ޚަބަރު

ސަރުކާރުން ނަގާ ލޯނުތަކުގެ ފުރިހަމަ މައުލޫމާތު ރައްޔިތުންގެ މަޖިލީހަށް ފޯރުކޮށްދޭންޖެހޭ : އީވާ

ރައުފާ ރަޝީދު ، ދެން އޮންލައިން

ސަރުކާރުން ނަގާ ލޯނުތަކާއި ވިއްކާ ބޮންޑާއި ސުކޫކްތަކުގެ ފުރިހަމަ މައުލޫމާތު ރައްޔިތުންގެ މަޖިލީހަށް ފޯރު ކޮށްދޭން ޖެހޭނެ ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އީވާ މިހެން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓު ދިރާސާކޮށް މަޖިލީހުގެ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓަށް ތަޅުމުގައި ކުރިއަށްދާ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

އަންނަ އަހަރުގެ ބަޖެޓުގައި އާމްދަނީ ހޯދަން ހިމަނާފައިވާ 300 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކު ވިއްކުމުގެ މަސައްކަތް ސަރުކާރުން މިހާރު ވެސް ފަށާފައިވާކަން އީވާ ވަނީ ހާމަ ކުރައްވާފައެވެ. އެހެން ނަމަވެސް މިކަމުގެ އެއްވެސް މައުލޫމާތެއް ސަރުކާރުން މަޖިލީހަށް މިހާތަނަށް ހިއްސާ ކޮށްފައެއް ނުވެއެވެ.

މިކަމާ ގުޅިގެން އީވާ ވަނީ ދައުލަތުން ނަގާ ލޯނުތަކާއި، ވިއްކާ ބޮންޑާއި ސުކޫކްތަކުގެ އިތުރުން ދައުލަތުން ދޫކުރާ ގެރެންޓީތަކުގެ ފުރިހަމަ މައުލޫމާތު ކޮންމެ ކުއާޓަރެއްގައި މަޖިލީހަށް ހުށަހަޅަންޖެހޭ ގޮތަށް ކޮމިޓީގެ ރިޕޯޓަށް އިސްލާހެއް ހުށަހަޅުއްވާފައެވެ.

"އަޅުގަނޑުގެ ވާހަކައަކީ މިއަދާ ހަމައަށް ވެސް ރައްޔިތުންގެ މަޖިލީހަށް އެކަހަލަ މަސައްކަތެއް ހިނގާނަމަ، އެނގެން ޖެހޭނެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް. މީކީ ހަމައެކަނި ސިއްރު ސިއްރުން. ނުވަތަ ސިއްރުން ނޫނަސް ހަމައެކަނި ފިނޭންސް މިނިސްޓްރީން އެކަނި ކުރެވޭނެ ކަމެއް ނޫނޭ،" އީވާ ވިދާޅުވިއެވެ.

މީގެ އިތުރުން އީވާ ވަނީ ސަރުކާރުން އެކި ފަރާތްތަކަށް ދޫކޮށްފައިވާ ސޮވެރިން ގެރެންޓީތައް ފިނޭންސް މިނިސްޓްރީން ފުރިހަމައަށް މޮނިޓާކޮށް، މަސައްކަތުގެ މައުލޫމާތު މަޖިލީހާ ހިއްސާ ކުރަން ޖެހޭ ގޮތަށް ބަޖެޓު ކޮމިޓީގެ ރިޕޯޓަށް އިސްލާހެއް ވެސް ހުށަހަޅުއްވާފައެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން 34.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވާއިރު، އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރަނީ 17.8 ބިލިއަން ރުފިޔާއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!