ސްޕީޑުގައި، މާލޭ އަމީނީމަގުން ދަރުމަވަންތަ ހޮސްޕިޓަލާވީ ދިމާ ބޭރުން ނިކުތް ސައިކަލެއް ކޮންޓްރޯލު ނުވެ ގޮސް ދުވާ ޓްރެކް މައްޗަށް އެރި ކަމަށާއި މި އެކްސިޑެންޓު ހިނގިއިރު ސައިކަލު ދުއްވަން އިން 24 އަހަރުގެ ދިވެހި ފިރިހެން މީހާގެ ލައިސަންސް ނެތް ކަމަށެވެ.
ނިޔާވެފައި ވަނީ އައިޝަތު ނަޒްރާ ނަމަކަށް ކިޔާ 24 އަހަރުގެ ޒުވާނެކެވެ.
އޮންލައިން ނޫހެއް ކަމަށްވާ "މިހާރު" އަށް މައުލޫމާތު ދެމުން ސައިކަލު ދުއްވަން އިން ނަޒްރާގެ ލޯބިވެރިޔާ ވަނީ އެކްސިޑެންޓު ހިނގީ ބާރަށް ސައިކަލު ދުއްވުމުގެ ސަބަބުން ނޫން ކަމަށް ބުނެފައެވެ. އޭނާ ބުނީ އެކްސިޑެންޓު ވީ އެމަގުން ދަނިކޮށް އެތަނުގައި ހުރި މީހަކު ނަޒޫއާ ފޮށުމުން އޭނާ ފަހަތަށް ބަލަން ހަދައިގެން ކަމަށެވެ.
ނަމަވެސް މިހާދިސާގެ މައުލޫމާތު ދެމުން ފުލުހުން ބުނެފައި ވަނީ އެކްސިޑެންޓު ވެފައިވަނީ އަމީނީ މަގުން ދަރުމަވަންތަ ހޮސްޕިޓަލާ ދިމާލަށް ބާރު ސްޕީޑުގައި ނުކުތް ސައިކަލް ކޮންޓްރޯލް ނުވެ ދުވާ ޓްރެކް މައްޗަށް އެރުމުން ކަމަށެވެ.